މިއަހަރުގެ ޖޫން މަހު އިނގިރޭސިވިލާތުގެ ކޯންވޯލްގައި ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި ވާ ޖީ-7 ސަމިޓްގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރީ މޯދީއަށް އަރުވާފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމުގެ އިއްތިހާދު ނުވަތަ ގުރޫޕް އޮފް ސެވަން މި ދައުރުގެ ރިޔާސަތު ބަލަހައްޓަނީ އިނގިރޭސިވިލާތުން ކަމަށް ވާއިރު، އެ ގައުމުން ވަނީ، އޮސްޓްރޭލިއާއާއި ދެކުނު ކޮރެއާގެ ލީޑަރުންނަށްވެސް މި ސަމިޓްގައި މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.

ޖޫން މަހުގެ ޖީ-7 ސަމިޓް ވާނީ، އެމެރިކާގެ ރިޔާސަތާ ޖޯ ބައިޑަން ހަވާލުވެވަޑައިގަތުމަށްފަހު މޫނާއި މޫނު ބައްދަލުވާ ގޮތަށް ކުރިއަށް ގެންދަވާ މި ފެންވަރުގެ ފުރަތަމަ ބައްދަލުވުމަށް ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ހަބަރު ދެއެވެ. އެންމެ ފަހުން އޮތް ޖީ7ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު، އެމެރިކާގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އަދުގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ލިބިވަޑައި ނުގަތީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.

ދުނިޔޭގެ އާމްދަނީގެ 58 ޕަސެންޓް ހިއްސާކުރާ ޖީ7ގެ ބްލޮކްގައި ހިމެނެނީ ކެނެޑާ، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، އިޓަލީވިލާތް، ޖަޕާން، އިނގިރޭސިވިލާތް އަދި އެމެރިކާއެވެ. ޖޫން މަހުގެ 11 އިން 13 އަށް ކޯންވޯލްގައި ކުރިއަށް ގެންދަން ތާވަލު ކޮށްފައި ވާ ޖީ-7ގެ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ލީޑަރުންގެ ނަންފުޅުތައް އަދި ކަށަވަރެއް ނުވެއެވެ.

މި ދަނޑިވަޅަކީ އިނގިރޭސިވިލާތުގައި ރެކޯޑް އަދަދުތަކުން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ ދަނޑިވަޅެކެވެ. ކޮރޯނާވައިރަހުގެ އާ ވޭރިއަންޓަކާވެސް އެ ގައުމަށް ކުރިމަތިލާން ޖެހިފައި ވާއިރު، ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ދާދި ފަހުން އިންޑިއާއަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅުވެސް ކެންސަލް ކުރައްވާފައެވެ.

އިންޑިއާ ދަތުރުފުޅު ކެންސަލް ކުރެއްވުމަށްފަހު ޖޯންސަން ވަނީ މޯދީއާ ފޯނުން ގުޅުއްވާފައެވެ. އަދި މިހިނގާ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު (3 މަސްދުވަސް) ގެ ތެރޭގައި އިންޑިއާއަށް ވަޑައިގެންނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޖޯންސަން، މޯދީއަށް ދެންނެވި ކަމަށް މައުލޫމާތު ލިބެއެވެ. އެއީ އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމު ބައިވެރިވާ ޖީ-7 ސަމިޓްގެ ކުރިން ކުރެއްވޭނެ ދަތުރުފުޅަކަށް ވުމަށް ޖޯންސަން އުއްމީދު ކުރައްވާ ކަމަށްވެސް އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން، މިމަހު ކުރީކޮޅު އާންމު ކުރި ބަޔާނުގައިވެއެވެ.

ޖީ-7 ސަމިޓްގައި، ހާއްސަ މެހެމާނެއްގެ ގޮތުގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެއެވެ.