ހުޅުމާލެ މިސްކިތެއްގައި ނަމާދަށް ހުރި ދޮށީ އުމުރުގެ ދިވެއްސެއްގެ ކަރުގައި އިންޑިއާ މީހަކު ހިފި މައްސަލައެއް ހޫނު ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު އަސުރު ނަމާދު ވަގުތު ހުޅުމާޅޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިންގާފައި ވަނީ އަސްރު ނަމާދުގެ ޖަމާއަތް ނިމުނު ފަހުންނެވެ. އިންޑިއާ ރައްޔިތެއް އެ މިސްކިތަށް އަރާ އެ ވަގުތު ނަމާދަށް ހުރި ދޮށީ އުމުރުގެ ދިވެއްސެއްގެ ކަރުގައި ހިފުމުން އެ މިސްކިތުގައި ތިބި މީހުން ވަނީ އެކަން ހުއްޓުވާފައެވެ.
މި ހާދިސާގައި ނަމާދަށް އެރި ދިވެހި މީހާ، މޫސާ މުހައްމަދު ބުނީ އޭނާ ނަމާދަށް މިސްކިތަށް އެރި އިރު އެ އިންޑިއާ މީޙާ އުޅުނީ ފާހާނާ ބަރިތައް ކައިރީގައި ކަަމަށެވެ. އަދި އޭނާ ނަމާދަށް އަރައަރާ ހުއްޓާ އައިސް އެ އިންޑިއާ މީހާ އޭނާ ހިފައްޓާގައި ގަމީހުގެ ގިރުވާނުގައި ހިފި ކަމަށް އޭނާ ބުނެއެވެ. އަދި އޭނާ ނަމާދަށް އަރަނީ ކަމަށް ބުނުމުން އެ އިންޑީއާ މީހާ އެކަމާ ދެކޮޅު ހަދައި އޭނާ ހިފައްހައްޓަން މަސައްކަތް ކޮށް ޖަހަން އުޅުނު ކަމަށް ވެސް އޭނާ ބުނެއެވެ. އަދި ޖަހައިގެން ނުވާނެ ކަމަށް ބުނުމުން އެ އިންޑިއާ މީހާ މޫސާ މުހައްމަދުގެ ފަޓްލޫނުގެ ފަހަތު ޖީބު ބަލައި ފާސްކުރަން އެދުނު ކަމަށް އޭނާ ބުނެއެވެ.
އޭނާ ބަަލައި ފާސްކުރަންވީ ސަބަބެއް ނޭނގޭ ކަމަށް މޫސާ ބުނެއެވެ. އަދި އޭނާ އަކީ ބަލި މީހެއް ކަމަށާއި ނަމާދަށް އެރީވެސް ގޮނޑިއެއް ހިފައިގެން ކަމަށް ބުނެއެވެ. މޫސާ މުހައްމަދަކީ މާލޭގައި އުޅޭ މާލެ ރައްޔިތެކެވެ. އޭނާ ހުޅުމާލެއަށް ދިޔައީ އޭނާގެ އާއިލާގެ ބަޔަކު ހުޅުމާލޭގައި ދިރިއުޅޭތީ ކަމަށާއި ނަމާދަށް އެ މިސްކިތަށް ދިޔައީ އެހެންވެ ކަމަށް އޭނާ ބުނެއެވެ.
މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދަށް ގިނަ އަދަދެއް ގެ މީހުން ވަނީ އެއްވެފައެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އެ އިންޑިއާ މީހާ ހުރީ ހެލްމެޓެއް ވެސް ހިފައިގެންނެވެ. އަދި އޭނާ އެ މިސްކިތް ކައިރީގައި އެ ހާދިސާ ހިނގުމުގެ އިރުކޮޅެއްގެ ކުރިން އުޅުނު ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.
މި މައްސަލައިގައި އެ މިސްކިތް ހުރި ސަރަހައްދަށް ގިނަ ބޔަަކު އެއްވެފައިވާ އިރު، އެ ސަރަހައްދަށް ފުލުހުން ވެސް ވަނީ ގޮސްފައެވެ. އަދި ފުލުހުން ވަނީ މާރާމާރި ހިންގި މައްސަލައިގައި އެމީހާ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނީ، މިސްކިތަށް ނަމާދަށް އެރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ނުބައި ވަސްދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނެއް އޭނާ މިސްކިތުން ނެރެން އުޅެ މާރާމާރިއެއް ހިންގާފައިވާ ކަމުގެ މައުލޫމާ މިއަދު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ބުނެއެވެ.
ތިކަމުގައި ކުރެވޭނެ އިތުރު ކަމެއްނެތް