މިދިޔަ ހޮނިހިރު ދުވަހު އިންޑޮނޭޝިއާގައި ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާގެ ތަހުގީގު، ޕައިލެޓާއި އެއާ ޓްރެފިކް ކޮންޓްރޯލަރުންނާ ދެމެދު ގުޅުން ކުޑަވި ކަމަށް ބުނާ މިސްރާބަށް އަމާޒު ކޮށްފިއެވެ.

މި މިސްރާބަށް ތަހުގީގުގެ މިސްރާބު އަމާޒު ކުރީ، ޖެނުއަރީ 9 ވަނަ ދުވަހު ޖާވާ ކަނޑަށް ވެއްޓުނު ސްރީވިޖަޔާ އެއާގެ ފްލައިޓް އެސްޖޭ 182 ދުއްވަން ތިބި ޕައިލެޓުންނާއި، އެއާ ޓްރެފިކް ކޮންޓްރޯލަރުންނާ ދެމެދު އެންމެ ފަހުން ދެކެވުނު ވާހަކަތަކުގެ މުރާޖާއަކަށް ފަހުގައެވެ.

މި ކަމުގެ މައުލޫމާތު ލިބިފައިވާ ބަޔަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އުދުއްސާލިތާ މާ ގިނައިރުތަކެއް ނުވަ ޖާވާ ކަނޑަށް ވެއްޓުނު ފްލައިޓުގެ ޕައިލެޓުން ވަނީ، އެކަށީގެންވާ ގޮތެއްގައި އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް ޖަވާބުދާރީ ވުމަށް ފެއިލްވެފައެވެ.

ޖެނުއަރީ 9، 2021 ވަނަ ދުވަހު އިންޑޮނޭޝީއާގެ ޖަކާޓާ ބޭއަށް ވެއްޓުނު ސްރީވިޖަޔާ އެއާގެ ފްލައިޓް އެސްޖޭ182 ގެ ބައެއް / ފޮޓޯ: ޓްވިޓާ

އެގޮތުން، ބޯޓު އުދުއްސާލުމާއެކުގައި ހެން، ދަތުރު ކުރަން ހަމަ ޖެހިފައި އޮތް މަގު ނޫން އެހެން ގޮތަކަށް ބޯޓު ދުއްވާތީ ކޮންޓްރޯލަރުން 2 ފަހަރެއްގެ މަތިން ފޮނުވި މެސެޖަށް، ޕައިލެޓުން ޖަވާބުދާރީ ވެފައި ނުވާ ކަމަށް ހަބަރު ލިބެއެވެ. އެއާޕޯޓުން އުދުއްސާލި ގޮތަށް އިރު-އުތުރަށް ދުއްވަންޖެހޭ ބޯޓެއް، ހުޅަނގު-އުތުރަށް ދުއްވާތީ ކޮންޓްރޯލަރުން ވަނީ ސުވާލު ކޮށްފައެވެ. އަދި ވަގުތުން ވަގުތަށް، ރާސްތާ ބަދަލު ކުރުމަށްވެސް އިރުޝާދު ދިނެވެ.

ދާއިރާގެ ތަޖުރިބާކާރުން މިކަމުގައި އަދި ވަކި އެއްޗެއް ބުނެފައި ނުވާއިރު، 62 މީހުންނާއެކު ވެއްޓުނު ފްލައިޓުގެ ޕައިލެޓުންގެ އަމަލުތަކާ މެދު ވަކި އެއްޗެއް ބުނަން އަދި މާ އަވަސް ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

އިންޑޮނޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، ބޯޓު ވެއްޓުނު ސަރަހައްދުން މި ފްލައިޓުގެ ކަޅުފޮއްޓެއް ހޯދާފައެވެ. މިހާތަނަށް އެއްގަމަށް ނެގިފައި ވަނީ ފްލައިޓް ޑޭޓާ ރެކޯޑަރެވެ. ކޮކްޕިޓް ވޮއިސް ރެކޯޑަރުވެސް ވާނީ އެ ސަރަހައްދުގައި ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

ޖެނުއަރީ 9، 2021 ވަނަ ދުވަހު އިންޑޮނޭޝިއާއަށް ވެއްޓުނު ސްރީވިޖަޔާ އެއާގެ ފްލައިޓް ކެޕްޓަން އަފްވާން / ފައިލް ފޮޓޯ: ބްރޭކިންގް ނިއުސް ޓުޑޭ

ފުރަން ޝެޑިއުލް ކުރި ވަގުތަށް ވުރެ 30 މިނެޓް ފަހުން އުދުއްސާލި އެސްޖޭ 182 ފްލައިޓް ވެއްޓުނީ، ލަފާ ނުކޮށް އޮތް މޫސުމީ އޮއެވަރެއްގައި ޖެހިގެން ކަމުގައި ވެދާނެ ކަމަށްވެސް ފްލައިޓް ކޮންޓްރޯލްގެ އިބްތިދާއީ މައުލޫމާތުން އިޝާރާތް ކުރެއެވެ. ބޯޓު ފުރުން ޑިލޭ ކުރީވެސް މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ފްލައިޓް އެސްޖޭ 182 އަކީ 2019 ވަނަ އަހަރުގެ މާޗް މަހު ގްރައުންޑްކުރި ބޮއިންގް 737 މެކްސް މޮޑެލްގެ މަތިންދާބޯޓެއް ނޫނެވެ. 27 އަހަރު ވެފައިވާ މި ބޯޓަކީ ބޮއިންގް 737-500 މަރުކާގެ ބޯޓެކެވެ.

ޖަކާޓާގެ ވައިގެ ބަނދަރުން ފްލައިޓް އެސްޖޭވައި 182 އުދުއްސާލީ މިދިޔަ ހޮނިހިރު ދުވަހު، އިންޑޮނޭޝިއާ ގަޑިން 14:36 (07:36 ޖީއެމްޓީ) ގައެވެ. އިންޑޮނޭޝިއާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ބޯޓާ އެންމެ ފަހުން ގުޅުނީ 14:40 ގައެވެ. ޕޮއިންޓިއަނަކް އަށް ދާން ފުރި އެ ދަތުރުގެ އާންމު ދިގު މިނަކީ 90 މިނެޓެވެ.

ޖެނުއަރީ 9، 2021 ވަނަ ދުވަހު ވެއްޓުނު ފްލައިޓް އެސްޖޭވައި 182 ގެ ބައިތައް އެއްގަމަށް ނެގުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: އެންވައިޓީ

އިންޑޮނޭޝިއާގެ ހެޑް އޮފް ނޭޝަނަލް ސާޗް އެންޑް ރެސްކިއު އޭޖެންސީގެ އެއާ މާޝަލް ބަގޫސް ޕުރުހީޓޯ ވިދާޅުވީ، ހާލުގައި ޖެހިގެން އުޅޭ ކަމުގެ އެއްވެސް ސިގުނަލެއް، ފްލައިޓް އެސްޖޭވައި 182 އިން ދީފައި ނުވާ ކަމަށެވެ.

ނަމަވެސް، ފްލައިޓް ރާސްތާ ބެލުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ފްލައިޓްރޭޑާ24 އިން ބުނީ، ސްރީވިޖަޔާ އެއާގެ ފްލައިޓް އެސްޖޭ182، ޖަކާޓާއިން އުދުއްސާލިތާ 4 ވަރަކަށް މިނެޓް ފަހުން، 1 މިނެޓް އިތުރު ތެރޭގައި 10000 ފޫޓު ތިރިއަށް ވެއްޓުނު ކަމަށެވެ.