ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރި ލޮކްޑައުންގެ ސަބަބުން، ކުޑަކުދިންނަށް އާދަޔާ ހިލާފު، ނޭދެވޭ އަސަރެއް ކުރަމުން އަންނަ ކަމަށް ޗައިނާއާއި އެމެރިކާގެ ރިސާޗަރުން ތަކެއް ބުނެފިއެވެ.

ދިރާސާ ޓީމުތަކުން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި، ޗައިނާގެ ކުޑަކުދިންގެ މެދުގައި، ނިއާސައިޓަޑްނަސް (މިޔޯޕިއާ) ނުވަތަ ދުރު ނުސާފު ވާ ބަލި ވަނީ އިތުރު ވެފައެވެ.

އައިނު އަޅައިގެން ބުރަ މަސައްކަތެއްގައި އިން މީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ދަ ސަސްޓެއިނަބަލް ސިޓިޒަން

އުމުރުން 6، 7 އަދި 8 އަހަރުގެ ކުދިންނަށް ބަލާއިރު، މިޔޯޕިއާ ކޭސްތައް ވަނީ 2020 ވަނަ އަހަރު، އޭގެ ކުރީ 4 އަހަރު ދުވަހުވެސް އިތުރު ނުވާ މިންވަރަށް އިތުރުވެފައެވެ. އުމުރުން 9-13 އަހަރާ ދެމެދުގެ ކުދިންގެ މެދުގައި މާ ބޮޑުތަނުން މި ބަލި އިތުރުވި ކަމަކަށް ރެކޯޑް ކޮށްފައި ނުވާ ކަމަށް، ޗައިނާއާއި އެމެރިކާގެ ރިސާޗަރުން، އެމެރިކަން މެޑިކަލް އެސޯސިއޭޝަން-އޮޕްތަމޮލޮޖީގެ ޖާނަލްގައި އާންމު ކޮށްފައި ވާ ދިރާސާގައި ބަޔާން ކޮށްފައެވެ.

ދިރާސާ ޓީމުން ބުނީ، މިކަން މިހެން މެދުވެރިވީ، ލޮލުގެ ފެނުން ތަރައްގީ ވަމުން އަންނަ މުހިންމު މަރުހަލާގެ ދުވަސްތައް ގޭ ބަންދުގައި ހޭދަ ކުރަން ޖެހުމުން ކަމަށް ވެދާނެ ކަމަށެވެ. މި މަރުހަލާއަކީ ވަށައިގެންވާ ވެށީގެ ކަންކަމަށް ކުދިން އެންމެ ސެންސިޓިވް ވާ މަރުހަލާ ކަމަށް ދިރާސާ ޓީމުން ބުނެއެވެ.

މި ދިރާސާއަށް މައުލޫމާތު އެއް ކޮށްފައި ވަނީ ޗައިނާގެ ފެއިޗޭންގްގެ ސްކޫލްގައި ކުރިއަށް ގެންދިޔަ ލޮލުގެ ސްކްރީނިނިން ޕްރޮގްރާމް ތަކުގެ ޒަރިއްޔާއިންނެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މި ސްކްރީނިން ކުރިއަށް ގެންދިޔައީ 2020 ވަނަ އަހަރުގެ ޖޫން މަހުއެވެ. ޗައިނާގައި ސްކޫލްތައް ބަންދު ކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ އިން އެ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ.

މިޔޯޕިއާގެ ކޭސްތައް އެންމެ ބޮޑަށް އިތުރުވީ، އުމުރުން 6 އަހަރުގެ ކުދިންގެ މެދުގައެވެ. 2019 ވަނަ އަހަރު 5.7 ޕަސެންޓްގައި އުޅުނު ކޭސްތައް، 2020 ވަނަ އަހަރު، 21.5 ޕަސެންޓަށް އިތުރިވިއެވެ. ކުރީ އަހަރުތަކާ އަޅާ ބަލާއިރު، 7 އަހަރުގެ ކުދިންނަށް މި މައްސަލަ ކުރިމަތިވި ނިސްބަތް، 2 ގުނަ އިތުރުވި އިރު، 8 އަހަރުގެ ކުދިންގެ މެދުގައި 1.4 ގުނަ އިތުރުވިއެވެ.

ސައިބާ ބުލީގެ ޝިކާރައަކަށް ވެފައި ވާ ކުއްޖަކު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ސެން ފްރާންސިސްކޯ ޑިސްކްލެއިމާ

މިއީ ހެދިބޮޑުވުމުގެ ތަރައްގީއަށް މުހިންމު މަރުހަލާއެއްގައި ގޭބަންދުގައި ތިބެން ޖެހުމުގެ ނަތީޖާ އަކަށް ވެދާނެ ކަމަށް ދިރާސާ ޓީމުން ބުނާ އިރު، ލޮކްޑައުންގެ ވަގުތުތަކަކީ ސްކްރީން ތަކުގެ ކުރިމަތީގައި ގިނަ އިރުތަކެއް ހޭދަ ކުރާ ވަގުތުތަކެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

ލޮކްޑައުންއަކަށް ގޮސް، ގޭ ބަންދުގައި ތިބެން ޖެހުން ކޮންމެހެން ލާޒިމު ވެއްޖެ ހިނދެއްގައި ވެސް، ސްރީކްން-ޓައިމް ނުވަތަ ސްކްރީންތަކާ އެކު ކުދިން ހޭދަ ކުރާ ވަގުތު މަދު ކުރުމަށް ބެލެނިވެރިންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިރާސާ ޓީމުން ވަނީ ގޮވާލާފައެވެ. އަދި ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު، ބޭރު ތެރޭގައި ކުޅެ އުޅުމާއި ހަރަކާތްތައް ހިންގަން މަސައްކަތް ކުރުމަށްވެސް ދިރާސާ ޓީމުން ވަނީ ގޮވާލާފައެވެ.