ހަމަ ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހަކުން މުޅި ދުނިޔެ އިނދަޖައްސާލި 2020 ވަނަ އަހަރު ނިމިގެންދިޔައިރު ޗައިނާގެ އިގުތުސޯދު ފިޔަޖަހަމުން ދިޔައީ ދުނިޔޭގެ އެންމެ ވަރުގަދަ (އެހެން) އިގުތިސޯދުތަކަށް ވުރެ އުހުގައެވެ. އިގުތިސޯދީ ކުރިއެރުމުގެ ވާދަވެރި ރޭހުގައި ޗައިނާ ފައިތިލަ ސައިބިތުކޮށްގެން އޮތްލެއް ވަރުގަދަ ކަމުގެ ނަތީޖާއަކަށް ވީ، ދުނިޔޭގެ 1 ނަންބަރު އިގުތިސޯދުގެ މަގާމުގައި އޮތް އެމެރިކާއާއި ޗައިނާއާ ދެމެދު ކުރަމުން އަންނަ ވިޔަފާރީގެ ހަނގުރާމާގައިވެސް ޗައިނާއަށް ނަސްރާ ގާތަށް ޖެހިލެވުނު ސަބަބަކަށެވެ.

2020 ވަނަ އަހަރު ނިންމާލިއިރު، ދުނިޔޭގެ 2 ނަންބަރު އިގުތިސޯދުގެ މަގާމުގައި އޮތް ޗައިނާގެ ވިޔަފާރި އަރަނި، ޑިސެމްބަރު މަހު އުޅުނީ 78 ބިލިއަން ޑޮލަރުގައި ކަމަށް، ޗައިނާގެ ކަސްޓަމްސްއިން ބުރާސްފަތި ދުވަހު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. މުޅި 2020 ވަނަ އަހަހަރަށް ބަލާއިރު، ޗައިނާގެ ވިޔަފާރި އަރަނި ވަނީ 535 ބިލިއަން ޑޮލަރުގެ ރެކޯޑް އަދަދަކަށް އަރާފައެވެ. މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 27 ޕަސެންޓް އިތުރު އަދަދެކެވެ. ޗައިނާއިން ބޭރަށް މުދާ އެކްސްޕޯޓް ކުރި މިންވަރުވެސް ވަނީ މިއިން ދުވަހަކު ނާރާހާ މައްޗަށް އަރާފައެވެ.

ސްރީލަންކާގެ ކޮލަމްބޯ ހާބަރު ސަރަހައްދުގައި ޗައިނާގެ ބޮޑު ހިއްސާއަކާ އެކު އޮޕަރޭޓް ކުރާ ޕޯޓް / ފޮޓޯ: ދިނުކާ ލިޔަނަވައްތަ

މެކުއާރީ ކެޕިޓަލްގެ ޗީފް ޗައިނާ އިކޮނޮމިސްޓް، ލޭރީ ހޫ ވިދާޅުވާ ގޮތުގައި ބަވަނަވަންތަ ވަމުން އަންނަ ދުނިޔެއާއި ޗައިނާ އެކަހެރިވަމުން އަންނަ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް ކުރިމަތިލާންޖެހުނު ބަލިމަޑުކަމާއެކު، ޗައިނާއާއި ދުނިޔޭގެ އެހެން މަންޒިލްތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ވެގެން ދިޔައީއެވެ.

އޮކްސްފޯޑް އިކޮނޮމިކްސްގެ ހެޑް އޮފް އޭޝިއާ އިކޮނޮމިކްސް، ލުއިސް ކުއީޖްސް ވިދާޅުވާ ގޮތުގައި، ޗައިނާއަށް މި ލިބުނު ކުރިއެރުމަކީ، ބަލިމަޑުކަން މެނޭޖުކުރުމުގައި ޗައިނާގެ ސަރުކާރުން ހޯދި ކާމިޔާބީއާ ގުޅިފައި ވާ ކަމެކެވެ. ބަލިމަޑުކަމާއެކު ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ)އަށް އޮތް ޑިމާންޑް ފަތުއަޑުކިއާފައި އުފުލިގެން ދިއުމާ، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ހުރިހާ އެންމެން ގޭގައި ތިބެގެން ހުރިހާ ކަމެއް ކުރަން ޖެހުމުން އިލެކްޓްރޯނިކްސް އާލާތްތަކަށް ޑިމާންޑްވެސް އިންތިހާއަށް އުފުލިގެން ދިއުމުގެ މަންފާ، ޗައިނާއަށް ކުރީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓިބެޓް ކޮންޓްރޯލް ކުރަމުން އަންނަނީ ޗައިނާގެ އިސްތިގުލާލީ ގައުމެއްގެ ގޮތުގައި / ފޮޓޯ: ސީޓީއޭ

ކޮވިޑް-19ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ހުއްޓުމަކަށް އައި ވަގުތަކީ ޗައިނާއާ ދެކޮޅަށް އެމެރިކާއިން ވިޔަފާރީގެ ހަނގުރާމާގެ ފޯރި އެންމެ ގަދަކޮށްލި ދުވަސްވަރެވެ. ނަމަވެސް، 2020 ވަނަ އަހަރު ނިމުނުއިރު، ތަފާސް ހިސާބުތަކުން ދިނީ ތަފާތު މެސެޖެކެވެ. ޗައިނާއިން އެމެރިކާގައި ކުރި ވިޔަފާރީގެ އަރަނި، 2020 ވަނަ އަހަރު ވަނީ 317 ބިލިއަން ޑޮލަރަށް އަރާފައެވެ. އެއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 7 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ރެކޯޑްކޮށްފައިވާ މައުލޫމާތަށް ބަލާއިރު 2 ވަނައަށް އެންމެ ބޮޑު އަރަނީގެ ނިސްބަތްވެސްމެއެވެ.

އޮކްސްފޯޑްގެ އިކޮނޮމިސްޓް ވިދާޅުވި ގޮތުގައި، ޗައިނާއާ ދެކޮޅަށް ޓްރަމްޕް ފެއްޓެވި ވިޔަފާރީގެ ހަނގުރާމާގައި ހަމަ ޔަގީނުންވެސް އެމެރިކާ ފެއިލްވީއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ކ) އާއި އިންތިހާބީ ރައީސް ބައިޑަން (ވ) ވަނީ ޗައިނާ ނުފޫޒުގެ އިލްޒާމް އަނެއް ބޭފުޅަކަށް އަމާޒު ކުރައްވާފަ / ފޮޓޯ: އޭޒިއޯސް

ކަންމިހެން އޮތް ނަމަވެސް، ޗައިނާގެ އިގުތިސޯދަށް އޮތް ގޮންޖެހުންތައް ނިމުނީ ނޫން ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. ކުރިއަށް އޮތް ހަފުތާއަކީ އެމެރިކާގެ ވެރިކަމާ ޖޯ ބައިޑަން ހަވާލުވެވަޑައިގަންނަވާ ހަފުތާ ކަމަށް ވާއިރު، ބައިޑަންގެ ވެރިކަމުގައިވެސް ޗައިނާއާ ދެކޮޅަށް ސިޔާސަތުތަކަށް ދޫ ދެއްވާނެ ކަމަކަށް ނުބެލެވެއެވެ. ޗައިނާއާ ދެކޮޅަށް ޓްރަމްޕް ގެންގުޅުއްވި އުސްލޫބާއި ބައިޑަންގެ ނިންމެވުންތަކުގައި ފަރަގެއް އުޅުނު ކަމުގައި ވީ ނަމަވެސް، ޗައިނާއާ ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ފިޔަވަޅުތަކުގައި ބައިޑަންވެސް ފަހަތަށް ޖެހިވަޑައި ގަންނަވާނެ ކަމަކަށް ނުބެލެވެއެވެ.