ހުޅުމާލޭގެ ބައެއް މަގުތަށް އެއްކޮޅަށް ދުއްވާ މަގުތަކަކަށް ބަދަލުކޮށްފިއެވެ.

އެޗްޑީސީން ބުނީ މި ބަދަލު ގެނެސްފައި ވަނީ ހުޅުމާލޭގެ އާބާދީ އަދި އެކި ސަބަބުތަކަށް ހުޅުމާލެއަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ގިނަވެފައި ވާއިރު، ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި، ފަސޭހައިން ބޭނުން ކުރެވޭ މަގުތަކަކަށް ހެދުމަށް އެ ކޯޕަރޭޝަނުން އެކުލަވާލި ޕްލޭންގެ ދަށުން ކަމަށެވެ. އެހެން ކަމުން ބައެއް މަގުތައް ވަންވޭ ކުރުމަށް ނުވަތަ އެއްކޮޅުން ދުއްވޭ ގޮތް ހެދުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

ޗަނބޭލީމަގުން ހަމައެކަނި އިރުން ހުޅަނގަށް ދުއްވޭގޮތަށް ބަދަލު ކޮށްފައި ވަނީ، 01 ގޯޅި، 03 ގޯޅި، 04 ގޯޅި، 06 ގޯޅި، 08 ގޯޅި، 09 ގޯޅިއެވެ. އަދި ރަބަރުގަސްމަގުގެ 01 ގޯޅި، 03 ގޯޅި، 05 ގޯޅި، 06 ގޯޅި، އަދި 08 ގޯޅިން ވެސް ދުއްވޭނީ ހަމައެކަނި އިރުން ހުޅަނގަށެވެ.

ޗަނބޭލީ މަގުން ހުޅަނގުން އިރަށް ދުއްވޭގޮތަށް ބަދަލު ކޮށްފައި ވަނީ، 02 ގޯޅި، 05 ގޯޅި، 07 ގޯޅިއެވެ. އަދި ރަބަރުގަސްމަގުގެ 02 ގޯޅި، 04 ގޯޅި، 07 ގޯޅި، 09 ގޯޅިން ހުޅަނގުން އިރަށް ދުއްވޭއިރު ބޯގަންވިލާ މަގުގެ 01 ގޯޅިން ވެސް ދުއްވޭނީ ހުޅަނގުން އިރަށެވެ.

ހުޅުމާލޭގަިއ ވަންވޭ ކުރާ މަގުތައް / ފޮޓޯ: އެޗްޑީސީ

ހަމައެއާއެކު ބުރެވިގަސްމަގުން ދުއްވޭނީ ހަމައެކަނި ދެކުނުން އުތުރަށެވެ.

އެޗްޑީސީން ބުނީ، ހުޅުމާލެ މަގުތަކަކީ ރައްކާތެރި، ފަސޭހަ މަގުތަކަކަށް ހެދުމަށް އެ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ. އެގޮތުން ބައެއް މަގުތަށް ވަންވޭ ކުރުމުގެ އިތުރަށް ހުޅުމާލެ ފޭސް އެކެއްވެ 14 ސަރަހައްދެއްގައި 1330 މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މީގެ އިތުރަށް މިހާރު ހުރި ގިނަ މަގު ބައްތިތައް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.