މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމަށް ބާރުއެޅުމުގެ ގޮތުން ޖެންޑާ މިނިސްޓާ އައިޝަތު މުހައްމަދު ދީދީ، ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް މިއަދު ޒިޔާރަތް ކުރައްވަން ފައްޓަވައިފިއެވެ.

ޖެންޑަ މިނިސްޓްރީން ބުނީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް މިނިސްޓަރ ޒިޔާރަތް ކުރައްވަމުން ގެންދަވަނީ މި މަސައްކަތުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ ވެރިންނަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ގަބޫލު ކުރާތީ ކަމަށެވެ. އަދި ވަކިން ހާއްސަ ގޮތެއްގައި މި ކަމަށް މުވައްޒަފުން އަހުލުވެރި ކުރުވުމުގައި ސީނިއާ މެނޭޖްމަންޓުގެ ދައުރު އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ޖެންޑާ މިނިސްޓަރު މިއަދު ބައްދަލުކުރައްވައިފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް، އެލައިޑް އިންޝުއަރެންސް، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސީނިއާ މެނޭޖްމަންޓްގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނާއެވެ. މި ބައްދަލު ކުރެއްވުމުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އެ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަން ފާހަގަ ކުރައްވައި، އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ޖެންޑާ މިނިސްޓަރު ކަސްޓަމްސްގެ އިސްވެރިންނާ ބައްދަލު ކުރައްވަނީ / ފޮޓޯ: ޖެންޑާ މިނިސްޓްރީ

މި މަހުގެ ނިޔަލަށް ދައުލަތުގެ 15 އިދާރާ އަދި ކުންފުންޏަކާ ނޭޝަނަލް ޑްރަގް އޭޖެންސީން ބައްދަލު ކުރުމަށް ހަމަޖެހިފައި ވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ. އޭގެ ތެރެއިން ބައެއް ތަންތަނަށް މިނިސްޓަރު އައިޝަތު ޒިޔާރަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޖެންޑާ މިނިސްޓަރު އެލައިޑް އިންޝުއަރެންސްގެ އިސްވެރިންނާ ބައްދަލު ކުރައްވަނީ / ފޮޓޯ: ޖެންޑާ މިނިސްޓްރީ

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 27ވަނަ މާއްދާގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމައުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.