ނިމިގެން މިދާ ހަފުތާ، ޔޫރީ ގުރުބާނީ ހޭދަ ކުރަމުން އެދަނީ ދުވަހަކުވެސް އެތަނެއްގައި ހުރުމަށް އެއްވެސް މީހަކު ހިތް އެދޭނެ ފަދަ ތަނެއްގައެއް ނޫނެވެ. އޭނާ އަދާ ކުރަމުން އެދާ ޒިންމާއަކީ ކޮންމެ ކޮންމެ މީހަކަށް އަދާ ކުރެވޭނެ ޒިންމާއެއްވެސް ނޫނެވެ.

ޔޫރީ ގުރުބާނީއަކީ، ކްރަމާތު ކާތީ ޕޮލިސް ހޮސްޕިޓަލުގައި ގާއިމު ކޮށްފައިވާ އިންޑޮނޭޝިއާގެ ވިކްޓިމް އައިޑެންޓިފިކޭޝަން (ޑީވީއައި) ސެންޓަރަށް އޭނާގެ އާއިލާގެ ފަރާތުން ކަނޑައަޅާފައި ވާ މެމްބަރެވެ.

މިމަހުގެ 9 ވަނަ ދުވަހު ޖާވާ ކަނޑަށް ވެއްޓުނު ސްރީވިޖަޔާ އެއާގެ ފްލައިޓް އެސްޖޭ182 އިން ދަތުރުކުރި އެ އާއިލާގެ 5 މެމްބަރުންގެ ހަށިގަނޑު ދެނެގަތުމުގެ ހިތްދަތި ޒިންމާ އުފުލަން ހުރީ ޔޫރީ ގުރުބާނީއެވެ.

ޔޫރީ ގުރުބާނީއަށް ބޮޑުބޭބެ ކިއާ ކުއްޖެއް ( ވާތުން 2 ވަނައަށް). އޭނާއަކީވެސް ފްލައިޓްގެ ފަސެންޖަރެއް / ފޮޓޯ: ޔޫރީ ގުރުބާނީ

"މީހަކު ދިރިހުއްޓާ ފެންނާނެ ކަމަށް މިހާރު އޮތީ ވަރަށް ކުޑަ އުއްމީދެއް. އެހެންވެ، މިހާރު އުއްމީދު މި ކުރަނީ ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ބައިތަކެއް ނަމަވެސް ލިބޭ ތޯ ޖަނާޒާއަށް" ޔޫރީ ގުރުބާނީ ބުންޏެވެ.

އިންޑޮނޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ސްރީވިޖަޔާ އެއާގެ ފްލައިޓުން ދަތުރު ކުރި މީހުންގެ ތެރެއިން 4 މީހެއްގެ ހަށިގަނޑު ދެނެގަނެފައެވެ. އޭގެ ތެރޭގައި ކެބިން ކުރޫއެއްގެ ހަށިގަނޑުވެސް ހިމެނެއެވެ. މީހުން ދެނެގަތުމުގެ މަސައްކަތަކީ މާ ފަސޭހަ މަސައްކަތެއް ނޫނެވެ. ވަކިން ހާއްސަކޮށް، މިހާލަތުގައި ހަށިގަނޑުތަކަށް ލިބިފައިވާ އަނިޔާތަކާ ގެއްލުންތަކުގެ ބޮޑުކަމުން، މިއީ ހިތް ފަޅައިގެން ދާ ވަރުގެ މަސައްކަތެކެވެ.

ޔޫރީ ގުރުބާނީގެ އާއިލާގެ 5 މެމްބަރަކު މި ފްލައިޓުން ދަތުރުކުރިއިރު އޭގެ ތެރޭގައި ޔޫރީ ގުރުބާނީގެ ބޮޑުދައިތައާއި ބޮޑުބޭބެގެ އިތުރުން ދެބެންގެ ދެދަރި ކުއްޖަކާ، ޔޫރީ ގުރުބާނީއަށް ބޮޑުބޭބެ ކިއާ ކުއްޖަކުވެސް ހިމެނެއެވެ.

ޖެނުއަރީ 9، 2021 ވަނަ ދުވަހު އިންޑޮނޭޝިއާއަށް ވެއްޓުނު ސްރީވިޖަޔާ އެއާގެ ފްލައިޓުން ދަތުރުކުރި މާބަނޑު ރާތީ ވިންދާނިއާއާއި އޭނާގެ ދަރިފުޅާ ބޮޑުދައިތަ ދަރިފުޅު / ފޮޓޯ: ރާތީ ވިންދާނިއާ ގެ އިސްޓްގްރާމްއިން

ޔޫރީ ގުރުބާނީ ބުނީ ކިތަންމެ އުއްމީދު ކުޑަވި ކަމުގައި ވީ ނަމަވެސް، އާއިލާ މެމްބަރުންގެ ހަށިގަނޑުތައް ފެނުމަށްވެސް އުއްމީދު ކުރެވޭ ކަމަށެވެ. ހަށިގަނޑުތައް ފެނިއްޖެނަމަ އެ ހަށިގަނޑުތައް ބަލަން ބޭނުން ކަމަށާ، ނަމަވެސް މައިންބަފައިންނަށް އެ ހަށިގަނޑުތައް ދައްކަން ބޭނުން ނުވާ ކަމަށްވެސް ޔޫރީ ގުރުބާނީ ބުންޏެވެ.

މިފަދަ ހާދިސާއަކާ ގުޅިގެން ހިންގާ މީހުން ހޯދުމުގެ އޮޕަރޭޝަންތަކުގައި ނަގާ ހަށިގަނޑުތަކަކީ ކޮން ބައެއްގެ ހަށިގަނޑުތަކެއްކަން ކަށަވަރު ކުރާ އުސޫލުތަކެއް ހުރެއެވެ. އާއިލާގެ މެމްބަރުންގެ ޑީއެންއާވެސް އަޅާ ކިއައެވެ. ފޮރެންސިކް ތަޖުރިބާކާރުންނާ، ފަންޑުވެސް ބޭނުންވެއެވެ. އިންޓަޕޮލްއިން ކަނޑައަޅާފައިވާ އުސޫލަކަށް ބަލާއިރު، ފެންނަ ފެނުމަކަށް ބަލާ، ވަކި ހަށިގަނޑަކީ ވަކި މީހެއް ކަން އެއްވެސް ހާލެއްގައި ނިންމައިގެން ނުވާނެއެވެ. ފެންނަ ފެނުމަށް އެއީ ކާކުކަން ނިންމައިގެން ތާރީހުގައި ބޮޑެތި ގޯސްތަކެއް ހެދިފައި އެބަހުއްޓެވެ.

ޖެނުއަރީ 9، 2021 ވަނަ ދުވަހު ވެއްޓުނު ފްލައިޓް އެސްޖޭވައި 182 އިން ދަތުރު ކުރި މީހުންގެ އާއިލާ މެމްބަރުން ހިތާމަ ފާޅު ކުރަނީ / ފޮޓޯ: ބިޒްނަސް ސްޓޭންޑަޑް

"ޑީވީއައި އިން އަދި ތަފްސީލުކޮށް ބުނެއެއް ނުދޭ ކޮން ބައިތަކެއް ކަމެއް ފެނުނީ. އެކަމަކު އަހަރަމެންނަށް އެބަ ފެނޭ ބޯޓުގެ ބައިތައް ހުރި ގޮތް. އެހެން ވީނަ، ހަށިގަނޑުތައްވެސް އެކަހަލަ ގޮތަކަށް އޮންނާނެ ކަމަށް ގަބޫލުކޮށްގެން މި ހުންނަނީ. އެކީ އެކައްޗަކަށް ހަށިގަނޑު އޮއްވާ ފެނުން ނާދިރުވާނެ" ޔޫރީ ގުރުބާނީ ކުރަމުންދާ ހިތްވަރާއި ވަމުންދާ ގުރުބާނީ ބަޔާންކޮށްދެމުން އޭނާ ކިޔައިދިނެވެ.

ފްލައިޓް އެސްޖޭ 182 ވެއްޓުނު ހާދިސާއާ ގުޅިގެން މިހާތަނަށް ހަށިގަނޑުގެ ބައިތައްވެސް ދަނީ ފެންނަމުންނެވެ. އަތްފައިގެ ގުނަވަންތައްވެސް ފެނެއެވެ. ކަށިގަނޑާ، މަސްގަނޑުވެސް ފެނެއެވެ. އެހެންކަމުން، އެއީ ވަކި މީހެއްގެ ހަށިގަނޑު ކަމަށް ބުނުމުގެ ކުރިން، ބުރަ މަސައްކަތްތަކެއް ކޮށް، ގިނަ މަރުހަލާތަކެއް ފުރިހަމަ ކުރަންޖެހެއެވެ.