އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، މަގާމުން އަޒުލު ކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފަށާފައިވާ މަސައްކަތުގައި، ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް) އިން ޓްރަމްޕް އަޒުލު ކުރުމުގެ މަސައްކަތް ފެށީ އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް (ކެޕިޓޮލް ބިލްޑިންގް)ގެ ހުރުމަތް ކަނޑާ، އެ ސަރަހައްދުގައި ވަރުގަދަ ހަމަނުޖެހުންތަކެއް ހިންގުމަށް ހިތްވަރު ދެއްވި ކަމުގެ ކުށުގެ ތުހުމަތުގައެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ޖަނަވަރީ 7، 2020 ވަނަ ދުވަހު ކެޕިޓޮލް ބިލްޑިންގަށް ވަދެގަތް ވަގުތު މަޖިލިސް މެމްބަރުން ހިމާޔަތަށް ފިއްލަވަނީ / ފޮޓޯ: ޓްވިޓާ

5 މީހުންގެ ފުރާނަ ގެއްލިދިޔަ ހަމަނުޖެހުންތައް ހިންގުމަށް ޓްރަމްޕް ހިތްވަރު ދެއްވި ކަމަށް ޑިމޮކްރަޓުން ތުހުމަތު ކުރާއިރު، މިއަދު ކުރިއަށް ދަނީ ޓްރަމްޕް އަޒުލު ކުރުމުގެ ބިލް ހުށަހަޅައިގެން ރަސްމީކޮށް، ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށް މައުލޫމާތު ލިބެއެވެ.

ޑިމޮކްރަޓުންގެ ތުހުމަތުތަކަށް ޓްރަމްޕް އިންކާރު ކުރައްވައެވެ.

ހުސްވި ހަފުތާގެ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކެޕިޓޮލް ބިލްޑިންގައި ޓްރަމްޕް ސަޕޯޓަރުން ހަމަނުޖެހުން ހިންގާފައި ވަނީ، ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި ރެލީއެއްގައި، ނޮވެމްބަރުގެ މަހުގެ އިންތިހާބުގެ ނަތީޖަށް ވީ އެންމެ ގަދައަކަށް ދެކޮޅު ހެދުމަށް ގޮވާލެއްވި ގޮވާލެއްވުމަށް ފަހުގައެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓޮލް ބިލްޑިންގް ލޫޓުވާ މީޑިއާއަށް ދިން ގެއްލުންތަކުގެ ތެރެއިން އޭޕީގެ އިކުއިޕްމަންޓްތަކެއް ހަލާުކޮށްލާފަ / ފޮޓޯ: ޓްވިޓާ

ޓްރަމްޕް އަޒުލު ކުރެވިދާނެތަ؟

ހައުސްގެ އަޣުލަބިއްޔަތު އޮތީ ޓްރަމްޕްގެ އިދިކޮޅު ސިޔާސީ ފިކުރު ކަމަށްވާ ޑިމޮކްރަޓުންގެ އަތް މަތީގައެވެ. އެހެން ކަމުން، ތިރިގެއިން މި ކަން ފާސް ވާން މާ އުނދަގޫ ވާނެ ކަމަކަށް ނުބެލެވެއެވެ. މިހާ ހިސާބުން މައްސަލަ ވަންނަނީ ސެނެޓް، ނުވަތަ މަތިގެއަށެވެ.

ރައީސް ކަމުގެ މަގާމުން ޓްރަމްޕް އަޒުލު ކުރުމަށް 3 ބައިކުޅަ 2 ބައިގެ އަޣުލަބިއްޔަތު ބޭނުންވެއެވެ. އެހެން ކަމަށް ވާނަމަ، ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ 17 މެންބަރަކުވެސް ޓްރަމްޕަށް ދެކޮޅަށް ވޯޓު ދެއްވަން ޖެހޭނެއެވެ. ނިއުޔޯކް ޓައިމްސްއިން ރިޕޯޓް ކުރާ ގޮތުގައި، ސެނެޓްގައި ހިމެނިވަޑައިގަންނަވާ، ރިޕަބްލިކަން ޕާޓީގެ 20 މެންބަރަކު ވަނީ ޓްރަމްޕު އަޒުލު ކުރުމަށް ފާޅުގައި އިޝާރާތް ކުރައްވާފައެވެ.

ޮއެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ނޮވެމްބަރު 26، 2020 ވަނަ ދުވަހު ނޫސްވެރިންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: އޭޕީ

ކަން މިހެން އޮތް ނަމަވެސް، މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ޓްރަމްޕް އަޒުލު ކުރުމަށް ހިންގާ މަޖިލިސް ޝަރީއަތް ނިމޭނެ ކަމަކަށް ނުބެލެވެއެވެ. އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން، ޖެނުއަރީ 20 ވަނަ ދުވަހު މަގާމުގެ ހުވާ ކުރެއްވުމުގެ ކުރިން ޓްރަމްޕް އަޒުލު ކުރާ ޝަރީއަތް ނިންމާނެ ކަމަކަށްވެސް ނުބެލެވެއެވެ.

ޓްރަމްޕް އަޒުލު ކުރުމަށް ސެނެޓްގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އުމުރު ދުވަހުވެސް އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް ޓްރަމްޕަށް ގޮންޖެހުން ކުރިމަތި ކުރުމުގެ ފުރުސަތު ސެނެޓަށް އެބައޮތެވެ. ޓްރަމްޕް ވަނީ 2024 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ވިސްނަވާ ކަމަށް އިޝާރާތް ކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސްމާޓްފޯނެއް ބޭނުން ކުރައްވަނީ / ފޮޓޯ: އެންބީސީ ނިއުސް

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިރޭ ނިންމާ ގޮތަކުން، ޓްރަމްޕަކީ އެމެރިކާގެ ތާރީހުގައިވެސް ދެވަނަ ފަހަރަށް އަޒުލު ކުރާ ރައީސްއަށް ވުމުގެ ފުރުސަތު އޮންނާނެއެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުވެސް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ޓްރަމްޕް އަޒުލު ކޮށްފައެވެ. ޓްރަމްޕަކީ ވެރިކަމުން އަޒުލު ކުރެވުނު 3 ވަނަ ރައީސްއެވެ. އެ ފަހަރު ޓްރަމްޕް އަޒުލު ކުރީ، 2016 ވަނަ އަހަރުގެ އިންތިހާބުގައި، ބައިޑަންއާ ދެކޮޅަށް ތަހުގީގެއް ހިންގުމަށް ޔޫކްރައިން ކިބައިން އެދިވަޑައިގެންނެވި ޣައިރު ގާނޫނީ އެދިވަޑައިގަތުމުގެ މައްސަލާގައެވެ.

އަޒުލު ކުރުމަކީ ކޮބާ؟

މިހާލަތުގައި އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު އެ މަގާމުން އަޒުލު ކުރުމޭ ބުނަނީ، އެ ރައީސްއަކާ ދެކޮޅަށް ކުށްތަކެއް ސާބިތުކޮށް ދައުވާ އުފުލާ ހިސާބުންނެވެ. ޓްރަމްޕަށް މިފަހަރު ކުރިމަތިވެފައި ވަނީ ކެޕިޓޮލް ބިލްޑިންގްގައި ހިންގި ޖަރީމާތަކަށް ހިތްވަރު ދެއްވި ކަމުގެ ކުށުގެ ދައުވާއާއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (މ) އަދި ނައިބު ރައީސް މައިކް ޕެންސް، ވައިޓްހައުސްގެ ރޯސް ގާޑަންގައި/ފޮޓޯ: ގެޓީ އިމޭޖަޒް

ވެރިކަމުން ޓްރަމްޕް ދުރުކުރެވިދާނެތަ؟

ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ގިނަ މެމްބަރުންތަކެއްގެ ތާއީދާއެކު ޓްރަމްޕް އަޒުލު ކުރެވިދާނެއެވެ. ނަމަވެސް މިއީ ރައީސް ކަމުގެ މަގާމުން ދުރު ކުރުމެއް ނޫނެވެ. ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ދުރު ކުރެވޭނީ، ސެނެޓްގައި ޝަރީއަތް ހިންގާ، 3 ބައިކުޅަ 2 ބައި މެމްބަރުން މިކަމަށް ތާއީދު ކުރައްވައިގެންނެވެ.

މީގެ މާނައަކީ ކޮބާ؟

މި ފަހަރު ވެގެން ދާނީ ވެރިކަމުން ޓްރަމްޕް އަޒުލު ކުރާ 2 ވަނަ ފަހަރަށެވެ. ވެރިކަމުގެ ދައުރު ހަމަވުމަށް ފަހުގައިވެސް ޓްރަމްޕާ ދެކޮޅަށް ޝަރީއަތް ހިންގިދަނެއެވެ. ކުށް ސާބިތު ވެއްޖެނަމަ، ދެން އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ ފުރުސަތެއް ޓްރަމްޕަކަށް ނޯންނާނެއެވެ.