ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން "ގާލްސް ޓު ކޯޑު- ތިނަދޫ" ޕްރޮގްރާމްގެ ނަމުގައި އަންހެނުންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމެއް ގދ. ތިނަދޫގައި ހިންގަން ފަށައިފިއެވެ.
ދިރާގުން ބުނީ، އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރި ކުރުމަށްޓަކައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމް "ގަލްސް ޓު ކޯޑު - ތިނަދޫ" ފަށަފާއިވާ ކަމަށެވެ. މި ޕްރޮގްރާމް ފާށަފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް ދިރާގުން ބުނެއެވެ.
އެ ޕްރޮގްރާމްގެ ފެށުމުގެ ރަސްމިއްޔާތުގެ ގޮތުން މި މަހުގެ 10 ވަނަ ދުވަހު ހަވީރު ވަނީ ވާޗުއަލް އިވެންޓެއް ބާއްވާފައެވެ. މި އިވެންޓުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވެސް ގެ އިތުރުން މި ޕްރޮގުރާމްގެ ބައިވެރިން ވަނީ ބައިވެރިވެފައެވެ.
އެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވަރިންނަށް މަރުހަބާ ދަންނަވަމުން ދިރާގު ޑިރެކްޓާ ކޯޕަރޭޓް ސާވިސަސް އާތިފާ އަލީ ވިދާޅުވީ، މި ޕްރޮގްރާމަށް ދިރާގުން އެއްބާރުލުން ދޭން ނިންމި އެންމެ މުހިންމު ސަބަބަކީ، ދިރާގުގެ ސީއެސް އާރް ޕްރޮގްރާމްގައި އަންހެނުން ބާރުވެރި ކުރުމަކީ ވަކިން ހާއްސަ އަހަންމިއްޔަތު ކަމެއް ދޭތީ ކަމަށެވެ. އަދި އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާގައި ބައިވެރިކުރުން އިތުރުކުރުމަށް ހިއްވަރު ދިނުމަކީ ހާއްސަ އަހައްމިއްޔަތުކަމެއް ދޭން ބޭނުންވާ ދާއިރާއެއް ކަމަށް އާތިފާ ވިދާޅުވިއެވެ.
މީގެ އިތުރުން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގި ގާލްސް ޓު ކޯޑް ފުވައްމުލަށް އަދި ޖެންގޯ ގާލްސް މާލެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އެގޮތުން އެއީ މި މަސައްކަތް އިތުރައް ކުރިޔަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް އާތިފާ ފާހަގަ ކުރެއްވިއެވެ.
މި ޕްރޮގްރާމް ތިނަދޫގައި ބޭއްވުމުގައި އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރު ހީބެއް ލިބުނު ކަމަށާއި އެ ފަރާތްތަކުން ދިން އެއްބާރުލުމަށް ހާއްސަ ޝުކުރެއް ވިމެން އިންޓެކް މޯލްޑިވްސް ގެ ފަރާތުން ދެންނެވިއެވެ. ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ ނިއުމާ ފާއިޒް ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ކުދިން ވެސް އިސްކަން ދޭންވީ ޕްރޮގްރާމްގައި ދެމި ތިބެ ޕްރޮގްރާމް ނިންމުމަށް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން 21 ވަނަ ގަރުނުގެ އެންމެ މުހިންމު ހުނަރު ދަސްކުރުމަކީ އަމާޒު ކަމުގައި ހިފުމަށް ކަމަށް އެނާ ވިދާޅުވިއެވެ.
އޮންލައިންކޮށް ގެންދެވޭ މިޕްރޮގްރާމް ކުރިއަށް ދާނީ 2 މަސް ދުވަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ. އަދި މި ޕްރޮގްރާމްގައި ކުދިންނަށް އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެ ކަމަށް ދިރާގުން ބުނެއެވެ. މި ޕްރޮގްރާމްގެ ތެރެއިން ހިންގޭ ވޯކްޝޮޕް ތަކުގައި ޕްރޮޖެކްޓް މެނޭޖް ކުރުމާއި އަދި ވެބް ޑިވެލޮޕްމެންޓް އާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް މެންޓާސްގެ ގޮތުގައި މިދާއިރާގެ ފަންނީ މީހުން ބައިވެރިވާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.