ރައްޔިތުން މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު "ކޮސް ގޮވަން" ނުހެއްދުމަށް ގޮވާލައްވައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފިއެވެ.

ޝުޖާއު މިހެން ވިދާޅުވީ، އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ލަތީފަށް ރައީސް ނަޝީދު ރައްދު ދެއްވައި، ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ މޭޔަރަކާއި، އެމްޑީޕީއަށް އަގުލަބިއްޔަތު އޮތް ކައުންސިލެއް އައްޑޫގައި އޮވެއްޖެނަމަ، އައްޑޫ މުޅި ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށް ވިދާޅުވުމުންނެވެ.

ޝުޖާއު ވިދާޅުވީ، މިހާރު ވެސް އައްޑޫ ސިޓީގައި ހުންނެވީ އެމްޑީޕީ މޭޔަރެއް ކަމަށާއި އައްޑޫ ސިޓީގައި އޮތީ އެމްޑީޕީ މެންބަރުންތަކެއް ތިބި ކައުންސިލެއް ކަމަށެވެ. ހަމައެއާއެކު އެޖެންޑާ 19 އިން މަޖިލިސް މެންބަރުންގެ ގޮތުގައި އެމްޑީޕީ ތަމްސީލް ކުރާ އައްޑޫ ސިޓީގެ 7 މަޖިލިސް މެންބަރުން އިންތިހާބުވެވަޑައިގެން އެމަގާމުގައި ތިއްބެވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިހާރުވެސް އެމްޑީޕީއަށް އަގުލަބިއްޔަތު އޮތް ކައުންސިލެއް އޮތް އިރު އަންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރައީސް ނަޝީދު "ކޮސް ގޮވަން" ނުހައްދެވުމަށާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް އިތުރަށް އޮޅުވާލަން މަސައްކަތް ނުކުރެއްވުމަށް އޭނާ ގޮވާލެއްވިއެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނަށް ރައީސް ނަޝީދު ވިދާޅުވާ ވައުދުތައް އެނގިއްޖެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ނަޝީދު ރައްދު ދެއްވާފައިވަނީ ރޭ " ޗެނަލް 13" ގެ ޕްރޮގްރާމެއްގައި ލަތީފު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ލަތީފު ވިދާޅުވީ، އައްޑޫ ސިޓީގައި އިމާރާތް ކޮށްފައިވާ ޕޮލިސް އެކެޑަމީ، ހޮޓަލަކަށް ބަދަލު ކުރައްވާނެ ކަމަށާއި އިންޑިއާގެ އެހީގައި އައްޑޫގައި ބޮޑު ޓްރެއިނިން ސްކޫލެއް އަޅަމުންދާއިރު، އެއީ އިންޑިއާގެ ނޭވީ ބޭސްއެއް ކަމަށް އިންޑިއާގެ ނޫސްތަކުން މައުލޫމާތު ލިބިފައި ވާ ކަމަށެވެ.

އަދި އެކަމާ ގުޅޭގޮތުން ރައްޔިތުން ކުރަމުންދާ ސުވާލުތަކަށް ޖަވާބު ނުލިބޭ ކަމަށް ވިދާޅުވެ ލަތީފް ވަނީ އިންޑިއާ ހައި ކޮމިޝަނުން ބަޔާނެއް ނެރުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ މި ޓްރެއިނިން ސްކޫލް އާޅާ ނިމުމުން، އެތަން ދިވެހި ފުލުހުންނާއި ހަވާލުކޮށް އިންޑިއާ މީހުން ދާނެ ކަމަށް ބުނެ އިންޑިއާ ހައި ކޮމިޝަނުން ބަޔާނެއް ނުނެރޭނެ ކަމަށެވެ.

މިކަމަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އައްޑޫގައި ފުލުހުންގެ އެކަޑެމީ ބިނާކޮށްފައި ވަނީ ބިން ބޭނުން ކުރުމުގައި އެކަށީގެންވާ މިންވަރަށް ނުވިސްނާ ކަމަށާއި އަދި މިހާރު އެތަނަކީ ތައުލީމީ މުއައްސަސާއެއް ކަމަށެވެ. މީގެ އިތުރުން ޕީޕީއެމްގެ ޒައާމަތެއްގައި އައްޑޫގައި މަތީ ތައުލީމުގެ ފުރުސަތު ނެތީތޯ އައްސަވާ ރައީސް ނަޝީދު ވަނީ ސުވާލު ކުރައްވާފައެވެ. އެހެންކަމުން އެމްޑީޕީގެ އަގުލަބިއްޔަތު އޮތް ކައުންސިލަކާއެކު އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވިގެން ދާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.

މިހެން ރައީސް ނަޝީދު ވިދާޅުވި އިރު، މިހާރު ވެސް އައްޑޫގެ މޭޔަރަކީ އެމްޑީޕީގެ މެންބަރެކެވެ. އަދި އައްޑޫ ސިޓީ ކައުންސިލުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ އެންމެ މެންބަރަކު ވެސް ނެތެވެ.