ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން، އާންމުންނަށް ފޯރުކޮށްދިނުމަށް ފުޅާ ދާއިރާއެއްގައި ހިންގާ ކެމްޕޭން، މިމަހުގެ 16 ވަނަ ދުވަހު އެ ގައުމުގައި ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވާ ކަން، އަވަށްޓެރި އިންޑިއާއިން އިއުލާންކޮށްފިއެވެ.
ބޮޑުވަޒީރު ނަރޭންދްރާ މޯދީ ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގައި މިކަން ނިންމާފައި ވާކަން އިއުލާން ކޮށްފައި ވަނީ، ބޮޑުވަޒީރު އޮފީހުން އާންމު ކުރި ބަޔާނެއްގައެވެ. މި ބައްދަލު ކުރެއްވުމުގައި އިންޑިއާގެ ކެބިނެޓް ސެކްރެޓަރީ، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރައިމް މިނިސްޓާ އަދި ހެލްތު ސެކްރެޓަރީއާއި އެފަދަ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ކަމަށް އިންޑިއާގެ މީޑިއާއިން ހަބަރު ދެއެވެ.
މޯދީ ވަނީ ޓްވިޓާގައިވެސް މިކަން އިއުލާން ކުރައްވާފައެވެ. އެގޮތުން މި މަހުގެ 16 ވަނަ ދުވަހު ވެކްސިން ދޭން ފެށުމަކީ ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި އަޅާ މުހިންމު ފިޔަވަޅެއް ކަމަށް މޯދީ ވަނީ ސިފަ ކުރައްވާފައެވެ. ވެކްސިން ކެމްޕޭންގެ ފުރަތަމަ މަރުހަލާގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހިތްވަރުގަދަ ޑޮކްޓަރުންނާއި، ސިއްހީ ހިދުމަތްތެރިންނާއި، ފްރަންޓްލައިން ހިދުމަތްތެރިންނަށް ވެކްސިން ފޯރުކޮށްދިނުމަށް ކަމަށްވެސް މޯދީ ކުރެއްވި ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ބޮޑުވަޒީރު އޮފީހުން އާންމު ކުރި ޕްރެސް ރިލީޒްގައި ބުނެފައި ވަނީ، އިންޑިއާގެ ކޮވިޑް-19 ވެކްސިން ކެމްޕޭނަކީ، ރައްޔިތުންގެ ބައިވެރިވުން އޭގެ އެންމެ އިންތިހާއަށް ފެނިގެންދާ އިންތިހާބީ ހަރަކާތްތަކާ، ޔުނިވާސަލް އިމުއިނައިޒޭޝަން ޕްރޮގްރާމުން އިންޑިއާއަށް ލިބިފައިވާ ފިލާވަޅުތަކަށް ރިއާޔަތް ކޮށްގެން ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށެވެ. އަދި ކޮވިޑް ވެކްސިން ކެމްޕޭންގެ ސަބަބުން، ސިއްހީ އެހެން އެއްވެސް ހިދުމަތަކަށް ދަތި ނުވާނެ ކަމުގެ ޔަގީންކަންވެސް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.
ކޮވިޑް-19ގެ ވެކްސިން ކެމްޕޭނަށް ތައްޔާރު ވުމުގެ ގޮތުން އިންޑިއާއިން 3 ފަހަރެއްގެ މަތިން ތަމްރީނު/ޑްރިލްތަކެއްވެސް ކުރިއަށް ގެން ގޮސްފައެވެ.
އިންޑިއާގައި އާންމު އުސޫލުން ބޭނުން ކުރުމަށް އެ ގައުމުގެ ޑްރަގް ރެގިއުލޭޓަރުން ވަނީ 2 ވެކްސިނަކަށް ރުހުން ދީފައެވެ. އެއީ އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ބާރަތު ބައޮޓެކްގެ ވެކްސިނާއި، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ވެކްސިނެވެ. ކޮވިޝީލްޑާއި ކޮވެކްސިންއަށް އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން ރުހުން ދީފައި ވާއިރު، އިންޑިއާއިން ދަނީ އަވަށްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށްވެސް ތައްޔާރީތަކެއް ވަމުންނެވެ.