60 އަށް ވުރެ ގިނަ މީހުންނާއެކު އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއިން ފުރައިގެން ބޯނިއޯ އައިލަންޑްސްއަށް ދަތުރު ކުރަމުން ދަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ވީނުވީއެއް ނޭނގި ގެއްލުނު ސްރީވިޖަޔާ އެއާގެ ފްލައިޓް، ޖަކާޓާ ބޭއަށް ވެއްޓިފައި ވާ ކަން، އިންޑޮނޭޝިއާގެ ދަތުރު ފަތުރާ ބެހޭ ވަޒީރު ބުދީ ކާރްޔާ ސުމާދީ ކަށަވަރު ކޮށްދެއްވައިފިއެވެ.

56 ފަސެންޖަރުންނާއި 6 ކުރޫއިންނާއެކު އުދުއްސާލި ސްރީވިޖަޔާ އެއާގެ ފްލައިޓް، އެސްޖޭ 182 އަކީ، 27 އަހަރު ވެފައިވާ ބޯޓެކެވެ. ބޮއިންގް 737-500 މަރުކާގެ މި ބޯޓާ އެންމެ ފަހުން ގުޅިފައި ވަނީ ޖީއެމްޓީ ގަޑިން 07:40 (އިންޑޮނޭޝިއާ ގަޑިން މެންދުރުން އަނބުރާ 02:40) ހާއިރު ކަމަށް އިންޑޮނޭޝިއާގެ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ތަރުޖަމާނު، އަދީތާ އިރަވާތީ ވަނީ ވިދާޅުވެފައެވެ.

ޖަކާޓާ ޕްރޮވިންޝަލް ފަޔާ އެންޑް ރެސްކިއުއިން ވަނީ، ގެއްލުނު ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ވެއްޓިފައި ވާ ބޯޓުގެ ބައިތަކެއް ފެނިފައި ވާ ކަން ކަށަވަރު ކޮށްދީފައެވެ. އެއްވެސް މީހެއްގެ ހިލަމެއް ވި ކަމުގެ ހަބަރެއް އަދި ނުލިބެއެވެ.

ބަޖެޓް އެއާލައިނެއް ކަމަށްވާ ސްރީވިޖަޔާ އެއާއިން ބުނީ، ބަޔާނެއް އާންމު ކުރުމުގެ ކުރިން، މި ހާދިސާއާ ބެހޭ އިތުރު މައުލޫމާތު އެއް ކުރަމުން އަންނަ ކަމަށެވެ.

ފްލައިޓް ރާސްތާ ބެލުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ފްލައިޓްރޭޑާ24 އިން ބުނީ، ސްރީވިޖަޔާ އެއާގެ ފްލައިޓް އެސްޖޭ182، ޖަކާޓާއިން އުދުއްސާލިތާ 4 ވަރަކަށް މިނެޓް ފަހުން، 1 މިނެޓް އިތުރު ތެރޭގައި 10000 ފޫޓު ތިރިއަށް ވެއްޓުނު ކަމަށެވެ.