ސްކޫލްތައް ކައިރީ ޕާކު ކޮށްފައި ހުރި އުޅަނދުތައް ނަގަން ފުލުހުން އަންގައިފިއެވެ.

އެ އުޅަނދުތައް ނަގަން ފުލުހުން އަންގާފައި ވަނީ މާދަމާ ސްކޫލްތައް ފެށުމަށް ހަމަޖެހިފައި ވާތީއެވެ. އެގޮތުން ފުލުހުން ވަނީ ސްކޫލް ސަރަހައްދުގައި ކުރަހާފައި އަދި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި ހިލާފަށް ޕާކު ކޮށްފައިވާ އުޅަނދު ފަހަރު ނަގަން އަންގާފައެވެ.

ޓްރެފިކް ނިޝާންތަކާއި ހިލާފަށް ޕާކު ކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ދީފައިވާ ސުން ގަޑި އަކީ މިއަދު އިރުއޮއްސި 6:00 އެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖެހުމުގެ އިތުރުން އެ އުޅަނދުތައް ޓޯ ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެން ވެއެވެ. އެހެންކަމުން، ސްކޫލްތައް ކައިރީ ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުރި އުޅަނދުތައް ދީފައިވާ ސުން ގަޑީގެ ކުރިން ނުނަގައިފި ނަމަ، އެ އުޅަނދުތައް ފުލުހުން ޓޯ ކުރާނެ ކަމަށް ބެލެވެއެވެ.

ފުލުހުން ދަނީ ސްކޫލްތައް ފެށޭ ގަޑީގައާއި، ނިމޭ ގަޑީގައި ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެމުންނެވެ.

ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް ކުދިން ގެންގިސް ކިޔަވައި ދިނުން ހުއްޓާލާ، ބަންދުކޮށްފައި އޮންނަތާ މިހާރު އަހަރެއް ވާން މިވަނީ ކައިރި ވެފައެވެ. އަލުން ސްކޫލްތައް ހުޅުވޭއިރު ހުޅުވޭނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ހާއްސަ ފިޔަވަޅުތަކާ ވެސް އެކުއެވެ. މާދަމާ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށެވެ. އަދި ޕްރީ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ވެސް މާދަމާ ފެށޭނެއެވެ.