ދުނިޔެ ވަށައިގެންވާ ވައިގެ ފަށަލަ (އެޓްމޮސްފިއާ)ގެ އޮކްސިޖަން ސަޕްލައިގެ ގާތްގަނޑަކަށް 20 ޕަސެންޓް ހިއްސާކުރާ އެމޭޒަން ޖަނަގްލި، ކުރިއަށް އޮތް 45 އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅިން ނެތި ހިނގައިދާނެ ކަމުގެ އިންޒާރު، އާ ދިރާސާއަކުން ދީފިއެވެ.

ޕިއާ-ރިވިއުޑް ޖާނަލްތައް ޝާއިއު ކުރަމުން އަންނަ "އެންވާރަމަންޓް"ގައި ޝާއިއުކޮށްފައިވާ ދިރާސާގައި، ސައެންސްވެރިޔާ ރޮބާޓް ވޯކާ ވިދާޅުވީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، އެމޭޒަން ޖަންގަލި ހިމެނޭ ސަރަހައްދަށް ހަނަފަސްކަން ކުރިމަތިވުމާއި، އެ ސަރަހައްދުގައި މިހާރުވެސް ހައްދެއް ނެތް މިންވަރަށް ހިންގަމުންދާ ޖަންގަލި އެންދުމުގެ އަމަލުތަކުގެ ސަބަބުން، 2064 ވަނަ އަހަރު އަންނައިރު، އެ ޖަންގަލި ނެތި ހިނގައިދާނެ ކަމަށެވެ.

ގުދުރަތީ ދިރުންތަކާ ގަސްގަހާގެހީގެ މުއްސަނދިކަން ލިބިފައިވާ ދުނިޔޭގެ އެންމެ ބިޔަ ޖަންގަލީގެ ގޮތުގައި ސިފަކުރަމުން އަންނަ ބްރެޒީލްގެ އެމޭޒަން ޖަންގަލީގައި އަލިފާން ރޯކޮށްފައި/ފޮޓޯ: އުއެސްލޭ މާސެލީނޯ

އެކި މަންފާތައް ހޯދުމަށް އެމޭޒަން ޖަންގަލި ސަރަހައްދު އަންދަމުން ދަނީ ކަންބޮޑުވާންޖެހޭ ދަރަޖައަކަށެވެ. 2020 ވަނަ އަހަރުގެ ފުރަތަމަ 4 މަސް ދުވަހަށް ބަލާއިރު އެ ޖަންގަލީގެ 1202 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް، އިންސާނުން ވަނީ ހަލާކުކޮށްފައެވެ. އެއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 55 ޕަސެންޓް އިތުރު އަދަދެކެވެ.

ގުދުރަތީ ދިރުންތަކުގެ އިންތިހާ މުއްސަނދިކަން ލިބިފައިވާ އެމޭޒަން ޖަންގަލިން މުހިންމު ދިރުންތަކެއް ގެއްލި ދިއުމާއި، ރޯކުރަމުންދާ އަލިފާންގަނޑުތަކުން ބޭރުވާ ވިހަ ދުމުގެ ސަބަބުން ކުރިމަތިލާން ޖެހިފައިވާ އިޖުތިމާއީ، އިގުތިސޯދީ އަދި ތިމާވެށީގެ ނޭދެވޭ އަސަރުތަކާ މެދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ސައެންސްވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ގުދުރަތީ ދިރުންތަކާ ގަސްގަހާގެހީގެ މުއްސަނދިކަން ލިބިފައިވާ ދުނިޔޭގެ އެންމެ ބިޔަ ޖަންގަލީގެ ގޮތުގައި ސިފަކުރަމުން އަންނަ ބްރެޒީލްގެ އެމޭޒަން ޖަންގަލީގައި އަލިފާން ރޯކޮށްފައި/ފޮޓޯ: ކާލް ޑިސޫޒާ

މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ވަކާލާތު ކުރާ ބްރެޒިލްގެ ކްލައިމެޓް އޮބްޒަވޭޓަރީއިން ބުނާ ގޮތުގައި މިކަން ހިނގަނީ، މިފަދަ އަމަލުތައް ހުއްޓުވުމަށް ސަރުކާރު ނުކުޅެދިގެންނެއް ނޫނެވެ. ނަމަވެސް، ގެއްލުންދެނިވި އުސޫލުތައް ޕްރޮމޯޓް ކުރުމަށް ޖެއިރް ބޮލްސޮނާރޯގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ކަމަށެވެ.

ގުދުރަތީ ވެއްޓާއި ދިރިއުޅުންތަކާ ދެކޮޅަށް އިންސާނީ ހަލޯރާތުން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ، އދގެ 75 ވަނަ އާންމު ޖަލްސާގައި ހަވާސާގައި، ދުނިޔޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ގުދުރަތީ ދިރުންތަކާ ބެހޭ އދގެ ސަމިޓްގައި ތަގުރީރު ކުރައްވަމުން އިންޒާރު ކުރައްވާފައެވެ.

ޖަންގަލިތަކުން ގަސްތައް ކެނޑުމާ، މޫސުމީ ނޭދެވޭ ބަދަލުތަކާ، ކާބޯތަކެތި އުފެއްދުމުގެ ސަބުން ގުދުރަތުގެ ވެށީގެ ބެލަންސް ގެއްލުމުގެ ސަބަބުން ކުރިމަތިވި އެއް މައްސަލައަކީ، އެޗްއައިވީ-އެއިޑްސް، އެބޯލާ އަދި ކޮވިޑް-19 ފަދަ ފުރާނައަށް ނުރައްކާތެރި ބަލިތައް އުފެދުން ކަމަށް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.

ގުދުރަތީ ދިރުންތައް ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަހަރެއްގެ މައްޗަށް 80-90 ބިލިއަން ޑޮލަރު ހަރަދު ކުރާއިރު، ނެތެމުންދާ ގުދުރަތީ ދިރުންތަކުގެ ވެށި ސަލާމަތް ކުރުމަށް އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ހަރަދު ކުރަންޖެހިދާނެ ކަމަށް ފަހުގެ ހޯދުންތަކުން ދައްކައެވެ.