އިއްޔެ ކްރިމިނަލް ކޯޓު ކުރިމަތީގައި އިދިކޮޅު ޕީޕީއެމް ސަޕޯޓަރުން އެއްވެ ކުރި އިހުތީޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕީޕީއެމްގެ އިހުތިޖާޖުން ހައްޔަރު ކުރި މީހުން މިއަދު 03:30 ހާއިރު ދޫކޮށްލާފައިވާ ކަމަށެވެ.

ޕީޕީއެމްގެ އިހުތިޖާޖުން ޕީޕީއެމްގެ ކައުންސިލްގެ 3 މެންބަރަކާއި 3 ސަޕޯޓަރުން ހިމެނޭހެން ޖުމްލަ 6 މީހުން ހައްޔަރު ކުރިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު ސޫދާ އަބްދުﷲ އާއި ކައުންސިލް މެންބަރު އަހުމަދު ނަރީޝް އާއި ޕީޕީއެމްގެ ކައުންސިލް މެމްބަރު އާމިނަތު ފަޒްލާގެ އިތުރުން ޕީޕީއެމްގެ މެމްބަރުން ކަމަށްވާ ހާލިދު އުސްމާން، ހަދީޖާ ހުސެއިން އަދި އަބްދުﷲ ސަލީމް ހިމެނެއެވެ.

އޭގެ އެތެރެއިން ކައުންސިލް މެންބަރު އަހުމަދު ނަރީޝް ވަނީ އިއްޔެ ދޫކޮށްލާފައެވެ. އަދި ބާކީ ތިބި ފަސް މީހުން ދޫކޮށްލީ މިއަދުއެވެ.

ކްރިމިނަލް ކޯޓް ސަރަހައްދުގައި އިދިކޮޅު ކޯލިޝަންގެ މެންބަރުން ކުރި އިހުތިޖާޖުގައި ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ޝަރީއަތަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލާފައެވެ. މި އިހުތިޖާޖުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުމެކެވެ. މި ދެ ދައުވާ އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.