ގައުމަށް އަގުހުރި ހިދުމަތް ކުރާ ފަރާތްތަކަށް ކުވައިތުގައި ދޭ މަތީ އިއްޒަތެއްކަމަށްވާ "އޯޑަރ އޮފް ކުވައިތު" ނުވަތަ ވިސާމް އަލް-ކުވައިތުގެ ޝަރަފު، އެގައުމުގެ ހާރިޖީ ވަޒީރު ޝައިހު ޑރ އަހުމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާހަށް، އަށް ކުވައިތުގެ އަމީރު ޝައިހު ނަވާފް އަލް އަހުމަދު އަލް ޖާބިރް އަލް ސަބާހު އެރުވުމާ ގުޅިގެން، ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ކުވައިތުގެ ހާރިޖީ ވަޒީރަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ޝާހިދު ވިދާޅުވީ އެ ޝަރަފަކީ ބައިނަލްއަގުވާމީ ޑިޕްލޮމެސީއާއި ކުވައިތަށް، އަދި ދާދި ފަހުން ބޭއްވި ގަލްފް ގައުމުތަކުގެ ބައްދަލުވުމުގެ ނަތީޖާއަށް ނަޒަރު ހިންގާއިރު، ކުވައިތުގެ ހާރިޖީ ވަޒީރު ޝައިހު ޑރ އަހުމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާހަށް ހައްގު ޝަރަފެއް ކަމަށެވެ.
ކުވައިތުގެ 35 ވަނަ ވަޒީރުންގެ މަޖިލީހުގެ އިތުރު ދައުރަކަށް ހާރިޖީ ވަޒީރު ކަމުގެ މަގާމަށް ޝައިހު ޑރ އަހުމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާހު އައްޔަން ކުރެއްވީ ހުސްވި ޑިސެމްބަރު މަހުއެވެ. އެކަމާ ގުލިގެންވެސް ދިވެހި ހާރިޖީ ވަޒީރު ވަނީ ކުވައިތުގެ ހާރިޖީ ވަޒީރު ޝައިހު ޑރ އަހުމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާހަށް މަރުހަބާ ވިދާޅުވެފައެވެ.
ޝައިހު ޑރ އަހުމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާހަކީ ކުވައިތުގެ އަވާހަރަވީ އަމީރު ޝައިހު ސަބާހު އަލް އަހުމަދު އަލް ޖާބިރު އަލް ސަބާހުގެ ވެރިކަމުގައިވެސް އެގައުމަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ޑިޕްލޮމެޓެކެވެ.