ހުޅުމާލެ ފޭސް ދޭއްގައި ފިއުލް ޝެޑް ގާއިމުކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އެޗްޑީސީން އިއުލާންކޮށްފިއެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ހުޅުމާލެ ފޭސް ދޭއްގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫއުތަކެއް ނިމި އެ ސަރަހައްދަކީ މުސްތަގުބަލުގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުންތަކެއް އާބާދުވާނެ ސަރަހައްދެއް ކަމުން ފޭސް ދޭކަށް ބަދަލުވާ ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތައް ގާއިމްކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ފޭސް ދޭއްގައި ދެ ޕެޓްރޯލް ޝެޑެއް ގާއިމްކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ވަނީ މި މަހުގެ 5 ވަނަ ދުވަހު އިއުލާންކޮށްފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ

ޒަމާނީ ފެންވަރަށް ހަދަން ޖެހޭ އެ ޕްޓްރޯލް ޝެޑްތަކުގައި ކާރު ދޮވުމާއި ފުރޮޅު ބެއްދުން އަދި ފުރޮޅު ބަދަލުކުރުން ފަދަ ކުދި މަރާމާތު މަސައްކަތް ކުރެވޭނެ އިންތިޒާމުވެސް ހުންނަން ޖެހެއެވެ. މީގެ އިތުރުން ގާއިމް ކުރެވޭ ދެ ޕެޓްރޯލް ޝެޑުން ވެސް ސެލްފް ސާވިސްގެ ހިދުމަތާއި ފުރޮޅަށް ވައި ޖެހޭނެ އިންތިޒާމު ވެސް ހުންނަން ޖެހެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށް އެޗްޑީސީން ބުނެއެވެ. ހަމައެއާއެކު ޕްރީ ޕްރޮޕޯސަލް މީޓީން މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެފަރާތުން ބުނެއެވެ. މި މަޝްރޫއާ ބެހޭ އިތުރު މަޢުލޫމާތު އެޗްޑީސީގެ ވެބްސައިޓުންނާއި މައި ހުޅުމާލޭ ޕްރޮޕަޓީސް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.