ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދުބާއީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިއްޔެގެ ވަގުތެއްގައި ރައީސް ސޯލިހު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ސޯލިހު ދުބާއީއަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވަލީއަހުދު ޝައިހު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހާއި ޔޫއޭއީގެ ވަލީއަހުދު ވަނީ، މިއަދު ދުނިޔެ ކުރިމަތިލާން ޖެހިފައި ވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތުގެ އަދުގެ ހާލަތާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ޔޫއޭއީއާއި އެހެން ގައުމުތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، މި ބަލިމަޑުކަމާ ކުރިމަތިލުމަށް ޔޫއޭއީގެ ސަރުކާރުން ގެންގުޅޭ ޓެކްނޮލޮޖީގެ އީޖާދީ އިސްތިރާޖުތަކަށް ވެސް ރައީސް ސޯލިހު ވަނީ ތައުރީފު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަލީއަހުދު ނަހްޔާން ވަނީ، ޔޫއޭއީގެ ފަރާތުން ރާއްޖެއަށް ދެމުންދާ އެއްބާރުލުން އެގޮތުގައި ދެމި އޮންނާނެކަން ކަށަވަރު ކޮށްދެއްވާފައެވެ. ވަކިން ހާއްސަކޮށް، މަސްވެރިކަމާއި، ކާބޯތަކެތީގެ ސަލާމަތްތެރިކަމާއި، ދަތުރުފަތުރުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުން ހުރި ތަރައްގީގެ މަޝްރޫއުތަކަށް ޔޫއޭއީއިން ދެމުންދާ އެއްބާރުލުން އެގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން، ޔޫއޭއީގެ ވަލީއަހުދު ވަނީ ދެއްވާފައެވެ.

މިއީ މިއަހަރު ރައީސް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އަދި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު މިއީ ރައީސް ސޯލިހުގެ ފުރަތަމަ ނުރަސްމީ ފަތުރުފުޅު ވެސް މެއެވެ. ރައީސްގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.