ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އިންތިހާ ނުރައްކާ ދަރަޖައަކަށް ފެތުރެމުން އަންނަ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން، މި މަހު އިންޑިއާއަށް ކުރައްވަން ހަމަޖައްސަވާފައި އޮތް ދަތުރުފުޅު ކެންސަލް ކުރައްވައިފިއެވެ.

ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވާ ގޮތުން، ޖޯންސަންގެ އިންޑިއާ ދަތުރުފުޅު ކެންސަލް ކުރެއްވީ އިނގިރޭސިވިލާތުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިއުމާއެކު އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހަރުކަށި އަމުރުގެ އިތުރުން، މިފަދަ ހައްސާސީ ވަގުތެއްގައި ގައުމުގައި މަޑު ކުރެއްވުން މުހިންމު ކަމަށް ބޮޑުވަޒީރަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

ބޮރިސް ޖޯންސަން ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާ މިއަދުގެ ވަގުތެއްގައި ފޯނުން ގުޅުއްވާފައެވެ. އަދި މިހިނގާ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު (3 މަސްދުވަސް) ގެ ތެރޭގައި އިންޑިއާއަށް ވަޑައިގެންނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޖޯންސަން، މޯދީއަށް ދެންނެވި ކަމަށް މައުލޫމާތު ލިބެއެވެ. އެއީ އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމު ބައިވެރިވާ ޖީ-7 ސަމިޓްގެ ކުރިން ކުރެއްވޭނެ ދަތުރުފުޅަކަށް ވުމަށް ޖޯންސަން އުއްމީދު ކުރައްވާ ކަމަށްވެސް އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން އާންމު ކުރި ބަޔާނުގައިވެއެވެ. ޖީ-7 ސަމިޓްގައި، ހާއްސަ މެހެމާނެއްގެ ގޮތުގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މޯދީއާއިއެކު މިއަދު ކުރިއަށް ގެންދެވި ފޯނު ކޯލުގައި، ދެ ގައުމުގެ ލީޑަރުންވެސް ވަނީ ދޭދޭ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން މައުލޫމާތުދެއެވެ.

އިނގިރޭސި ސަރުކާރުން ވަނީ، އެ ގައުމުން ކުރާ ބައިނަލްއަގުވާމީ ދަތުރުފަތުރު މަޑުޖައްސާލުމާއި ގުޅޭ ކަންކަން މުރާޖާ ކުރަމުން އަންނަކަން ހާމަކޮށްފައެވެ.