ޕޯޗުގަލްގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީގެ ގޮތުގައި ބަލަމުން އަންނަ ޕޯޓޯގައި ކުރިއަށް ގެންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ވެކްސިން ކެމްޕޭންގެ ތެރެއިން ވެކްސިން ޑޯޒްއެއް ޖެހި ނަރުހަކު، 2 ދުވަސް ތެރޭ މަރުވި ކަމަށް ބުނާ ހާދިސާ ތަހުގީކުރަމުން އަންނަ ކަމުގެ ހަބަރު ލިބިއްޖެއެވެ.

ޕޯޓޯގެ ހޮސްޕިޓަލެއްގައި ޕީޑިއަޓްރިކް ސާޖަރީ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ނަރުސް މަރުވީ ކޮވިޑް-19އަށް ވެކްސިން ޖެހިތާ 48 ގަޑިއިރުގެ ތެރޭގައި ކަމަށް އާއިލާއިން ވަކާލާތު ކުރެއެވެ.

އާއިލާއިން މިފަދަ ގޮތަކަށް ވަކާލާތު ކުރި ކަމުގައި ވީ ނަމަވެސް، އުމުރުން 41 އަހަރުގެ ސޯނިއާ އަޗެވީދޯ ވެކްސިން ޖެހިފަހުން، އޭނާގެ ހަށީގަނޑުން ނޭދެވޭ އެއްވެސް ސައިޑްއިފެކްޓެއް ފެނިފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ސޯނިއާގެ ބައްޕަ، އަބީލިއޯ ބުނީ، ދަރިފުޅު ހުރީ ރަނގަޅަށް ކަމަށާ، އޭނާގެ ހަށިގަނޑުން ސިއްހީ އެއްވެސް މައްސަލައެއް ފާހަގަ ނުވާ ކަމަށެވެ. ދަރިފުޅު ކޮވިޑް ވެކްސިން ޖެހި ކަމަށާ، ނަމަވެސް، "ނުރަނގަޅު" އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ. ސޯނިއާއަށް ވީ ގޮތެއް ނޭނގޭ ކަމަށާ، ދަރިފުޅުގެ މަރާ ގުޅިގެން ޖަވާބު ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށްވެސް އަބީލިއޯ ވަނީ ބުނެފައެވެ.

އަބީލިއޯ ދައްކާފައި ވާ ވާހަކަތައް މިފަދަ ގޮތަކަށް ހުރިއިރު ޕޯޗުގަލްގެ ސިއްހަތާ ބެހޭ ދާއިރާގެ އފިޝަލުން ދަނީ ސިއްހީ ހިދުމަތްތެރިޔާގެ ކުއްލި މަރާ ގުޅޭ ތަހުގީގެއް ހިންގަމުންނެވެ. ސޯނިއާއަކީ ޕޯޓޯގައި ކޮވިޑް-19ގެ ވެކްސިން ޑޯޒް ނެގި 538 ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. މި ގުރޫޕަށް ދީފައި ވަނީ ފައިޒާ/ބައޮއެންޓެކުން ތަރައްގީ ކުރި ކޮވިޑް ވެކްސިނެވެ.

ކޮވިޑް-19އަށް ހާއްސަކޮށްގެން އާންމު އުސޫލުން ވެކްސިން ދިނުމަށް ބޭނުން ކުރާ ވެކްސިންތަކަކީ ކުލިނިކުތަކުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް، އިންސާނުންގެ ހަށިގަނޑުގައި ބޭނުން ކުރުމަށް އެންމެ ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ވެކްސިންތަކެކެވެ.