ގައުމީ ފެންވަރެއްގައި ސުލްހައިގެ މަޝްވަރާތަކައިގެން ކުރިއަށް ދެވެން އޮތީ ވެރިކަމުގައި މިވަގުތު ހުންނެވި "ޣައިރު ގާނޫނީ" ބޮޑުވަޒީރު އިމްރާން ހާން، އެ މަގާމުން އިސްތިއުފާ ދެއްވައިގެން ކަމަށް، ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ޣެ ޗެއާމަން، ބިލަވާލް ބުއްޓޫ-ޒަރުދާރީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޒަރުދާރީ ވިދާޅުވީ، މިވަގުތު ޕާކިސްތާނުގެ ވެރިކަން ހިންގުމުގެ ނިޒާމުގައި ތިބި ރައްޔިތުންނާ ދެކޮޅު މީހުންނާއި، "ޣައިރު ގާނޫނީ، ގޮނޑިކޮއްކޮ" ބޮޑުވަޒީރު އެ މަގާމުން އިސްތިއުފާ ދެއްވުމާއެކު، ސުލްހައިގެ މަޝްވަރާތަކަށް މަގު ތަނަވަސް ކުރައްވާނެ ކަމަށެވެ.
މިއަދު ޕާކިސްތާނުގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައި ވާ މައްސަލަތަކަށް ސިޔާސީ އިމުގެ ތެރެއިން ހައްލެއް ހޯދާ ދެވެން އޮތް ހަމައެކަނި ގޮތަކީވެސް، އިމްރާން އިސްތިއުފާ ދެއްވުން ކަމަށް ޒަރުދާރީ ވިދާޅުވިއެވެ.
އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ޕާޓީއަށް ފާޑުވިދާޅުވުންތައް އަމާޒު ކުރައްވަމުން ޕީޕީޕީގެ ޗެއާމަން ވިދާޅުވީ، މުޖުތަމައުގެ ހުރިހާ ގިންތިއެއްގެ މީހުން މިވަގުތު ތިބީ އަދުގެ ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާ މެދު ހިތްހަމަ ނުޖެހިފައި ކަމަށެވެ.
ވަޒީފާ ނުލިބުމުގެ މައްސަލައާއި، ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ދިއުމުގެ ސަބަބުން ދަރިން ސްކޫލަށް ފޮނުވުމަށާއި، ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށްވެސް ގިނަ ބަޔަކު ނުކުޅެދިފައި ވާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.
އިތުރު ކަންކަމަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ، މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދެއްވާފައި ނުވާ ކަމަށާ، މުސްކުޅިވެ ރިޓާޔާ ކޮށްފައިވާ މީހުންގެ ޕެންޝަނަށް ވާ ފައިސާވެސް އިމްރާން އިތުރު ކުރައްވާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި، އިމްރާންގެ ވެރިކަމުގައި، ޕާކިސްތާނުގެ އިގުތިސޯދު އޮތީ ބަންގްލަދޭޝްއާއި އަފްގާނިސްތާން ފަދަ ގައުމުތަކަށް ވުރެ ވެސް ހީނަރު ފައްތަރަކަށް ވެއްޓިފައި ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.
މި ދަނޑިވަޅަކީ ޕާކިސްތާނުގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން އެކުލަވާލާފައި ވާ ޕާކިސްތާން ޑިމޮކްރަޓީކް މޫވްމަންޓް (ޕީޑީއެމް)އިން ގައުމީ ފެންވަރުގެ ވަރުގަދަ މުޒާހަރާއަކަށްވެސް ތައްޔާރު ވަމުން އަންނަ ދަނޑިވަޅެއް ކަން ފާހަގަ ކުރަން ޖެހެއެވެ. 11 ޕާޓީއެއްގެ މައްޗަށް އެކުލެވޭ އިއްތިހާދުން ވަނީ، ޖެނުއަރީ 31 ގެ ކުރިން މަގާމުން އިސްތިއުފާ ދެއްވުމަށް އިމްރާން އަށް މުހުލަތު ދީފައެވެ.