ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށް، ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ވެކްސިން މަޝްރޫއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ޑރ ޓެޑްރޯޒް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަން ނިމުމަކަށް ގެނައުމަށް އިންޑިއާއިން ދަނީ ހަލުވިމަމާއެކު އިތުބާރު ބޮޑު ފިޔަވަޅުތަކެއް އަޅާ، އަމަލުން އެކަން ދައްކަމުން ކަމަށެވެ. ދުނިޔޭގައި މިވަގުތު އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދަމުން އަންނަ ގައުމުގެ ހައިސިއްޔަތުން، އިންޑިއާއަށް މިކަން ކިތަންމެ ރަނގަޅަކަށްވެސް ކުރެވިދާނެ ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކުރަމުން އަންނަ ބާރަތު ބައޮޓެކް ކުންފުންޏަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) ޒިޔާރަތް ކުރައްވަނީ / ފޮޓޯ: ދަ ނިއުސް މިނެޓް

މި މޭރުމުން މޯދީ ޓެގް ކުރައްވާ، ޓްވީޓް ކުރިއަށް ގެންދަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، އެންމެން އެކުގައި މަސައްކަތް ކޮށްފި ނަމަ، ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތިބި މީހުންގެ ތެރެއިން ވެކްސިނަށް އެންމެ ބޭނުން ވެފައި ވާ ނާޒުކު ގުރޫޕަށްވެސް ވެކްސިން ފޯރުކޮށް ދެވިދާނެ ކަން އިންޑިއާއަށް ހަނދާން ކޮށްދެއްވާފައެވެ.

ޑރ ޓެޑްރޯޒް މިފަދަ ރޫހެއްގައި ޓްވީޓް ކުރައްވާ، އިންޑިއާގެ ބޮޑުވަޒީރު ޓެގް ކުރައްވާ، ވަރުގަދަ މެސެޖެއް ދެއްވާފައި މިވަނީ، ކޮވިޑް-19އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ސިނާއީ ފެންވަރުގައި ތަރައްގީ ކުރަމުން އަންނަ ކޮވިޑް ވެކްސިން، އިންޑިއާއިން ބޭރު ނުކުރެވޭނެ ގޮތަށް އެގައުމުގެ ސަރުކާރުން ހަމަޖެއްސި ހަބަރު ފެންމަތިވެފައި ވާ ދަނޑިވަޅެއްގައެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ސީއީއޯ އަދާރު ޕޫނަވައްލާ ވަނީ، ސިނާއީ ފެންވަރުގައި އެ ކުންފުނިން އުފައްދަމުން އަންނަ އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން، އިންޑިއާއިން ބޭރަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތެއް ނެތް ކަމަށާ، މިއަހަރުގެ މާޗް މަހުގެ ނިޔަލަށް މިކަން އޮތީ މިހެން ކަމުގައި ވުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ.

ޕޫނަވައްލާ ވިދާޅުވީ، އެއްބަސްވުމުގައި ވާ ގޮތުން، ޕްރައިވެޓް ކުންފުންޏަކަށް ވެސް ވެކްސިން ފޯރުކޮށްދިނުމަށް ފުރުސަތެއް ނެތެވެ.

ކުއްލި ހާލަތުގައި ބޭނުން ކުރުމަށް އިންޑިއާގެ ރެގިއުލޭޓަރުން، އަސްޓްރާޒެނީކާގެ ވެކްސިނަށް ރުހުން ދިނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.