އެޗްޑީސީއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި އިތުރު ވިޔަފާރި ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ގައުމަށް ހިދުމަތް ކުރާނެ ދިވެހިން ތަރައްގީ ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 4 ވަނަ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި 450 އަށް ވުރެއް ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މިފަހަރު ހުޅުވާލި ފުރުސަތުގައި ލިބުނު ފުރިހަމަ ތަރުހީބުގެ ސަބަބުންނާއި ވީހާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން މި ޕްރޮގްރާމްގައި ކުންފުނީގެ ސްޓޭކް ހޯލްޑަރުންގެ އިތުރުން ވިޔަފާރި ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެޗްޑީސީން ބުނެއެވެ.
އެގޮތުން އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ކުންފުނިތަކަށް ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ އެޗްޑީސީ އަދި އެހެން ކުންފުނިތަކާއި ގުޅިގެން ގައުމުގެ މަސައްކަތުގެ މާއުހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ ބާޒާރަށް ނެރުން ކަމަށް އެޗްޑީސިން ބުނެއެވެ. އަދި ސީއެސްއާރް ކޮމްޕޯނަންޓެއްގެ ގޮތުގައި ހިމަނައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ކުންފުނިތަކަށް ލިބިގެންދާއިރު، އެ ކުންފުންޏަކަށް ބޭނުންވާ ފަންނުތަކުން މުވައްޒަފުން ބިނާކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ
މީގެ އިތުރުން މި ޕްރޮގްރާމް އިސްތިހާރު ކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގައި އެފަރާތްތަށް ހިމަނައިގެން އިސްތިހާރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން އެ ޕްރޮގްރާމްގައި ބައިވެރުވުމަށް ސްޕޮންސާޝިޕްގެ ގޮތުގައި 4 ޕެކޭޖެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެއީ ބްރޯންޒް ޕެކޭޖް، ސިލްވާ ޕެކޭޖް، ގޯލްޑް ޕެކޭޖް އަދި ޕްލެޓިނަމް ޕެކޭޖް އެވެ.
އެޗްޑީސީ އިން މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މޯލްޑިވްސް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން އޮތޯރިޓީ (ޓިވެޓް) ގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ގައިޑްލައިން އާއި ސްޓޭންޑާޑްސް އާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއެކު މިދިޔަ މަހުގެ 17 ވަނަ ދުވަހު ވަނީ އެމް.އޯ.ޔޫ އެއްގައި އެޗްޑީސީން ސޮއިކޮށްފައެވެ. އަދި އެ ޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ފަރާތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލްކުރުމާ އެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.