މަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާ ކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފިއެވެ.

އަނަސްއަށް ހަމަލާ ދީފައި ވަނީ ސައިކަލު ތަކެއްގައި ދިޔަ ހަތަރު މީހަކު ކަމަށާއި ހަމަލާ ދިނުމަށް ފަހު އެ މީހުން ފިލި ކަމަށް އޭރު ފުލުހުން މައުލޫމާތު ދީފައި ވެއެވެ. އަނަސް މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އިރާ ކޮޅެވެ.

އެ މައްސަލާގައި ހަތް މީހަކަށް ދައުވާ ކޮށްފައިވާއިރު ދައުވާ ކޮށްފައިވާ 7 މީހުންނަކީ ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲ، ސ. ފޭދޫ/ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ޅ. ކުރެންދޫ/އަސަރުމާގެ އަހުމަދު ޒަޔާން، މ. ދިމިޝްގު އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާންގެ އިތުރުން ތ. ކިނބިދޫ/ގުލްފާމްގެ މުހައްމަދު ސާޒްއެވެ.

އަނަސްގެ މަރުގެ މައްސަލާގައި ސާޒު، ޖުނައިދު، މަހްފޫޒު އަދި ސިމާހުގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައި ވާއިރު، ޒަޔާން، އަފްރާހު އަދި އުސްމާންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

މިމައްސަލާގައި އޭރު 17 އަހަރުގެ ކުޑަކުއްޖަކަށް ވެސް ދައުވާ ކުރިއެވެ. ނަމަވެސް މިހާރު އޭނާ އަށް ވަނީ 20 އަހަރު ފުރިފައެވެ.

އޭނާގެ މައްސަލަ ބެލުމަށް ފަހު އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޖުވެނައިލް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވާއިރު އެ މައްސަލައިގައި ކުރި ހުކުމުގައި ބުނެފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުންނާއި ހުށަހަޅާފައިވާ ގަރީނާތަކުން، ހާދިސާ ހިނގި ވަގުތު އެކުއްޖާ އެ ތަނުގައި ހުރިކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.