މިދިޔަ އަހަރު ސިވިލް ކޯޓުން 2394 މައްސަލައެއްގެ ޝަރީއަތް ނިންމާފައިވާ ކަމަށް ސިވިލްކޯޓުން ބުނެފިއެވެ.

ސިވިލްކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 2019 ވަނަ އަހަރު ނުނިމި ހުރި މައްސަލަތަކުގެ އަދަދު 1574 އަރައެވެ. އޭގެ އިތުރުން މިދިޔަ އަހަރު ސިވިލްކޯޓަށް 3578 މައްސަލައެއް ހުށަހަޅާފައި ވާއިރު އޭގެތެރެއިން ނިމިފައިވަނީ 2394 މައްސަލަ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

މިދިޔަ އަހަރު ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލައިގެ އަދަދު 2758 އަށް އަރާއިރު މީގެ ތެރެއިން 678 މައްސަލައަކީ އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައްކަމަށް ސިވިލްކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް 1996 މައްސަލަ ހުށަހަޅާފައި ވެއެވެ.

މި މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުން ހައްލުކޮށްފައި ވަނީ 1377 މައްސަލައެކެވެ. އެއީ މައްސަލަތަކުގެ 59.66 ޕަސެންޓެވެ.

މިދިޔަ އަހަރު ސިވިލްކޯޓުގެ ހުޅުމާލެ ޑިވިޝަނަށް 264 މައްސަލައެއް ހުށަހަޅާފައި ވާއިރު ހުޅުމާލެ ޑިވިޝަނުން ނުނިމިހުރި މައްސަލަތަކުގެ އަދަދު ވަނީ 84 އަކަށް އަރާފައެވެ.

މިދިޔަ އަހަރު ސިވިލް ކޯޓަށް ދަރަނީގެ ފައިސާގެ ގޮތުގައި 223 މިލިއަން ރުފިޔާ އާއި 57 މިލިއަން ޑޮލަރާއި 22،000 ޔޫރޯ ބަލައި ގެންފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

ސިވިލް ކޯޓުން ބުނީ އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 678 މައްސަލަ ނިންމުމަށްޓަކައި ހިތްވަރާއެކު މިއަހަރު މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން މި މަސައްކަތް މިއަހަރުގެ ގެންދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގައި އަހަރުވެފައި ވާ 678 މައްސަލަ ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް ސިވިލް ކޯޓުން ބުނެއެވެ.

ދެވަނަ ފިޔަވަހީގައި ހަ މަސްވީ މައްސަލަތަކަށް އަމާޒުކޮށްގެން އެ ލަނޑުދަނޑިއަށް ވާސިލުވުމަށް މަސައްކަތްކުރާނެ ކަމަށާއި އަދި ތިންވަނަ ފިޔަވަހީގައި ކޯޓަށް ހުށަހެޅުނު އަދަދަށްވުރެ އިތުރަށް މައްސަލަ ނިންމުމަށް މަސައްކަތްކުރާނެ ކަމަށް ސިވިލް ކޯޓުން ވަނީ ބުނެފައެވެ.