ޒަވާޖީ ހަޔާތެއްގެ ފެށުމަށް ފަހު ދެމަފިރިއެއްގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި އެއް ދުވަހަކީ ދަރިއަކަށް ބަލިވެ އިންކަން އެނގޭ ދުވަސް ކަމާ މެދު ދެބަސްވާނީ މަދު މީހެކެވެ.

ދަރިއަކަށް އެދި ކުރާ ފޮނި އުއްމީދުގައި ހަގީގީ ކުލަޖެހޭ ކަމުގެ އިހުސާސް ވުމާއެކު އަދުގެ ދުނިޔޭގައި ގިނަ މީހުން ބަރޯސާވަނީ ޑޮކްޓަރަކާ ހިސާބަށް ދިއުމުގެ ކުރިން، ގޭގައި އަމިއްލައަށް ޓެސްޓު ކޮށްލުމަށެވެ. ނަމަވެސް މިފަދަ ޓެސްޓުތަކުގެ ނަތީޖާ ދެނެގަތުމަކީ ބައެއް މީހުންނަށް އެކަމުގެ ނަސީބު ލިފައި އޮތް ކަމެއް ނޫނެވެ.

ނެގެޓިވް ޕްރެގްނެންސީ ޓެސްޓެއް/ފޮޓޯ: އަބައުޓް އިސްލާމް

ލޮލުގެ ފެނުމުގައި އެކި ކަހަލަ ތަކުލީފުތައް އުފުލަންޖެހިފައިވާ އެތައް ހާސް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނައިރު، ބަލިވެ އިންތޯ ބެލުމަށް ގޭގައި ހަދާ ޓެސްޓުގެ ނަތީޖާ އަމިއްލައަށް ބަލާލުމުގެ ނަސީބަކީވެސް އެތައް ބަޔަކު އެކަމުން މަހްރޫމުވެފައިވާ ކަމެކެވެ.

މިހާރު ހުންނަ ޕްރެގްނެންސީ ޓެސްޓު ކިޓްތަކަކީ ލޯލުގެ ފެނުމުން މަހްރޫމުވެފައިވާ މީހުން ނުވަތަ އިންތިހާއަށް ލޯ ނުސާފުވެފައިވާ މީހުންނަށް އެންމެ އެކަށީގެންވާ ކިޓްތަކެއް ނޫނެވެ. އެ ކިޓުން ދައްކާ ނަތީޖާއަކީ ހަމަ އެކަނި އެ މީހަކަށް ހާއްސަ ސިއްރެއްގެ ގޮތުގައި އޮތުމަށް ގިނަ ބަޔަކު އެދެއެވެ. ނަމަވެސް ލޮލުގެ އަލިކަން ގެއްލިފައިވާ މީހުންނަށް މި ފުރުސަތެއް އަދި ނޯވެއެވެ. މިހާރު ލިބެން ހުރި ހުރިހާ ކިޓަކުންވެސް ނަތީޖާ ދައްކަނީ އިލެކްޓްރޯނިކް ކޮށެވެ. ނުވަތަ ރޮނގުބުރިތަކެއް އަރުވައިގެންނެވެ.

މިއީ ގިނަ ބަޔަކު އެކަމާ އިންތިހާއަށް ވިސްނާ ކަމެއްވެސް މެއެވެ. ނަތީޖާގެ ވާހަކަ އެއް ކިބާގައި ބާއްވާށެވެ. ޓެސްޓު ހެދުމަށް ކުޑަވަގުތުކޮޅެއް ކުރިން ކުޑަކަމު ދިޔަ ތަކެތީގެ ސާމްޕަލް އެޅި ޑިވައިސްއެއް އެހެން މީހެއްގެ އަތަށް ދިނުމަކީ އެއްވެސް މީހަކު ހިތް ރުހޭނެ ކަމެއްވެސް ނޫންތާއެވެ.

ލޮލުގެ އަލިކަން ގެއްލިފައިވާ މީހުންނަށް ހާއްސަކޮށްގެން އުފެއްދި ޕްރެގްނެންސީ ޓެސްޓު ކިޓްގެ ތަސްވީރެއް / ފޮޓޯ: ބިޒްނަސް އިންސައިޑާ

ނަމަވެސް، މިކަމަށް އަލިމަގެއް ފެނުމުގެ އިޝާރާތްތަކެއް މިހާރު ވަނީ ލިބިފައެވެ. އިނގިރޭސިވިލާތުގެ ރޯޔަލް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ބްލައިންޑް ޕީޕަލް (އާރްނިބް) އިން ވަނީ، ލޮލުގެ ފެނުމުގައި ހާއްސަ އެހީ ބޭނުން ވާ މީހުންނަށް ޕްރެގްނެންސީ ޓެސްޓު ކިޓު އުފެއްދުމަށް، މެނުފެކްޗަރުންނާ ހަވާލު ކޮށްފައެވެ.

މި ޓެސްޓު ކިޓަކީ އާންމު ކިޓްތަކަށް ވުރެ ސައިޒުގެ ގޮތުން ބޮޑު، އަދި އުފުލުންތަކެއްވެސް އެކުލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ކިޓެކެވެ.

ލޮލުގެ ފެނުމުން މުޅިން މަހްރޫމް ވެފައިވާ މީހުންނާއި ކޮންމެވެސް ވަރަކަށް ލޮލަށް ފެންނަ މީހުންގެ ކިބައިން އެއް ކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް މި ކިޓް ފަރުމާ ކުރީ ޖޯޝް ވޭޒާމަން ނަމަކަށް ކިއާ މީހެކެވެ. އޭނާ އީޖާދު ކުރި ކިޓް ކާމިޔާބު ކަމަށް ހަބަރު ލިބެއެވެ.

ލޮލުގެ އަލިކަން ގެއްލިފައިވާ މީހުންނަށް ހާއްސަކޮށްގެން އުފެއްދި ޕްރެގްނެންސީ ޓެސްޓު ކިޓް ފަރުމާ ކުރި ޖޯޝް ވޭޒާމަން އެ ކިޓް ހިފައިގެން / ފޮޓޯ: ސްކައިނިއުސް

މި ކިޓް ފަރުމާ ކޮށްފައި ވަނީ ކިޓު ބޭނުން ކުރުމުން ދަށް ފަރާތުން އުންތަކެއް އުފުލޭ ފަދަ ގޮތަކަށެވެ. ޕޮޒިޓިވް ނަމަ އިތުރު އުންތަކެއް، ޑިވައިސްގެ މަތީ ފަރާތުންވެސް އުފުލެއެވެ.

ޑިޒައިން ފޮ އެވްރިވަން ގެ ނަމުގައި އާރްނިބްއިން ހިންގާ މި މަޝްރޫއަކީ، ފަރުމާއެއް އޮތް ގޮތުގެ ސަބަބުން، ވަކި ހައްގަކުން ބަޔަކު ނިގުޅައިގަތަ ނުދިނުމުގެ މަގުސަދުގައި ހިންގާ މަޝްރޫއެކެވެ.

ލޮލުގެ އަލިކަން ގެއްލިފައިވާ މީހުންނަށް ހާއްސަކޮށްގެން އުފެއްދި ޕްރެގްނެންސީ ޓެސްޓު ކިޓް ފަރުވާ ކުރި ޖޯޝް ވޭޒާމަން އެ ކިޓް ހިފައިގެން / ފޮޓޯ: ސްކައިނިއުސް

މިވަގުތު މި މަޝްރޫއު އޮތީ ހަމަ ތަހުލީލީ މަރުހަލާގައެވެ. ބާޒާރަށް އައުމަށް ދުވަސްތަކެއް ހޭދަވުންވެސް އެކަށީގެންވެއެވެ. ފަހަރެއްގައި އަހަރުތަކެއްވެސް ހޭދަވުން އެކަށީގެންވެއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ މި އިސްނެގުމާއެކު، މިހާރު ކިޓް އުފައްދަމުން އަންނަ ކުންފުނިތަކުންވެސް މި މިސްރާބަށް ދަތުރު ފެށުން އެކަށީގެންވެއެވެ.