ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ ހުއްދަ ހިފެހެއްޓޭނެ ހާލަތްތައް ބަޔާންކޮށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު އިސްލާހުކޮށްފިއެވެ.

އެ ގަވާއިދު ބުނާ ގޮތުން ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ހަތް ޝަރުތެއް ފުރިހަމަވާން ޖެހެއެވެ. އަދި އެއިން އެއްވެސް ޝަރުތެއް އުނިވެއްޖެކަން ބާ ކައުންސިލަށް އެނގުމާއެކު ހުއްދަ ހިފެހެއްޓޭނެ ކަމަށް އެގަވާއިދުގައި ބުނެއެވެ.

އޭގެ އިތުރުން ގާނޫނީ ވަކީލެެއްގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ މައްޗަށް ވަކި ކަހަލަ ކުށްތަކެއް ސާބިތުވެއްޖެނަމަ އެ ފަރާތެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓޭނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ވައްކަމުގެ ކުށާއި ސައްހަ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ނަކަލުކުރުމާއި މަކަރުވެރި އަމަލު ހިންގުމުގެ ގޮތުގައި ބަޔާންކޮށްފައިވާ ކުށްތަކެވެ.

އެ ގަވާއިދުގައި ބުނާ ގޮތުން ގާނޫނީ ވަކީލެއްގެ ހުއްދަ ބާ ކައުންސިލުން ހިފަހައްޓައިފިނަމަ އަލުން ހުއްދަ ދޫކުރެވޭ ހާލަތްތަކަށް ބަލާއިރު ޖިނާއީ ބޮޑު ކުށެއްކޮށްފިނަމަ އަލުން ހުއްދަ ދޫކުރެވޭނީ ހުކުމް ތަންފީޒުކޮށް ނިމުނުތާ ފަސް އަހަރު ފަހުންނެވެ.

ނަމަވެސް ވައްކަމާއި ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި ނަކަލުކުރުމާއި މަކަރުވެރި އަމަލު ހިންގުމުގެ ކުށެއް ކޮށްފިނަމަ، އެ ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމުމުން ހުއްދަ ދޫކުރެވިދާނެ ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.

ގާނޫނީ ވަކީލުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި އުމުރުން 21 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުމާއި ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުމުގެ އިތުރުން ބާ ކައުންސިލުން ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި، ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވާ މީހަކު ކަމުގައިވުން ހިމެނެއެވެ.

އޭގެ އިތުރުން މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ބާ އިމްތިހާނާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ މީހެއް ކަމުގައިވުމާއި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ބޮޑު ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ކަމުގައިވާނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ދާ މީހަކު ކަމުގައިވުން ވެސް ހިމެނެއެވެ.