ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނުބައި އަމަލު ތަކަށް ފާޅުގައި ނޫނެކޭ ވިދާޅުވާން ކެރުނު މަދު އޮފިސަރުންގެ ތެރޭގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވި ޑރ. އަބްދުﷲ ފައިރޫޝް ހިމެނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ ފައިރޫޝް އަކީ ވަރަށް ތައުލީމީ އަދި ހުނަރުވެރި އޮފިސަރެއް ކަމަށެވެ. އަދި ވެރިންގެ އަރިހުގައި ގޯހަށް ގޯހޭ ބުނަން ކެރޭ ބޭފުޅެއް ކަމަށާއި ޢައިރު ގާނޫނީ އަމުރު ތަކަށް ތަބާނުވާނޭ ކަމަށް ބުނަން ކެރޭ ބޭފުޅެއް ކަމަށެވެ.
އުމަރު ވިދާޅުވީ ފުލުހުންގެ މަދު ބަޔަކު ބޭނުން ކޮށްގެން އަދީބު ހިންގަމުން ގެންދިޔަ ޢައިރު ގާނޫނީ އަމަލުތައް ހުއްޓުވުމުގައި އެކިގޮތްގޮތުން އުމަރުއަށް އެހީތެރިވެ ދެއްވި ކަމަށެވެ. އަދި އެކަމާ ގުޅިގެން ފައިރޫޝްގެ ޒިންމާ ކުޑަކޮށް 'އެހެލަން' މަސައްކަތް ކުރެވުނު ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ހަމައެހެންމެ ގޭންގް އެއް ބޭނުންކޮށްގެން ފައިރޫޝް ގެ ފުރާނަ ދުއްވާލަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބި ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކުރަން ޖެހުނު ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު ވަނީ އެދުވަހު އޭނާ ފައިރޫޝް އަށް ދެންނެވި ވާހަކަ ހިއްސާކުރައްވާފައެވެ.
އެގޮތުން މި ރާއްޖެ އަށް ހިދުމަތް ކުރެއްވުމުގައި ދެމި ހުންނެވުމަށް އެދިފައިވާ ކަމަށާއި 'ސިޔާސީ ޖާހިލުން' ގެ އަތަށް މިގައުމު ދޫނުކޮށް މި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި މި ރާއްޖޭގައި ދެމި ހުންނެވުމަށް އެދިވަޑައިގެންނެވި ކަމަށް އުމަރު ވިދާޅުވިއެވެ.
ފައިރޫޝް ރިޓަޔާ ކުރެއްވީ ޕޮލިހުގައި 20 އަހަރު ދުވަހު ފުލުހުންގެ ހިދުމަތުގައި ދެމިހުންނެވުމަށް ފަހުގައެވެ. އަދި ފައިރޫޝް ރިޓަޔާ ކުރައްވާފައި ވަނީ ފުލުހުންގެ އާ ގާނޫނަކަށް އަމަލު ކުރަން ފެށިތަނާއެވެ.