ރާއްޖޭން ބޭރުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައީ)ގެ ކާޑުތަކުން ނެގޭނީ މަހެއްގެ މައްޗަށް 100 ޑޮލަރު ކަމަށް އެސްބީއައިން ބުނެފިއެވެ.
އެބޭންކުން ބުނީ އެސްބީއައި މޯލްޑިވްސްގެ ކާޑުތަކުން ރާއްޖޭން ބޭރުގައި މަހަކަށް ބޭނުން ކުރެވޭ އަދަދު 100 ޑޮލަރަށް ހަދާފައިވާ ކަމަށެވެ.
މިބަދަލު ގެނެސްފައިވަނީ އެ ބޭންކަށް ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވާތީ ކަމަށް އެސްބީއައިން ވަނީ ބުނެފައެވެ.
މީގެ ކުރިން އެ އަދަދު ހުރީ 250 ޑޮލަރުގައެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ބޭންކު ކާޑުތަކުން ރާއްޖެއިން ބޭރުގައި ބޭނުން ކުރެވޭ މިންވަރު ދަށްކޮށްފައެވެ. އަދި ކާޑުން ކުރެވޭ ރާއްޖެ އިން ބޭރުގެ މުއާމަލާތްތައް ބޭންކުން އަންނަނީ މޮނިޓާ ކުރަމުންނެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދުގައި ޑޮލަރުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ދިމާވެފައެވެ. މީގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި ޑޮލަރު ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށް އަދިވެސް ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.
މި ކަމާ ގުޅޭ ގޮތުން އެމްއެމްއޭއިން ބުނީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެ އޮތޯރިތީން އެންމެ އިސްކަން ދެނީ ދައުލަތަށް ނުވަތަ ގައުމަށް ބޭނުންވާ ޒަރޫރީ ކަންކަމަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ކަމަށެވެ.