ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބިލްގެ ތެރެއިން، މި މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ވެސް އަނބުރާ ދެއްކުން އިންޑިއާއިން އަނެއްކާ ވެސް ފަސްކޮށްދީފިއެވެ.

މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ އަދަދެކެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީކަމުގައިވާއިރު ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ.

އޭގެ ތެރެއިން 2024 އަހަރުގެ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފައިވާއިރު ބާކީ ނުދައްކާ ހުރި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ މެއި މަހު އަނބުރާ ދައްކަން ޖެހުނު ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އެ ފައިސާ ދެއްކުމަށްވެސް އިތުރު އެއް އަހަރަށް އިތުރުކޮށްދީފައެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އިއްޔެ ފިނޭންސް މިނިސްޓްރީގައި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާއިރު، ފިނޭންސް މިނިސްޓްރީން ބުނީ އިއްޔެ ބޭއްވި ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސް ކުރެވޭ މުހިންމު ތަރައްގީގެ މަޝްރޫއުތަކުގެ ޕޯޓްފޯލިއޯއާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ. އަދި އެކަން ތަންފީޒުކުރުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާ މެދު މަޝްވަރާކޮށްފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ ރައްޔިތުންގެ މަންފާއަށްޓަކައި އެ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ނިންމުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ.