ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ރައްޔިތުންގެ މަޖިލީހުގައި ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ މުދާތައް ނެގުމަށް އެސްބީއައި އިން ދައުުވާ ކޮށްފިއެވެ.

އެސްބީއައި އިން ރިޔާޒާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އޯވާ ޑްރާފްޓް ފެސިލިޓީއެއްގެ ގޮތުގައި ދޫކޮށްފައިވާ 5،900،000 ރުފިޔާ އެއްބަސްވުމުގައިވާ ގޮތަށް އެ ފައިސާ ނުދައްކަައިގެންނެވެ. މި މައްސަލާގައި ރިޔާޒާއި އޭނާގެ އާއިލީ ކުންފުނި ހިމެނޭގޮތަށް ހަތް މީހެއްގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ.

އެ ބޭންކުން އެދިފައި ވަނީ، ކްރެޑިޓް ފެސިލިޓީ ދޫކުރި އިރު، އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތަށް ރިޔާޒާއި އޭނާގެ އައިލީ ކުންފުނިން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ، އެސްބީއައި އިން ހުޅުވާފައިވާ އެކައުންޓް ބަންދު ކުރެވެންދެން ނުދައްކާ ހުރި ފައިސާ އާއި އޭގެ އިންޓަރެސްޓަށް އަރާ ފައިސާ އެއްކޮށް ހޯދުމަށެވެ. އަދި އެ ފައިސާ އެއްކޮށް އެއްފަހަރާ ނުދެއްކޭނަމަ ލޯނާއި ގުޅިގެން ރަހުނު ކޮށްފައިވާ ތަކެތި ވިއްކާލުމުގެ ހުއްދަ ދިނުމަށް ވެސް އެސްބިއައި އިން ވަނީ ކޯޓުގައި އެދިފައެވެ.

ބޭންކުގައި ރަހުނުކޮށްފައިވާ ތަކެތި

  • ގ.ސިނަމޯ ގެއާއި ގ.އަންޒާނީގެ އާއި، ގ.އަންޒާނީގެއާގެ
  • މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑް ނަމުގައިވާ ހުޅުމާލެ ލޮޓު
  • ރިޔާޒު ރަޝީދު ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރިޔާ 1، ރިޔާ 2، ރިޔާ 3، އުޅަނދު
  • މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގައި ރަޖިސްޓްރީކޮށްފައިވާ ރިޔާ 8، ރިޔާ 10، ރިޔާ 7، ސަންސްޕީޑް 1 އަދި ސަންސްޕީޑް 2

އިއްޔެ ސިވިލް ކޯޓުގައި މި މައްސަލައާ ގުޅިގެން ވަނީ ކޯޓުގެ އިހުތިސޯސާ ގުލޭ ގޮތުން ގޮތެއް ނިންމާފައެވެ. އެގޮތުން އެސްބީއައިއ އިން ކޮށްފައިވާ މި ދައުވާ ކުރިއަށް ގެންދިއުމުގެ އިހްތިސޯސް އެ ކޯތަށް ލިބިގެންވާ ކަމަށް ވަނީ ނިންމާފައެވެ.