ކުދި ރުފިޔާ ދޫކުރުމުގެ ހިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އަންނަ އަންގާރަ ދުވަހު ފަށަން ނިންމައިފިއެވެ.
އެމްއެމްއޭން ބުނީ، ލޮކްޑައުންއަށް ސަރުކާރުން ދީފައިވާ ލުއިތަކަކުގެ ކުރިން މެދުކަނޑާލަފައިވާ ބައެއް ހިދުމަތްތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުދި ރުފިޔާ ދޫކުރުމުގެ ހިދުމަތާއި ވަކި ލާރި ދޫކޮށް ބަލައިގަތުމުގެ ހިދުމަތް އަންނަ އަންގާރަ ދުވަހުން ފެށިގެން އަލުން ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ އަންނަ އަންގާރަ ދުވަހުން ފެށިގެން މި މަސް ނިމެންދެން މި ހިދުމަތް ދެމުން ގެންދާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ. އެމްއެމްއޭން ބުނީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް އެ އޮތޯރިޓީ އަދި ބޭންކުތައް ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރު 2:00 އަށް ކަމަށެވެ.
އެމްއެމްއޭން ވަނީ، ހިދުމަތް ހޯދަން އެދޭ ފަރާތްތަކުން އެ އޮތޯރިޓީގެ ނަންބަރު 7919292 އަށް ނަމާއި އައިޑީކާޑު ނުވަތަ ޕާސްޕޯޓް ނަންބަރު އަދި މިހާރު އުޅޭ އެޑްރެހާއި ގުޅޭނެ މޯބައިލް ނަންބަރުގެ އިތުރުން ހޯދަން ބޭނުންވާ ހިދުމަތް އެސްއެމްއެސް ކުރުމަށް ނުވަތަ ވައިބާ މެދުވެރިކޮށް ފޮނުވުމުން އެދިފައެވެ. އެ އޮތޯރިޓީން ބުނީ ފުލުހުންގެ ފަރާތުން ހޯދަން ޖެހޭ ހުއްދަތައް މިފަދައިން މެސެޖު ކުރާ ފަރާތްތަކަށް ހޯދައި ދޭނެ ކަމަށެވެ. އަދި އެ ހުއްދައިގައި ހިދުމަތް ހޯދަން ދާން ޖެހޭ ދުވަހާއި ވަގުތު ބަޔާންކޮށްފައި ވާނެ ކަމަށް އެމްއެމްއޭން ބުނެއެވެ.
މީގެ އިތުރުން އެ އޮތޯރިޓީން ވަނީ ހުއްދަ ލިބޭ ގަޑިއަށް ފަރުވާތެރި ވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އޮތޯރިޓީގެ ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފައެވެ.