އައްޑޫ ސިޓީ މީދޫ ރޫޓު ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ މީދޫ ރޫޑް ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ވަގަށް ނަގާފައިވާ ކަމަށް ރޭ ފަތިހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި މިހާތަނަށް އެކަކު ވެސް ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭގޮތުގައި ފިހާރަ ފަޅާލައި ތިން މިލިއަން ރުފިޔާ ވަނީ ވަގަށް ނަގާފައެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު މާލެގައި ހުންނަ ރޫޓް ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ 4 މިލިއަނަށް ވުރެ ގިނަ ފައިސާ، 4 މީހަކުވެގެން އެ ފައިސާތައް ފޭރެން އުޅުނު މައްސަލާގައި 5 މީހެއްގެ މައްޗަށް ވަނީ ދައުވާ ކޮސްފައެވެ.

ވައްކަމާއި ފޭރުމަކީ މިހާރު ރާއްޖޭގައި ވެސް އާންމުވަމުން އަންނަ ކަންކަމެވެ. އެގޮތުން، ގޭގެއަށް ވަދެ ވައްކަން ކުރުމާއި، ފިހާރަތައް ފަޅާލައިގެން ވައްކަން ކުރުމުގެ އިތުރުން އޮފީސްތަކުގެ ތިޖޫރީތަކުން ވެސް ދަނީ ވައްކަން ކުރަމުންނެވެ.

މިގޮތުން މިދިޔަ އަހަރު އޮކްޓޯބަރު މަހު އައްޑޫ ސިޓީގައި ހުންނަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ އޮފީހުން ވަނީ ވައްކަން ކޮށްފައެވެ. އޭގެ އިތުރުން ހަމަ އެ މަހު ރ. ވިލުފުށީ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއް ފެންމަތިވިއެވެ.