ހުޅުމާލޭގެ މަގުތައް އަލި ކުރުމަށް "ހުޅުމާލޭ ސްޓްރީޓް ލައިޓިން ޕްރޮޖެކްޓް" އެކުލަވާލައި 14 ޒޯނެއްގައި 1330 ލައިޓް ހަރުކުރަން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި 14 ސަރަހައްދެއްގައި ހުރި މަގު ބައްތިތައް ބަދަލުކޮށް ކަނޑައެޅިފައިވާ ހަމަތަކަށް ފެތޭގޮތަށް އާ ބައްތި ހަރުކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން 14 ޒޯންއެއްގައި 1،330 ލައިޓު ހަރުކުރާނެ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަނީ ގުއަންޒޯ ޔުއާން މެކޭނިކަލް އެންޑް އިލެކްޓްރިކް ކޯ ލިމިޓެޑް އާ ގުޅިގެން ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭ ސްޓްރީޓް ލައިޓިން ޕްރޮޖެކްޓު އެކުލަވާލާފައި ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައި އާންމުކޮށް ބޭނުންކުރާ ގިނަ މަގުތަކެއް އަނދިރިކަމާއި އެ ތަންތަނުގައި ހަރުކޮށްފައި ހުރި މަގުބައްތި މަދުކަމުގެ ޝަކުވާ އަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. އަދި އާ ބައްތި ހަރުކޮށް މަގުބައްތި އިތުރު ކުރުމުގެ ޕްލޭން ފަރުމާ ކޮށްފައިވަނީ ވަކި ހަމަތަކަކަށް ބަލައިގެން ކަމަށެވެ.

އެ ޕްލޭންގެ ދަށުން މިހާރު ލައިޓް ޕޯސްޓް ޖެހުމަށް ހަމަޖެހިފައިވާ ތަންތަނުގައި މިވަގުތު ހުރި ގަސްތައް ނެގުމަށް ފަހު އެހެން ސަރަހައްދަކަށް ބަދަލު ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެގޮތަށް ނަގާ ގަސްތައް ނެގުމުގައި އީޕީއޭގެ ގަވައިދުތަކަށް އަމަލު ކުރާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. މީގެ އިތުރުން އެގޮތަށް ނެގޭ ގަސްތައް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު އަދި ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި އަލުން އިންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ 14 ސަރަހައްދެެއްގައި މަގުބައްތި ޖެހުމުގެ މަޝްރޫއު ނިންމާލެވޭނީ އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކަމަށް އެ ކޯޕަރޭޝަނުން ލަފާ ކުރެއެވެ.