ފަހުގެ ތާރީހު ނުދެކޭ ފަދަ ގޮތް ނޭނގޭ ބަލިމަޑުކަމެއްގައި އުޅެންޖެހުނު ތަކުލީފު ބޮޑު އަހަރަކަށް ފަހު، 2021 ވަނަ އަހަރަށް، އާ އުއްމީދުތަކަކާއެކު ދުނިޔެ މަރުހަބާ ކިޔައިފިއެވެ.

މީލާދީ އާ އަހަރުގެ ފެށުން ފާހަގަ ކުރުމަށް މީގެ ކުރިން ފޯރިގަދަ ހަރަކާތްތަކެއް ގައުމުތަކުން ކުރިއަށް ގެންދިޔަ ކަމުގައި ވީ ނަމަވެސް، އަދިވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު މި ހަރަކާތްތަކުގެ ކުލަވަރުތައް ފެނިގެންދިޔައީ އިހުނަށްވުރެ ފަނޑުކޮށެވެ.

2021 ވަނަ އަހަރަށް އެންމެ ފުރަތަމަ މަރުހަބާ ކީ ގައުމުތަކުގެ ތެރޭގައި ނިއުޒީލަންޑް ފާހަގަ ކުރެވެއެވެ. ނިއުޒީލަންޑްއިން ވަނީ އޯކްލަންޑްގައި ހުންނަ 328 މީޓަރުގެ ސްކައިޓަވަރު ސަރަހައްދުގައި ލޭޒާލައިޓާއި ބަޑިބޭހުގެ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައެވެ.

އޮސްޓްރޭލިއާއަކީ 2021 ވަނަ އަހަރާ އެންމެ ފުރަތަމަ ބައްދަލު ކުރި ގައުމުތަކުގެ ލިސްޓުގައި އޮތް ގައުމެކެވެ. ސިޑްނީ އޮޕޭރާ ހައުސް ސަރަހައްދުގައި ބަޑިބޭހުގެ ކުޅިވަރުތަކުން ފަޒާ ދިއްލާލި ނަމަވަސް، ހާބަރު ސަރަހައްދު އޮތީ ފަޅަށެވެ.

އާ އަހަރަށް މަރުހަބާ ކިއުމަށް އޮސްޓްރޭލިއާގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: އިންޑިއާ ޓީވީ ނިއުސް

ހުދުމުހުތާރު ވެރިކަމެއް ކުރަމުން އަންނަ އުތުރު ކޮރެއާގައިވެސް އާ އަހަރުގެ ފެށުން ފާހަގަ ކުރި ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ހަބަރު ދެއެވެ. އެގޮތުން ބަޑިބޭހުގެ ކުޅިވަރުތަކުގެ އިތުރުން ކޮންސެޓެއް ކުރިއަށް ދިޔަ ކަމަށްވެސް އުތުރު ކޮރެއާއިން ހަބަރު ދެއެވެ.

އަވަށްޓެރި އިންޑިއާއަށް ބަލާއިރު، އެ ގައުމުގައިވެސް 2021 ވަނަ އަހަރަށް މަރުހަބާ ކިއުމަށް އިވެންޓްތަކެއް ކުރިއަށް ގެންދިޔައެވެ. ނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ބައެއް ސަރަހައްދުގައި އޮތީ ރޭގަނޑުގެ ވަގުތުތަކުގައި ކާފިއު އިއުލާންކޮށްފައެވެ. މީގެ ކުރިން ބައިބޯވެ، ތޮއްޖެހޭ ގޭޓްވޭ އޮފް އިންޑިއާ ފަދަ މައިދާންތައް އޮތީ މުޅިންހެން ފަޅަށެވެ.

އެންމެ ހަލަބޮލި މުމްބާއީގައި ކޮންމެ ރެއެއްގެ 11:00 އިން ފަށައިގެން އަނެއް ދުވަހުގެ ފަތިހު 06:00 ގެ ނިޔަލަށް ކާފިއު އިއުލާން ކުރެއެވެ. ޖަނަވަރީ 5 ވަނަ ދުވަހުގެ ނިޔަލަށް މިކަން ތަންފީޒު ކުރާނެ ކަމަށް ހަބަރު ލިބެއެވެ.

އާ އަހަރުގެ އުފާ ފާޅުކުރުންތަކަށްފަހު ކުރިއަށް އޮތް މަހެއްހާ ދުވަހަކީ ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރު ވާނެ ދުވަސްވަރެއް ކަމުގެ އިންޒާރު، ސިއްހީ ބައެއް ތަޖުރިބާކާރުން ވަނީ ދެއްވާފައެވެ.