ފަރަންސޭސިވިލާތުން ރަށްވެހިކަން ކަށަވަރު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ބައްޕަ، ސްޓޭންލީ ޖޯންސަން ކަށަވަރު ކޮށްދެއްވައިފިއެވެ.
"ބްރެގްޒިޓް"އާއެކު ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެމްބަރުކަމުން އިނގިރޭސިވިލާތް ވަކިވި ކަމުގައި ވީ ނަމަވެސް، އެ އިއްތިހާދާއެކު ގުޅުން ދެމެހެއްޓުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ސްޓޭންލީ ޖޯންސަން ވަނީ ވިދާޅުވެފައެވެ. ފަރަންސޭސި ޕާސްޕޯޓް ހޯއްދަވަނީ މި ގުޅުން ދެމެހެއްޓެވުމުގެ ބޭނުމުގައި ކަމަށްވެސް ސްޓޭންލީ ޖޯންސަން ވަނީ ވިދާޅުވެފައެވެ.
ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ ސްޓޭންލީ ޖޯންސަންއަކީ، ވިލާތުގެ އިއްތިހާދުގެ މެމްބަރެއްގެ ގޮތުގައި އިނގިރޭސިވިލާތް ދެމި އޮތުމަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް 2016 ވަނަ އަހަރު ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓުގައި، ވިލާތުގެ އިއްތިހާދުގެ މެމްބަރެއްގެ ގޮތުގައި އިނގިރޭސިވިލާތް ދެމި އޮތުމަށް ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވި މެމްބަރެކެވެ.
އާރްޓީއެލް ރޭޑިއޯއަށް ދެއްވި ބަސްދީގަތުމެއްގައި ސްޓޭންލީ ޖޯންސަން ވިދާޅުވީ، ފަރަންސޭސިވިލާތުގެ ރަށްވެހިކަމާއި ޕާސްޕޯޓް ކަށަވަރު ކުރައްވަން މަސައްކަތް ކުރައްވަނީ، އާއިލީ ގޮތުން އެ ގައުމާ އޮތް ގުޅުންތަކުގެ ވަރުގަދަ ކަމުން ކަމަށެވެ. އޭނާއަކީ ފަރަންސޭސިވިލާތަށް އުފަންވެވަޑައިގެންނެވި ބޭފުޅެއް ކަމަށާ، މަންމައާއި ކާފައަކީވެސް ފަރަންސޭސިން ކަމަށް ސްޓޭންލީ ޖޯންސަން ވިދާޅުވިއެވެ. އެހެން ކަމުން، ފަރަންސޭސި ރަށްވެހިކަން ހޯއްދެވުމަކީ، އަތުގައި އޮތް އެއްޗެއް އަލުން ހޯއްދެވުން ކަމަށް ސްޓޭންލީ ޖޯންސަން ވަނީ ސިފަކުރައްވާފައެވެ.
"އަޅުގަނޑަކީ އަބަދުވެސް ވިލާތު މީހެއް. އެއްވެސް މީހަކަށް އިނގިރޭސިން ގާތަކު ނުބުނެވޭނެ އެއީ ވިލާތު މީހެއް ނޫން ކަމަކަށް. ވިލާތުގެ އިއްތިހާދާ ގުޅުން ދެމެހެއްޓުން މުހިންމު" ސްޓޭންލީ ޖޯންސަން ވިދާޅުވިއެވެ.
ކަން މިހެން އޮތްއިރު ދަރިކަލުން ބޮރިސް ޖޯންސަންއަކީ 2016 ވަނަ އަހަރުގެ ވޯޓުގައި "ލީވް" ކެމްޕޭން ނުވަތަ އީޔޫގެ މެމްބަރުކަން ދޫކޮށްލުމަށް ވަކާލާތު ކުރަމުންދިޔަ އަޑުގެ "މޫނު"ގެ ގޮތުގައި ސިފަކުރެވޭ ޝަހްސެކެވެ. ބޮރިސް ޖޯންސަން ގެންދަވަނީ، އިނގިރޭސިންގެ ފުރިހަމަ އިސްތިގުލާލަށް ވަކާލާތު ކުރެއްވިއެވެ.
ނަމަވެސް، ބުދަ ދުވަހު ބޮރިސް ޖޯންސަންގެ ރާގު ކޮންމެވެސް ވަރަކަށް ބަދަލުވާން ފަށާފައި ވާކަމަށް ދޭހަވިއެވެ. އެގޮތުން އިނގިރޭސިންނަކީ މުޅިން ވިލާތުގެ ބައެއް ނޫން ކަމަށް ބުނެވެން ނެތް ކަމަށް ދޭހަވާފަދަ ވާހަކަފުޅުތަކެއް ބޮރިސް ޖޯންސަން ވަނީ ދައްކަވާފައެވެ.
48 އަހަރަށް ދެމިގެންދިޔަ ތަކުލީފު ބޮޑު ގުޅުންތަކަކަށް ފަހު، އިނގިރޭސިވިލާތުން ރަސްމީ ކޮށް ވިލާތުގެ އިއްތިހާދުގެ މެމްބަރުކަމުން ވަކިވެ އެކަން ތަންފީޒު ކުރަން ފަށާނީ، އެ ގައުމުގެ ގަނޑިން މިރޭ 00:00 ގައެވެ.