ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެމްބަރުކަން ދޫކޮށްލާފައިވާ އިނގިރޭސިވިލާތުގައި އަލަށް ތަންފީޒުކުރަން ފަށާ އިމިގްރޭޝަން ސިޔާސަތުގެ ދަށުން، ފެންވަރު ދަށް މަސައްކަތްތެރިންނަށް އެގައުމުން ދެން ވިސާ ދޫ ނުކުރާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުންދަނީ ކުޑަ މުސާރައެއްގައި ހިދުމަތް ކުރަން ގެންނަ ލޭބަރުންނަށް ބަރޯސާވުމުގެ ބަދަލުގައި، ކުންފުނީގައި މިހާރުވެސް ތިބި މުވައްޒަފުންގެ މަސައްކަތް ކުރިއަރުވާ، އޮޓޮމޭޝަންގެ ރޮނގުން ކުރިއަށް ދިއުމަށް ވިޔަފާރިތަކާ ކުންފުނިތަކަށް ބާރު އަޅަމުންނެވެ.

އިނގިރޭސިވިލާތުން އީޔޫގެ މެމްބަރުކަން ދޫކޮށްލީ މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅުއެވެ. ނަމަވެސް މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ތަންފީޒު ކުރަމުންދާނީ ޓްރާންސިޝަން މަރުހާލާގެ އުސޫލެވެ. ޑިސެމްބަރު މަހުގެ 31 ގެ ފަހުން، ވިލާތުގެ ގައުމުތަކުން އިނގިރޭސިވިލާތަށް އެތެރެވާ މީހުންނާ، ދުނިޔޭގެ އެހެން ހިސާބުތަކުން އިނގިރޭސިވިލާތަށް އެތެރެވާ މީހުންނާ މެދު އިމިގްރޭޝަންއިން އަމަލުކުރަމުންދާނީ އެއް ގޮތަކަށް ކަމަށާ، ވިލާތުގެ އިއްތިހާދުގެ މެމްބަރު ގައުމުތަކުން އަންނަ ފަރާތްތަކަށް ހާއްސަ އިމްތިޔާޒުތަކެއް ލިއްބައިނުދޭނެކަންވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިފަދަ އުސޫލެއް ގެންގުޅުމަކީ އިނގިރޭސިވިލާތާ މަސައްކަތްތެރިން ދުރުކުރާނެ ކަމެއް ކަމަށް ބުނެ، އިދިކޮޅު ލޭބާ ޕާޓީއިން ފާޑުކިޔަމުންދާއިރު، އިނގިރޭސިވިލާތުގެ ދާހިލީ ވަޒީރު ވިދާޅުވީ، މި އުސޫލުތަކުގެ ސަބަބުން، އެންމެ ތޫނުފިލި އަދި އެންމެ ކަމަށް ގާބިލު މަސައްކަތްތެރިން އިނގިރޭސިވިލާތަށް އަންނާނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި އަލަށް ތަންފީޒުކުރަން ފަށާ އިމިގްރޭޝަން ސިޔާސަތު ބުނާ ގޮތުގައި އެގައުމުގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންނަކީ އިނގިރޭސިބަހުން މުއާމަލާތުކޮށް ވާހަކަދައްކަން އެނގޭ ބަޔަކަށް ވާންޖެހެއެވެ. އަދި އެއީ މަސައްކަތްތެރިކަމުގެ ދާއިރާގެ ވަޒީފާއެއް ކަށަވަރުކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށާ، އެމީހާގެ ސައްހަ ސްޕޮންސަރެއް ނުވަތަ އެމީހަކާ ހަވާލުވާނެ ފަރާތެއް، ވިސާ ހޯދަން އެދި ހުށަހަޅާއިރުވެސް ހަމަޖެހިފައި އޮންނަންޖެހެއެވެ.