ކާބޯތަކެތީގެ ލިބުމުގެ ދަތިކަން ކުރިމަތިވުމާއި ފިހާރަތަކުގެ ހަރުގަނޑުތައް ހުސްވުމާއި ސަޕްލައި ޗޭނަށް ހީނަރުކަން ކުރިމަތިވިވުމަކީ، 21 ވަނަ ގަރުނުގައި އެންމެ ތަރައްގީ ވެ، ކުރިއަރާފައި ވާ ގައުމަކުން ފެންނާނެ ކަމަށް މީހަކު އުއްމީދު ކުރާނެ މަންޒަރުތަކެއް ނޫނެވެ.

ނަމަވެސް، ފައިތުވީ ހަފުތާތަކަށް ބަލާއިރު، އިނގިރޭސިވިލާތަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެގެން އުޅޭ ވާހަކައަކީ މީޑިއާތަކުން ޖާގަ ހޯދި ވާހަކަތަކެއްކަން ފާހަގަ ކުރަންޖެހެއެވެ. ސުޕާމާޓުތަކުގެ ހަރުގަނޑުތައް ފަޅުވެފައި ވާ އިރު، ނަން ހިނގާ ބޮޑެތި ރެސްޓޯރަންޓްތަކުން ވަނީ، ލިބެން ހުރި އެއްޗަކުން ފުދޭ ވަރަށް މެނޫތަކަށްވެސް ބަދަލު ގެނެސްފައެވެ.

ގްރިލް ޗިކަން ވިއްކުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ ނާންޑޯޒްއިންވެސް ދާދި ފަހުން ވަނީ، ކުކުޅު ނުލިބިގެން ބައެއް ޔުނިޓްތައް ބަންދު ކޮށްފައެވެ. ގްރެގްސް ބޭކަރީއާއި މެކްޑޮނާލްޑްސްގެ ހާލަކީވެސް ހަމަ މިއީއެވެ. ބޭނުންވާ އައިޓަމް މެނޫގައި ނެތް ޝަކުވާވެސް އިންތިހާއެވެ. ޝަކުވާ ކުރާ ފަރާތްތަކަށް ލިބޭހާވެސް ޖަވާބަކީ، ސަޕްލައި ޗޭނު ހީނަރުވެފައި ވާ ކަމުގެ ޖަވާބެވެ.

އިނގިރޭސިވިލާތުގައި ގްރިލް ޗިކަން ވިއްކަން މަޝްހޫރު ނާންޑޯޒްގެ އައުޓްލެޓެއް ބަންދު ކޮށްފަ / ފޮޓޯ: ޔޯބްލޮގްޕޯސްޓް

އެހެންވީއިރު، މި ޖެހިގެން އުޅޭ މައްސަލައިގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟ ޖަވާބު ވަރަށް ސަރީހައެވެ. "ބްރެގްޒިޓް" މިހެން ބުނެވެން އެބައޮތެވެ. އިނގިރޭސިވިލާތުން، ވިލާތުގެ އިއްތިހާދު (ޔީޔޫ)ގެ މެންބަރުކަން ދޫކޮށްލުން ނުވަތަ "ބްރެގްޒިޓާ" މިކަމާ ބޮޑު ގުޅުމެއް އެބަ އޮތެވެ.

ބްރިޓިޝް ޕޯލްޓްރީ ކައުންސިލުން ލަފާ ކުރާ ގޮތުގައި، އެ ސިނާއަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ ތެރެއިން، ކޮންމެ 6 ވަޒީފާއަކުން 1 ވަޒީފާ ވަނީ ހުސްވެފައެވެ. ސަބަބަކީ ވިލާތުގެ އިއްތިހާދުގައި މަސައްކަތް ކުރުމަށްޓަކާ، މުވައްޒަފުން ވަޒީފާތައް ދޫކޮށްލުމެވެ. ބަރު އުޅަނދު އުފުލާ 1 ލައްކައެއްހާ ޑްރައިވަރުން މިހާރު ވަޒީފާއަކު ނެތެވެ. ވަޒީފާގެ ހީނަރުކަމާއި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ވެސް ގުޅުވެން އެބައޮތެވެ.

އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެމްބަރުކަން ދޫކޮށްލުމާ ބެހޭ ގަރާރު (ބްރެގްޒިޓް) ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ސީއެންއެން އިންޓަނޭޝަނަލް

މުރާސިލުން ބުނާ ގޮތުގައި ކާބޯތަކެތި ނެތީކީ ނޫނެވެ. މައްސަލަ އުޅެނީ ސަޕްލައި ޗޭނުގައެވެ. ބްރެގްޒިޓާއި ކޮވިޑް-19 އެކުވުމުން، ހާލަތު، ގޯހުން ގޯހަށް ދިޔައީއެވެ. ނަމަވެސް ބަރު އުޅަނދު ދުއްވާ ޑްރައިވަރުން ނުލިބުމުގެ މައްސަލައަކީ 2000 ގެ އަހަރުތަކުގެ މެދަކާ ހިސާބުން ފެށިގެން މުޅި ދުނިޔެއަށް ކުރިމަތިވެފައި ވާ މައްސަލައެކެވެ. މި ފަދަ ޑްރައިވަރުން ލިބުމުގައި ދަތިކަން ނެތް ހަމަ އެކަނި މަންޒިލަކީ އެފްރިކާ ކަމަށް، ރޯޑް ހޯލޭޖް އެސޯސިއޭޝަނުން ބުނެއެވެ.

ކަން މިހެން އޮތް އިރު ވިޔަފާރިވެރިން ދަނީ، ވިލާތުގެ އިއްތިހާދުގެ ޑްރައިވަރުންނަށް، އިނގިރޭސިވިލާތުގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސާދިނުމަށް ސަރުކާރުގައި އެދެމުންނެވެ. ނަމަވެސް ސަރުކާރުން ނިންމާ ގޮތެއް އަދި ސާފެއް ނޫނެވެ. އިނގިރޭސިވިލާތުގެ ސަޕްލައި ޗޭނަށް ކުރިމަތިވެފައި ވާ ހީނަރުކަން ފޫބެއްދުމަށް އެ ގައުމުގެ ސަރުކާރުން ވަނީ، ބަރު އުޅަނދު ދުއްވުމުގެ ހުއްދަ އޮންނަ އަސްކަރީ ސިފައިން ހަރަކާތްތެރި ކުރުވުމަށް ޕްލޭނެއް އެކުލަވާލާފައެވެ.