އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދު (ޔީޔޫ)ގެ މެމްބަރުކަން ދޫކޮށްލުން (ބްރެގްޒިޓް)އަށް މުއްދަތު ހަމަވާން އޮތް ސުންގަޑިއަށް އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލާ ދުވަހަކީ ޖަނަވަރީ މަހުގެ 31 ވަނަ ދުވަސް ކަމަށްވާއިރު، ކައުންޓް ޑައުންއެއްގެ ސިފާގައި ބާކީ އޮތް ދުވަހުގެ އަދަދު ފެންނަ ބޮޑު ގަޑިއެއްގެ މަންޒަރުތައް، ޑައުނިންގް ސްޓްރީޓްއިން ފެންނާނެ ކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން، ލަންޑަންގެ އެކި އިމާރާތްތައްވެސް "ބްރެގްޒިޓް"އަށް ހާއްސަ ދިއްލުމަކުން ދިއްލާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ބްރެގްޒިޓްއާއި ދިމާކޮށް 50 ޕެނީގެ ފައިސާ ފޮއްޗެއްވެސް އިނގިރޭސިވިލާތުގެ މާލީ ބާޒާރުގެ ސާކިއުލޭޝަންއަށް ނެރުމަށް ވަނީ ނިންމާފައެވެ. އަދި އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލުމާ ދިމާކޮށް، އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން، ގައުމާ މުހާތަބުކުރައްވާ ހާއްސަ ތަގުރީރެއް ދެވާނެ ކަމަށްވެސް ޚަބަރު ލިބެއެވެ.