ކ. ގުޅީފަޅުގައި ޑްރަގް ރިމާންޑް ސެންޓަރު ސެންޓަރެއް ގާއިމް ކުރަން ނިންމައިފިއެވެ.
ޑްރަގް އޮފެންޑަރު ރިމާންޑް ސެންޓަރު ކ.ގުޅީފަޅުގައި ގާއިމު ކުރަން ނިންމެވީ މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ އެވެ. މި ނިންމެވުން ނިންމެވީ މިއަދެވެ. މި ސެންޓަރަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 48 ވަނަ މާއްދާގައި ބަޔާން ކުރާ ސެންޓަރެކެވެ.
މި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މި ތަން ހިންގުމަށް ހަމަޖެހިފައި ވަނީ ކަނޑައެޅިފައިވާ އިޖުރައާތްތަކުގެ ދަށުން، ކަމާއި ގުޅުންހުރި އެންމެހައި ފަރާތްތަކާއެކުއެވެ. އަދި އެ ތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، އެ ތަނަށް ގެންދާ ފަރާތްތަކަށް ފޯރުކޮށް ދޭންޖެހޭ ހިދުމަތްތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމަށް ފަހުގައެވެ.
ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުން، އެ މީހުންގެ ބަންދުގެ މުއްދަތުގައި އެ ތަނުގައި ބައިތިއްބައިގެން، އެ މީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދެވެމުންދާނެ ގޮތަށް ހާއްސަ ކުރާ މަރުކަޒެކެވެ.
ގުޅީފާޅުގައި މިފަދަ ސެންޓަރެއް ހުޅުވުމަށް ނިންމާފައި ވާއިރު، ގއ. ވިލިނގިލީގައި "ދަގެނާ" ގެ ނަމުގައި ގާއިމު ކުރި އައުޓްޕޭޝަންޓް ކޮމިއުނިޓީ ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސާވިސަސް ސެންޓަރު ވަނީ މިދިޔަ ހަފްތާ ތެރޭގައި ހުޅުވާފައެވެ. މި ފަރުވާގެ ނިޒާމު ބައްޓަން ކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތެއް ފަރުވާ ނިންމާ މުޖުތަމައަށް ނުކުންނަ ހިސާބުން އޭނާ ދޫކޮށް ނުލާ، އޭނާއަށް އެހީތެރިވެ ދިނުމުގެ ގޮތުން މުޅި މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ގޮތަށް ގާއިމު ކުރާ ސަޕޯޓު ސިސްޓަމެއްގެ ތެރެއިންނެވެ.