ލ. މާވަށް ބަނދަރު ހެދުމުގެ މަޝްރޫއު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއު މަޝްރޫއު އެއްކޮށް ނިންމާލާފައި ވަނީ އިއްޔެ ކަމަށެވެ. މާވަށް ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2019، އޮކްޓޯބަރު 9 ވަނަ ދުވަހެވެ.

މާވަށު ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 26،885 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކޮށްފައި ވެއެވެ. އަދި 568 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާފައި ވާއިރު، 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައި ވެއެވެ. ހަމައެއާއެކު މި މަޝްރޫއުގެ ދާސުން 55 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ވެސް ވަނީ ލާފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫއުއަކީ 27.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.