ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ގައުމުތަކުގައި ލޮކްޑައުންގެ ހަރުކަށި އަމުރުތައް ތަންފީޒު ކުރަމުން އަންނައިރު، ހިދުމަތްތައް ދިނުމަށް ހުޅުވާފައި ހުންނަނީ ޒަރޫރީ ބޭނުންތަކާ ގުޅޭ ތަންތަން އެކަންޏެވެ. މި ހާލަތުގައި "ޒަރޫރީ" އަކީ ކޮބައިކަން މާނަ ކުރުމުގެ "ނުރައްކާ" ޒިންމާވެސް ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކާ އޮތީ މަތިވެފައެވެ.

"ޒޫރީރީ" ބޭނުމާއި އުފެއްދުންތަކަކީ ކޮބައިކަން ކަނޑައެޅުމުގައި ބެލްޖިއަމުން މިވަނީ އާ ހަރުފަތެއް ހުރަސްކޮށްފައެވެ. އަނގަޔަށް އެންމެ މީރު ޗޮކްލެޓު އުފައްދަމުން އަންނަ މަންޒިލުގެ ގޮތުގައި ސިފަކުރަމުން އަންނަ ބެލްޖިއަމްގެ ސަރުކާރުން މިހާރު ޗޮކްލެޓް ގިންތި ކުރަނީ "ޒަރޫރީ" އައިޓަމެއްގެ ގޮތުގައެވެ. މިއާއެކު، ލޮކްޑައުންއެއްގައިވެސް ޗޮކްލެޓް ފިހާރަތައް ބަންދު ކުރާކަށް ނުޖެހެއެވެ.

ޗޮކްލެޓް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އެފްޖީސީ އެންޒީ

ޗޮކްލެޓަކީ ބެލްޖިއަމްގެ ސަގާފަތާ ގުޅިފައިވާ އުފެއްދުމަކަށް ވާއިރު، ޗޮކްލެޓަކީ އާދަޔާ ހިލާފު އުފާވެރި ކަމެއްވެސް އިހުސާސްކޮށްދޭ އުފެއްދުމެއް ކަމުން، މި ހައްސާސީ ދަނޑިވަޅުގައި ޗޮކްލެޓް ޒަރޫރީ ކުރުމުގެ މާނަ، ކިތަންމެ ރަނގަޅަކަށްވެސް ދޭހަވެއެވެ.

ޑާކް ޗޮކްލެޓަކީ ހިތުގެ ސިއްހަތަށް އެހީވެދޭ ބާވަތެއް ކަމަށް ދާދި ފަހުން، ޔޫރަޕިއަން ޖާނަލް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީގައި އާންމު ކުރި ދިރާސާއެއްގައި ވަނީ ބުނެފައެވެ. ޗޮކްލެޓުގައި އެކުލެވޭ، ލިޔަން އަދި ފަރިތަކޮށް ކިޔާލަންވެސް އުނދަގޫ ފްލޭވަނޮއިޑްސް، މެތީލްޒެންތައިންސް، ޕޮލީފެނޯލްސް އަދި ސްޓިއަރިޗް އެސިޑް މާއްދާތަކަކީ، ލޭ ހިނގުން ރަނގަޅުކޮށްދީ، މޫޑާ ވިސްނުންތެރިކަން ރަނގަޅު ކުރުމަށް އެހީވެދޭ މާއްދާތަކެކެވެ.

ޗޮކްލެޓްގެ ފައިދާ ގުޅިފައިވަނީ ހަމައެކަނި ހިތަކާ ނޫނޭވެ. މިއީ ސިކުނޑިއަށް ލޭ ފޮނުވުމަށްވެސް އެހީވެދޭ ކަމެކެވެ. މިއީ ވިސްނުމުގެ ބާރު ތޫނިފިލި ކުރުމަށް ވެވޭ އެހީއެކެވެ. ފިޓްނަސް ޓްރެއިނިންގްތަކުގައި އޮކްސިޖަން ފޯރުކޮށްދޭ މިންވަރު އިތުރުވާ ކަމަށްވެސް ބުނެވެއެވެ. ނަމަވެސް، މާ ގިނައިން ޗޮކްލެޓް ކެއުމަކީ ގައިގެ ހަމަށް މާ ރަނގަޅު ކަމެއް ނޫންކަމަށް ބުނާ ދިރާސާއެއްވެސް ދާދި ފަހުން ވަނީ ފެނިފައެވެ. އެގޮތުން ޗޮކްލެޓް ކެއުމަކީ މޫނުގައި އޮށާޅަ ނެގުމަށް މަގުފަހި ކުރާ ކަމެއް ކަމަށް ބުނެވެއެވެ.