ކޮރޯނާވައިރަހުގެ އާ ވައްތަރެއްގެ ރޯގާއެއްގެ ކޭސްތައް، ޗައިނާއިން އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ސަމާލުކަމަށް، ޗައިނާއިން މިކަން ގެނައީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އޭރު މި ބައްޔަކީ ނިއުމޯނިއާގެ އާ ސްޓްރެއިންއެއް ނުވަތަ ބާވަތެއް ކަމަށް ސިފަކުރިއެވެ. އޭރު އަދި ނަމެއް ނުދެއެވެ.

އަލަށް ފެތުރެމުން ދިޔަ ވައިރަހުގެ ޖެނެޓިކް ސީކުއަންސް މައުލޫމާތު، ޗައިނާގެ ސައެންސްވެރިންނަށް އެއްކުރެވުނީ ވިދިގެން އައި 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައެވެ. 3 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ޓެސްޓު ކިޓްތައް އުފެއްދިއެވެ. އަދި ޑަބްލިއުއެޗްއޯއާ ހިއްސާ ކުރިއެވެ. ވައިރަހުގެ ފުރަތަމަ ކޭސްތައް ޑަބްލިއުއެޗްއޯއަށް ރިޕޯޓްކުރިތާ އެންމެ 11 މަސް ދުވަހުގެ ތެރޭގައި، އެތައް ސަތޭކަ ހާސް ބަޔަކަށް ވެކްސިން ދޭން ފަށައިފިއެވެ. ފަންނީ އަދި ސައެންސްގެ ތާރީހު މުގުރަމުންނެވެ.

ނުރައްކާތެރި 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އޮތް ހާލުބޮޑު މީޙަކަށް ފަރުވާ ދެނީ/ފޮޓޯ: އޭޕީ ފޮޓޯ

ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އާ ބެހޭ މައުލޫމާތު ބަލާ، ހޯދާ، ދެނެގަންނަމުންދިޔައީ ދުނިޔޭގެ ސައެންސްގެ ތާރީހު ނުދެކޭ ފަދަ ހަލުވި ދުވެއްޔެއްގައި ކަން ކޮންމެ މީހަކުވެސް ގަބޫލު ކުރާނެއެވެ. ނަމަވެސް، ވައިރަހަށް 1 އަހަރު ވީއިރު، 81 މިލިއަނަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފިއެވެ. މަރުވި މީހުންގެ އަދަދު 1.7 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ. މިކަން ކަމުން ވެސް އަންގައިދެނީ، ވައިރަހާ މެދު ނޭނގޭ ކިތަންމެ ކަމެއް އެބަހުރި ކަމެވެ.

ސާސްކޮވް-2 އާ މެދު ނޭނގޭ ކަންތައްތައް އިންތިހާއެވެ. އެންމެ އަސާސް ނުވަތަ އަސްލުވެސް ނޭނގެއެވެ.

ވައިރަސް އުފެދުނީ ކޮންތާކުން؟

ވެކްސިން ހޯދުމަށް ސަރުކާރުތަކުން މެކުހަށް ޖަހާފައިވާ މި ދަނޑިވަޅުގައި، ސާސްކޮވް-2ގެ އަސްލު ފެށުމަކީ ކޮބައިތޯ ކުރެވޭ ސުވާލު ވަޅުޖެހިފައި ވާ ފަދައެވެ.

ޗައިނާގެ ވޫހާންއޭ ކިއުނު ސަރަހައްދުން ހަލުވިކަމާއެކު ފެތުރުނު ނުރައްކާތެރި ވައިރަހުގެ އަސަރު ދުނިޔޭގެ ހުރިހާ ބައްރަކުން ވަނީ ފެނިފަ/ފޮޓޯ: ފްލިޕްބޯޑް

އޮޅުންބޮޅުންތަކާއި ހައިޖާނުތަކުން މި ސުވާލަށް ނަޒަރު ހިންގާލަންވެސް ބޭނުން ނުވާ ފަދައެވެ. ސާސްކޮވް-2 އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ފުރަތަމަ ކޭސްތައް ރެކޯޑް ކުރަން ފެށީ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ޕްރޮވިންސްގައި ގަވައިދާ ހިލާފަށް ވަލު ޖަނަވާރާއި ހައިވާނުގެ ވިޔަފާރި ކުރަމުން ދިޔަ ސީފުޑް މާކެޓް ސަރަހައްދަކުން ކަމަށް ބުނެވުނު ނަމަވެސް، ޖަނަވަރީ މަހު ލޭންސެޓްގައި ޝާއިއު ކުރި ދިރާސާއެއް ބުނި ގޮތުގައި، ފުރަތަމަ ފާހަގަވި ޕޭޝަންޓުންގެ 3 ބައިކުޅަ 1 ބައި ޕޭޝަންޓުންނާއި، މި ދެންނެވި ބާޒާރަކާ ގުޅުމެއް ނެތެވެ.

ސާސްކޮވް-2އަކީ ލެބެއްގައި ބަޔަކު އަމިއްލަ އުފެއްދި ވައިރަހެއް ކަމަށާ، އެ ވައިރަސް ލީކުވީ ކަމަށް ބުނާ ރައުޔުތައްވެސް މަދެއް ނޫނެވެ. އެންމެ ހަރު އަޑުން މި މޭރުމުން އަޑުއުފުއްލަވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕެވެ. ކަން މިހެން އޮތް ނަމަވެސް، ސައެންސްގެ ހޯދުންތަކަށް ބަލާއިރު، ކޮވިޑް-19 އަކީ ވަލު ޖަނަވާރެއްގެ ފަރާތުން އިންސާނުންނަށް ފޯރި ވައިރަހެއް ކަމަށް ބާރުދޭ އެތައް ކޮޅެއް ވަނީ ފެނިފައެވެ. ސައެންސްވެރިން ބުނާ ގޮތުގައި، މިއީ ލެބެއްގައި ތަރައްގީ ކުރި ވައިރަހެއް ކަމަށް ބުނާއިރު، މިއާއިލާއިން މީގެ ކުރިން ފެނުނު ވައިރަސްތަކާ ކޮވިޑް ޖައްސާ ވައިރަހުގައި އިންތިހާ ތަފާތުތަކެއް ހުރިކަން ފާހަގަކުރަންޖެހެއެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވޫހާން ދަތުރުފުޅުގެ ތެރެއިން/ފޮޓޯ: އެންވައިޓީ

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ވިލާތުގެ ގައުމުތަކާ އެމެރިކާގައިވެސް މި ވައިރަސް ފެތުރެމުން ދިޔަ ކަމަށް ބުނާ ދިރާސާ ދިރާސާ އެބަހުއްޓެވެ. ޗައިނާއިން ވަކާލާތު ކުރަމުން ދަނީ، މި ވައިރަހުގެ އަސްލަކީ ޗައިނާ ނޫންކަން ސާބިތު ކޮށްދިނުމަށެވެ. ކޮޅެއްގައި ނުޖެހި އޮތް މިމައްސަލައަށް ހައްލެއް ހޯދުމަށް، އިތުރު ދިރާސާތައް ކުރުމަށް ޑަބްލިއުއެޗްއޯގެ ސައެންސްވެރިންގެ ޓީމެއް އަންނަ މަހު ޗައިނާއަށް ދަތުރު ކުރުމަށް ވަނީ ތާވަލު ކޮށްފައެވެ.

ސާސްކޮވް-2ގެ އަސްލާ މެދު އެއްގަލަކަށް ނޭރުނު ކަމުގައި ވީ ނަމަވެސް، ސައެންސްވެރިން އިއްތިފާގުވާ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ކޮވިޑް-19ގެ އާލާތްތަކަކީ އާންމު އަރިދަފުސް ރޯގާއަކުންވެސް ފެންނަ ފަދަ އަލާމާތްތަކެއް ކަމެވެ. މިއީ ޒޫނޮޓިކް ވައިރަހެއް ކަމެވެ. ނުވަތަ ޖަނަވާރެއްގެ ފަރާތުން އައި ވައިރަހެއް ކަމެވެ. ބައެއް ދިރާސާތަކުން، މިއީ ވާލެއްގެ ޒަރިއްޔާއިން އައި ވައިރަހެއް ކަމަށް ބުރަވެއެވެ. ވާލަކީ ކޮރޯނާވައިރަސް އުފުލާ މަހުލޫގެކެވެ. ނަމަވެސް ސާސްކޮވް-2ގެ އަސްލަކީ މިއީ ކަމަށް އަދި ނިންމޭކަށް ނެތެވެ.

ކޮވިޑް-19 ޖައްސާ ވައިރަސް އިންކިއުބޭޓް ކުރި ކަމަށް ތުހުމަތު ކުރެވޭ ޒާތުގެ ޕެންގޮލިންއެއް/ފޮޓޯ: އައިޒާކް ކަސަމާނީ

ނޭނގޭ ކަމަކީ އެހެން މަހުލޫގަކުން އިންސާނުންނަށް ހިސާބަށް ވައިރަސް އައި ގޮތެކެވެ. އައި ތަނެކެވެ. ނުވަތަ އައި މަހުލޫގެކެވެ. މިއީ، ކަން ދިމާ ކުރާ ގޮތަކުން ދުވަހަކު ޖަވާބެއް ނުލިބިދާނެ ކަންތައްތަކަށްވެސް ވެދާނެއެވެ. އެބޯލާ ރޯގާ ފެނުނުތާ 40 އަހަރު ވީއިރުވެސް، އޭއީ ކޮން ޖަނާވަރެއްގެ ކިބައިން އައި ވައިރަހެއް ކަން ސައެންސްވެރިންނަށް އަދިވެސް ނުހޯދި އޮތްކަން ދެނަހުރީމުތޯއެވެ.

ވައިރަސް ފެތުރެނީ ކިހިނެއް؟

ސާސްކޮވް-2އަކީ އެއް އިންސާނެއްގެ ހަށިގަނޑުން އަނެއް އިންސާނެއްގެ ހަށިގަނޑަށް ފެތުރިދާ ވައިރަހެއް ކަން ޗައިނާއިން ކަށަވަރު ކޮށްދިނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އަހަރެއްހާ ދުވަސް ވީއިރުވެސް، އެއް އިންސާނެއްގެ ހަށިގަނޑުން އަނެއް އިންސާނެއްގެ ހަށިގަނޑަށް ވައިރަސް ފޯރާ ގޮތާ މެދު ހޫނު ބަހުސްތަކެއް ކުރެވެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވެކްސިންއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: އެމެރިކަން ކެމިކަލް ސޮސައިޓީ

ސައެންސްވެރިން ބުރަވާ ގޮތުގައި ވައިރަސް ފެތުރުމުގެ އެންމެ ބޮޑު އެއް އަސާސަކީ، ވައިގެ ތެރެއަށް ބުރައިގެންދާ ތިކިތަކެވެ. އެއީ އިންފެކްޓްވެފައިވާ މީހަކު ކެއްސާ، ކިނބިހި އަޅާއިރު ނުވަތަ ވާހަކަ ދެއްކުމުގެ ތެރޭގައި ބޭރުވެގެންދާ ތިކިތަކެވެ. މި ތިކިތަކަކީ ވަށައިގެންވާ 2 މީޓަރެއްހާ ސަރަހައްދަށް ފައިބާ ތިކިތަކެކެވެ. ދިރިއުޅުމުގެ އައްޑަނައަކަށް މާސްކު ހަދަން ޖެހުނީ މި ސަބަބަށްޓަކައެވެ.

ވައިގެ ތެރެއަށް ބުރައިގެން ތިކިތައް އެތައް އިރެއް ވަންދެން ހަރުލާ ހުންނަ ކަމަށް ބުނާ ސައެންސްވެރިންވެސް އުޅެއެވެ. ދުރު ރާސްތާތަކަށް، އެތައް ގަޑިއިރެއް ވަންދެން ދަތުރުކުރާ ކަމަށް ބުނެވެއެވެ. ފޮތި މާސްކެއްގެ ބޭނުން މި ހާލަތުގައެއް ނެތެވެ.

ކޮރޯނާވައިރަސް ހަންގަނޑަށް ވަންނަ ގޮތް ދައްކާ ކުރެވުމެއް

ދެކުނު ކޮރެއާއިން ދާދި ފަހުން ކުރި ދިރާސާއަކަށް ބަލާއިރު އެއާކޯންޑިޝަނަރުން ދައުރު ކުރާ ވައިގެ ސަބަބުން، ބަންދު ވެފައި ތަނެއްގެ ތެރޭގައިވެސް ވައިރަސް ދައުރު ކުރުވައެވެ. އެހެންކަމުން، މިކަމަށް އޮތް ހައްލަކީ، ތަންތަނުގައި ވައި ދައުރު ވާނެ އުސޫލުތައް ހަރުދަނާ ކުރުމެވެ.

ދެން އޮތީ ވައިރަހުގެ މިންވަރެވެ. އިންފެކްޓް ވުމަށް ބޭނުން ވަނީ ކިހާ ވައިރަހެއް ކަން އަދިވެސް ހޯދިފައެއް ނުވެއެވެ. ހަށިގަނޑުގެ ބޭރު ފުށުން ބަލީގެ އަލާމާތްތައް ނުފެންނަ މީހުންވެސް ތިބޭ އިރު، ވައިރަސް އިތުރަށް ފެތުރިގެން ދިއުމުގެ ނުރައްކާ އެތައް ގުނައަކަށް ބޮޑުވެދެއެވެ. ބަލި ޖައްސާ، ބަލި ފެތުރުމުގައި ކުޑައެއް ބޮޑެއް ނޯވެއެވެ.

ބަލި ޖެހުމަށް ފަހު ދިފާއު ލިބެނީ ކިހާ ދުވަހަކަށް؟

އަހަރުގެ މިހާ ހިސާބަށް އާދެވުނު އިރު، އެކި ފަހަރު މަތިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ވާހަކަތައް ވަނީ އަޑުއިވިފައެވެ. އެހެން ކަމުން، މިއީ އެއް ފަހަރު ޖެހުމުން އުމުރު ދުވަހަށް ދިފާއު ލިބޭ ބައްޔެއް ނޫންކަން، ޔަގީނާ ގާތަށް ކަށަވަރުވެއެވެ.

އިރާގުގެ ނަޖަފުގެ ވައިގެ ބަނދަރަށް ޖައްސާފައި އޮތް މަތިންދާބޯޓަކުން ފައިބައިގެން އަންނަ ފަސެންޖަރުންތަކެއް ކޮވިޑް-19އާއި ގުޅިގެން މާސްކު އަޅާފަ/ފޮޓޯ: ޢަލާ އަލް-މަރުޖާނީ

ބައެއް ހޯދުންތަކުން ދައްކާ ގޮތުގައި 6 މަހެއްހާ ދުވަހަށް ދިފާއު ލިއްބައިދެއެވެ. ނަމަވެސް ޔުނިވާސިޓީ އޮފް ހޮންގްކޮންގްއިން ވަނީ 4.5 މަސް ދުވަހުގެ ތެރޭގައިވެސް ދެވަނަ ފަހަރަށް މީހަކަށް މި ބަލި ޖެހުނުކަން ހާމަކޮށްފައެވެ. އެހެން ކަމުން، ދިފާއު ލިބޭ މުއްދަތުގައިވެސް އަދި ޖަހަން ޖެހެނީ ސުވާލު މާކެކެވެ.

ދެން އޮތީ ވެކްސިން ޖަހައިގެން މަސްނޫއީ ދިފާއެއް އުފެއްދުމުގެ ވާހަކައެވެ. ނަމަވެސް، ވެކްސިންގެ ޒަރިއްޔާއިން ހޯދާދޭ ދިފާއަކީވެސް ކިހާ މުއްދަތަކަށް ހޯދޭ ދިފާއެއް ކަމެއް އަދި ކަށަވަރެއް ނުކުރެވެއެވެ. އިންފްލުއެންޒާއިން ދިފާއުވުމަށ ޖަހާ ވެކްސިނަކީވެސް އަހަރު އެއް ފަހަރު ޖަހަން ޖެހޭ ވެކްސިނެއްކަން ފާހަގަ ކުރަންޖެހެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އެސްސީއެމްޕީ

ބަލިމަޑުކަމަށް ނިމުން އޮތީ ކޮން އިރަކުން؟

މި ހުރިހާ ސުވާލެއްވެސް ކުރަނީ ހަމަ އެންމެ ސުވާލެއްގެ ޖަވާބު ހޯދުމަށެވެ. އެއީ ބަލިމަޑުކަމުން މިންޖުވާނީ ކިން ދުވަހަކުންތޯ ބެލުމަށް ކުރާ ސުވާލެވެ.

މި ސުވާލު އުއްމީދީ ޖަވާބު، އެންމެވެސް ގުޅަނީ ވެކްސިނާއެވެ. ނަމަވެސް ސައެންސްގެ ތަޖުރިބާކާރުން ދަނީ، މިއީ އަދި ހައްލު ނޫން ކަމަށް އިންޒާރު ކުރަމުންނެވެ. އެއްވެސް ވެކްސިނަކީ 100 ޕަސެންޓް ނަތީޖާ ކަށަވަރު ވެކްސިނެއް ނޫންކަން އެންމެންވެސް ދަނެއެވެ. ފުޅާ ދާއިރާއެއްގައި ކެމްޕޭންތައް ހިނގައިގެން ވެކްސިން ދިން ކަމުގައި ވީ ނަމަވެސް، މި ވައިރަސް، އިންސާނީ ހަލޯރާތުގައި ދެމި އޮތުމުގެ ފުރުސަތު އެބައޮތެވެ. މާޒީއާށް ބަލާއިރު، ވެކްސިނެއްގެ އެހީގައި މުޅިން ނައްތާލެވިފައި ވަނީ ހަމަ އެންމެ ބައްޔެކެވެ. އެއީ ސްމޯލް ޕޮކްސްއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން، ސިރިންޖަށް ނަގަނީ / ފޮޓޯ: އޭއެފްޕީ

މި ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑު ކަންބޮޑުވުމަކީ ގައުމުތަކުން މިފަދަ ކަމަކަށް ތައްޔާރުވެފައި ނެތުމެވެ. ކުރިއަރާފައިވާ މުއްސަނދި ގައުމުތަކަށްވެސް ހިންދެމިލާނެ ފުރުސަތެއް ނުލިބުނެވެ.

އާރާއި ބާރުގެ ގޮތުން ހުރިހާ އެއްޗެއް މިލްކު ކޮށްގެން އޮތް ގައުމުތަކަށްވެސް ސާސްކޮވް-2 އާ ދެކޮޅަށް ފުރިހަމަ ނަސްރެއް ނުހޯދުނު ކަމީ، ގައުމުގެ ސަރުކާރުތައް ހިންގާ އުސޫލަށް ބަދަލު ގެންނަން ޖެހިފައި ވާ ކަމަށް އެޅި އިންޒާރުގެ ރަނގަބީލެއް ކަމަށްވެސް ބުނެވިދާނެއެވެ. މި ހަމަ ޔަގީނުންވެސް ކޮވިޑް-19 ދަސްކޮށްދިން އެންމެ މުހިންމު އެއް ފިލާވަޅެވެ. އަންގައިދިން އެންމެ ބޮޑު ކަންތަކެވެ.