ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށާއި، މި ބަލިމަޑުކަމުގެ ތެރޭގައި ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ސިއްހީ ހިދުމަތްތެރިންގެ އަގު ވަޒަންކޮށް، އެފަދަ ފަރާތްތަކަށް ޝުކުރު އަދާ ކުރުމުގެ ގޮތުން، ޕައިލެޓަކު ވައިގެ ތެރޭގައި ބުރުޖަހައިގެން ސިރިންޖެއް ކުރަހައިފިއެވެ.

ފުރިހަމަ ތަމްރީނެއް ލިބިފައިވާ ޕައިލެޓް ސެމީ ކްރޭމާ، ފަޒާގެ ތެރޭގައި ސިރިންޖެއްގެ ބައްޓަމަށް މަތިންދާބޯޓު ދުއްވާފައި މިވަނީ، ކޮވިޑް-19އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ދިނުމަށް، ވިލާތުގެ އިއްތިހާދު (އީޔޫ) އިން މިއަދު ފެށި ބޮޑު ކެމްޕޭންގެ މުނާސަބާގައިވެސްމެއެވެ.

ޕައިލެޓް ކްރޭމާ ބުނީ، މިފަދަ ގޮތަކަށް ފަޒާގެ ތެރޭގައި ސިރިންޖެއް ކުރަހާލުމަކީ އާދަޔާ ހިލާފު ގޮތަކަށް މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކޮށްދޭނެ، މަޖާ ކަމަކަށް ވާނެ ކަމަށް އޭނާ އުއްމީދު ކުރި ކަމަށެވެ. ސިރިންޖުގެ ބައްޓަން އެންމެ ސާފުކޮށް ފެންނަނީ، ފްލައިޓް ޓްރެކް ކުރާ ވެބްސައިޓްތަކުގެ ކުރެހުންތައް ބަލާލުމުންނެވެ.

ޕައިލެޓް ކްރޭމާއަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި މިފަދަ ގޮތަކަށް ދުނިޔެ ސިއްސުވާލި 4 ވަނަ ޕައިލެޓެވެ. މީގެ ކުރިން ޕައިލެޓުންތަކެއް ވަނީ ހަމަ މިފަދަ ގޮތަކަށް މި ބަލިމަޑުކަމާ ގުޅޭ ތަފާތު އެކި ރަމްޒުތައް ފަޒާގެ ތެރޭގައި ކުރަހާފައެވެ.

ޖަރުމަނުވިލާތުގެ ވައިގެ ސަރަހައްދުގައި ސިރިންޖެއްގެ ބައްޓަމަށް ކްރޭމާ ދުއްވީ، ޑައެމަންޑް ޑީއޭ 20 ސިންގަލް ޕްރޮޕެލާ މަތިންދާބޯޓެކެވެ.