"ދަ ޕްރެސް" ނޫހުގެ އެޑިޓަރު އަލީ ސަމްއާން، ފެހިވިލާގެ، ހއ. ކެލާ އަށް ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަން ކުރިއެރުވުމާއި، މައުލޫމާތު ފެތުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފިއެވެ.

މި އިނާމު ދީފައި ވަނީ ދިވެހި ދައުލަތުން ދޭ އެކިއެކި އިނާމުތައް ދިނުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ. އެގޮތުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލު ކުރެއްވީތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، މި ޖަލްސާގައި ސަމްއާނަށް ހަނދާނީ ފިލައެއް ދެއްވާފައެވެ.

ސަމްއާން ކުރެއްވީ ކޮން ހިދުމަތެއް؟

އަލީ ސަމްއާން، ނޫސްވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގަތީ 2000 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މިއަދާ ހަމަޔަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ، މި ދާއިރާގައެވެ. ސަމްއާން ފުރަތަމަ ވަޒީފާ އަދާކުރެއްވީ ދިވެހިރާއްޖޭގެ އަޑުގެ ނިއުސްރޫމުގައެވެ. 27 ޖަނަވަރީ 2000 އިން ފެށިގެން 22 ޖަނަވަރީ 2006 އަށް ނިއުސްރޫމްގައި ހިދުމަތް ކުރެއްވި އިރު ރިޕޯޓަރެއްގެ ވަޒީފާއިން ފެށްޓެވި މަސައްކަތުގައި، ހަބަރާ ގުޅޭ ހުރިހާ ދާއިރާތަކެއްގެ ހަބަރާއި ރިޕޯޓު ހެއްދެވުމާއި، ކޯޓުތަކުގައި ހިނގާ އެކިއެކި ޝަރީއަތްތައް ކަވަރު ކުރެއްވުމާއި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކަވަރު ކުރެއްވުމާއި، ސުނާމީ ކާރިސާފަދަ ބޮޑެތި ހާދިސާތަކުގެ ލައިވް ކަވަރޭޖް ގެނެސް ދެއްވުމާ ހަމައިން ފެށިގެން ގޮސް ޕްރޮގްރާމްތައް ޕްރޮޑިއުސް ކުރައްވައި، ބައެއް ޕްރޮގްރާމްތައް ހުށަހަޅުއްވައި ދެއްވާފައި ވެއެވެ.

އަދި ފަހުން ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސް ހިންގުމަށް އުފެއްދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ބޯޑުގެ މެންބަރުކަން ކުރެއްވުމާއި، ބޯޑުގައި އޮންނަ ކޮންޓެންޓް ކޮމިޓީގެ ޗެއާމަންކަން ކުރެއްވުމުގެ އިތުރުން، ކޮމްޕްލެއިންސް ކޮމިޓީވެސް ސަމްއާން ބަލަހައްޓަވާފައި ވެއެވެ. މިގޮތުން، ރޭޑިއޯއާއި ޓީވީގެ ކޮންޓެންޓް ކުރިއަށް ދާގޮތް ބެއްލެވުމާއި، ފެންވަރު ރަނގަޅު ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސް ބައްޓަން ކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް ސަމްއަން ވަނީ ކުރައްވާފައެވެ.

ސަމްއާނަކީ ޕްރިންޓް މީޑިއާއާއި، އޮންލައިން މީޑިއާއާއި އަދި ނިއު މީޑިއާގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ހިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުންތެރިއެއްގެ ގޮތުގައި، ގިނަ ލިޔުންތައް ލިޔުއްވުމުގެ އިތުރުން، ތަހުގީގީ ނަޒަރަކުން ލިޔުއްވައިފައިވާ ބައެއް ލިޔުއްވުންތަކާއި، ދިވެހި ތާރީހުގެ ތެރޭގައި ހުރި މުހިންމު ބައެއް ލިޔުންތައް ވެސް ލިޔުއްވައިފައި ވެއެވެ. މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގެ މީޑިއާގައި ކުރައްވާފައި ވާ މަސައްކަތްތައްވެސް ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގައި ނޫސްވެރިކަން ކުރިއެރުވުމަށް ދިވެހި ނޫސްވެރިންނަށް ތަމްރީނު ދެއްވުމާއި، ނޫސްވެރިން ތާޒާކުރުމުގެ ގިނަ ފުރުސަތުތައް ހޯއްދަވައި ދެއްވުމުގައި ވެސް ސަމްއާނުގެ ދައުރު ބޮޑެވެ. މިގޮތުން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ތަމްރީނުގެ ފުރުސަތުތައް ހޯއްދަވައި ދެއްވުމުގައި، ޖަމްއިއްޔާގެ ނައިބު ރައީސްގެ ހައިސިއްޔަތުން ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަ ކޮށްލަންޖެހެއެވެ.

ނޫސްވެރިން ބަނދެވޭގޮތަށް ހުރި ގާނޫނުތަކާ ގުޅުންހުރި އެކިއެކި އުސޫލުތައް ލުއިކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ މަޝްވަރާ ކުރެއްވުމާއި، ރާއްޖޭގެ އެކި މީޑިއާތަކުގައި މަސައްކަތް ކުރައްވައި އެޑިޓަރުން ހިމަނައިގެން ނޫސްވެރިންގެ "ކޯޑް އޮފް ކޮންޑަކްޓް" އެއް އެކުލަވައިލުމުގައި އެމްޖޭއޭއިން ކުރި މުހިންމު މަސައްކަތުގައި ވެސް ސަމްއާންގެ ދައުރު ބޮޑެވެ.

ސަމްއާނަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ފޯރުކޮށް ދެއްވުމަށް ރާއްޖޭގެ އެކިއެކި ޓީވީ އަދި ރޭޑިއޯ ޝޯތަކުގައި ބައިވެރިވެ ވަޑައިގެންފައިވާ ބޭފުޅެއް ވެސްމެ އެވެ. އަދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ މައްޗަށް ފޯރަމްތައް ބޭއްވެވުމާއި، ނޫސްވެރިކަމަށް ނުވަތަ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިވާގޮތަށް އުފެދެމުން ދިޔަ ސިޔާސީ ހަލަބޮލިކަން މިސްރާބު ކުރެއްވުމަށް އެކިއެކި ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތަކުގައި ބައިވެރިވެ ވަޑައިގެން، ހޭލުންތެރި ކުރުވުމުގެ މަސައްކަތްތައް ވެސް ސަމްއާން ކުރައްވަމުން ގެންދަވައެވެ.

މިހާރު ސަމްއާނަކީ މި ނޫސް [ދަ ޕްރެސް]ގެ އެޑިޓަރުވެސް މެއެވެ. ނޫސްވެރިކަމުގައި ސަމްއާން އަބަދުވެސް އެންމެބޮޑު އިސްކަމެއް ދެއްވަނީ، ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށެވެ. ލިޔާ ލިޔުމަކާއި ގެނެސްދޭ ހަބަރަކީ ތެދު މައުލޫމާތުގެ މައްޗަށް އޮންނަ ލިޔުމެއްތޯ ބެއްލެވުމަކީ ސަމްއާން އަބަދުވެސް ކުރައްވައި ކަމެކެވެ. އަދި އެ ލިޔުމަކާ ގުޅޭ ހުރިހާ ފަރާތެއްގެ ބަސް ހިމެނުމަށް އިސްކަން ދެއްވުމާ އެކު އިތުބާރު ހިފޭ ނޫސްވެރިކަމެއް "ދަ ޕްރެސް" އިން ކޮށް، އެ ނޫހަކީ މަގުބޫލު ނޫހަކަށް ހެއްދެވުމަކީ ސަމްއާންގެ އަޒުމެކެވެ.

އަޅުގަނޑުމެންގެ އެޑިޓަރު ސަމްއާން ހޯއްދެވި ކާމިޔާބީއަށް 'ދަ ޕްރެސް' ޓީމުގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔަމެވެ.