އިންޑިއާ ކަނޑުގެ މުތުގެ ރަން ހާރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ދިވެހި ރާއްޖެއަކީ ގުދުރަތީ ގޮތުން ތަފާތު އެތައް ކަމަކަށް ހާއްސަ މަންޒިލެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރު ކުރާ މުސާފިރުންގެ ބަހުން ނަމަ، އެފަދަ ދެވަނަ އެއް ނުވާ މަންޒިލެކެވެ. ހަމަ އެހާމެ ނާޒުކުވެސް މަންޒިލެކެވެ.
ރާއްޖޭގެ އެންމެ އުސް ހިސާބުތައް ވެސް ކަނޑުގެ ލޮނުގަނޑުން މައްޗަށް އުފުލިފައި ހުންނަނީ އެންމެ 2.4 މީޓަރަށެވެ. ކަނޑުގެ ސަތަހައަށް އަންނަ ކޮންމެ ބަދަލަކުން އެންމެ ބޮޑު އަސަރެއް ކުރާ މަންޒިލުތަކުގެ ލިސްޓުގައިވެސް ރާއްޖެ އޮންނަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެންމެ މީޓަރަކަށް ކަނޑުގެ ލޮނުގަނޑު އުފުލުނު ކަމުގައި ވީ ނަމަވެސް ރާއްޖޭގެ 80 ޕަސެންޓް ނެތި ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ.
އެއީ މީލާދީން 1987 ވަނަ އަހަރެވެ. ދިވެހި ތާރީހުގެ ފަތްފުއްތަކުގައި ލިޔެލި ބޮޑު ރާޅުގެ ހާދިސާއާ ކުރިމަތިލާން ޖެހުނު އަހަރެވެ. ވެރިރަށް މާލެ ފެނު އަޑީގައި އޮތް އެ ދުވަހުގެ މަންޒަރުތައް މިއަދުވެސް މީސްމީޑިއާގެ ސޮފުހާތަކުން ފެނެއެވެ. މުޅި ރާއްޖޭގެ ވެރިކަން ކުރަމުން އަންނަ މާލެ ހުއްޓުމަކަށް އައިފަދައެވެ. ލިބުނު ގެއްލުމުގެ އަގު 6 މިލިއަން ޑޮލަރަށް ވުރެ ކުޑައެއް ނުވާނެއެވެ. އެކަށީގެންވާ ނަރުދަމާ ނިޒާމެއް އޭރު ގާއިމުވެފައި ނެތުމުގެ ނަތީޖާއަކަށް ވީ ފެން ހިންދަން ދަތިވެ، ތަފާތު އެކި ކަހަލަ ބަލިތައްވެސް ފެތުރެން ފެށުމެވެ.
ދިވެހިންނަށް ކުރިމަތިވާ މިފަދަ އެކި ކަހަލަ ހާދިސާތަކުގައި އަބަދުވެސް އެހީ އަންނަނީ އެކުވެރި ގައުމުތަކުންނެވެ. މިއީވެސް ދިވެހިންނަށް ލިބިފައިވާ ނިއުމަތެކެވެ. އެކުވެރި ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށް އެ ފަހަރު އެހީގެ އަތެއް ދިއްކޮލީ ޖަޕާނުންނެވެ. ދިވެހި ސަރުކާރުގެވެސް އެދުމުގެ މަތިންނެވެ.
ބޮޑު ރާޅުގެ ހާދިސާއާ ވިދިގެން 2002 ވަނަ އަހަރުގެ ނިޔަލަށް ޖަޕާނުން ވަނީ، މާލެ ސަރަހައްދުގެ ގޮނޑުދޮށާއި އައްސޭރި ފަށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްދީފައެވެ. މާލެ ވަށައިގެން ހައެއްކަ ކިލޯމީޓަރަށް ދެމިގެންދާ ގޮތަށް ރައްކާތެރި ކަމުގެ ތޮށިތައް ލާދިނެވެ. ފަންނީ އެހީ ދެމުން ދިޔައީ ޖަޕާނުގެ އުމްރާނީ ބިނާވެށީގެ ކުންފުންޏަކުންނެވެ. މިއަދުވެސް މާލެ ވަށައިގެން ކަހަލަ ގޮތަކަށް ފެންނަން ހުރި ޓެޓްރާޕޮޑްތަކަކީ ނުވަތަ ތިން ފައިކަށިލީ ގާތަކަކީ މި މަސައްކަތުން ލޯމައްޗަށް ފެންނަން އޮތް ބައެވެ.
ޓެޓްރާޕޮޑް އަތުރައިގެން އައްސޭރިފަށުގެ ސަރަހައްދު ހިމާޔަތް ކޮށް ނިމުނުތާ މާ ގިނަ ދުވަހެއް ނުވެއެވެ. ރެކްޓާ މިންގަނޑުން 9.3ގެ ބާރު މިނުގައި އިންޑޮނޭޝިއާއަށް އައި ބިންހެލުން، މުޅި ދުނިޔެ ގުޑުވާލިއެވެ. ފަހުގެ ތާރީހުގައި ދުނިޔެ ނުދެކޭ ވަރުގެ ސުނާމީއެއް އުފައްދަމުންނެވެ. އިންޑިއާ ކަނޑުގެ ސަރަހައްދަށް މި ސުނާމީ ފެތުރިގެން ދިޔައީ 10 މީޓަރާއި 30 ނުވަތަ 40 މީޓަރުގެ އުސް މިނުގައެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ސުނާމީއަކީ މިއަދުވެސް ގިނަ ބައެއްގެ ހަނދާނުގައި ތާޒާ ހަނދާނެކެވެ.
މި ސުނާމީގައި މާ ކަނޑުން ބޮޑުވެގެން އައި ލޮނުގަނޑު ކޮންޓްރޯލް ކޮށް، އެއްގަމަށް ލިބޭ ގެއްލުން ކުޑަވުމުގެ އެންމެ ބޮޑު އެއް އައްޑަނައަކަށް ވީ ޖަޕާނު ސަރުކާރުން ފޯރުކޮށްދިން ޓެޓްރަޕޮޑް ތޮށިގަނޑެވެ.
މި ހިތްދަތި ހަނދާންތަކަށް މިއަދަށް 16 އަހަރު ފުރުނީއެވެ. މި ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައެވެ. ދުވަހާ ގުޅިގެން ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އިވެންޓްގައި މިކަމަށް ހާއްސަ އިޝާރާތެއް ކުރެއްވިއެވެ. ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓްރީން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ތަގުރީރު ކުރައްވަމުން ގެންދެވީ މި ޓެޓްރަޕޮޑް މަތީގައި ހުންނަވައިގެންނެވެ. މިއަދު ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ، ސުނާމީ ފަދަ ކާރިސާތަކުގައި ރާއްޖެއަށް ލިބެމުންދާ ބައިނަލްއަގުވާމީ އެހީ ފާހަގަ ކުރައްވާ، ވަޒީރު ޝުކުރު އަދާ ކުރެއްވުމަށް ހިޔާރު ކުރެއްވީ ދުވަހާ އެންމެ އެކަށޭނަ ރަމްޒީ މައިދާނެއް ކަމާ މެދު ދެބަސް ވެވޭކަށް ނެތެވެ.
ސުނާމީއާ ގުޅިގެން ދިވެހިންނަށް އެންމެ ދީލަތި އެހީއެއް ފޯރުކޮށްދިން އެއް ގައުމަކީ ޖަޕާނު ކަމަށް ވާއިރު، ދުވަހުގެ މުނާސަބާގައި އެ ޓެޓްރަޕޮޑަށް އެފަދަ މަގާމެއް ހައްގެވެ. ޖަޕާނަކީ މިހާރުވެސް އެކި ގޮތް ގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެއްކަން ހަނދާން ނައްތާނުލާނެ ކަން މިކަމުންވެސް އަންގައިދެއެވެ.
ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް 117 މިލިއަން ރުފިޔާ (7.6 މިލިއަން ޔޫއެސް ޑޮލަރު ނުވަތަ 800 މިލިއަން ޖަޕަނީޒް ޔެން) ގެ އެހީތެރިކަން ފޮރުކޮށްދިނުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް ޖަޕާނުން ވަނީ 21 ޕެރަމެޑިކް އެމްބިއުލާންސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލާންސް 15 އަތޮޅެއްގެ 21 ރަށަށް ވަނީ ހަދިޔާކޮށްފައެވެ.
ހަމަ މިފަދައިން، ޖަޕާނަށް ކުރިމަތިވާ ކަންކަމުގައިވެސް ދިވެހިންގެ އެހީ އެ ގައުމަށް ފޯރުކޮށްދީފައި ވާކަން ބަޔާން ކުރަން ހައްގެވެ. 2011 ވަނަ އަހަރު ޖަޕާނަށް އެރި ސުނާމީގައި ދިވެހިންގެ ފަރާތުން ޖަޕާނަށް 6 ލައްކައަށް ވުރެ ގިނަ މަސްދަޅު ހަދިޔާ ކުރިއެވެ. އިތުބާރު އޮތް ބަދަހި ގުޅުމެއް ކަމުގެ މިސާލު ދައްކައި ދެމުންނެވެ.