މި ފަހުން ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ބަލިމަޑުކަން، މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ އިންތިޒާރު ކުރަމުން ދަނީ، ބަލިން ރައްކާތެރިވާނެ ފުރިހަމަ ބޭހަކަށެވެ. އެތައް ފުރާނައެއް ގެއްލިގެން ގޮސްފައިވާ ބައްޔަށް 100 ޕަސެންޓް މުޖައްރިބު ވެކްސިނެއް އުފައްދާ، ކާމިޔާބު ކަމާއެކު ބޭނުން ކުރެވޭނެ ދުވަހަކަށެވެ. ވެކްސިނެއް ލިބި ކުރީގެ ދިރިއުޅުމަށް ރުޖޫއަ ވެވޭނެ ވަގުތަކަށެވެ.
އާންމު ގޮތެއްގައި 10 އަހަރުން ތަރައްގީ ކުރާ ވެކްސިން، ޒަމާނީ ޓެކްނޮލިޖީގެ ރޭހުގެ ތެރެއިން، އެންމެ 10 މަސް ދުވަހުގެ ތެރޭގައި ވަނީ ހަގީގަތަކަށް ހަދާ ބައެއް ގައުމުތަކުގައި ވެކްސިން ދޭން ވެސް ފަށާފަ އެވެ. ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ކޮވިޑް-19 އަށް ތަރައްގީ ކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން 51 ވެކްސިނެއް މިހާރުވެސް އިންސާނުންގެ ހަށިގަނޑުގައި ތަހުލީލު ކުރަމުން އެބަ ދެ އެވެ. މީގެ ތެރެއިން 13 ވެކްސިނެއް އޮތީ އެންމެ ފަހު މަރުހަލާގަ އެވެ. އިތުރު 163 ވެކްސިނެއް ލެބޯޓްރީތަކުގައި ތަރައްގީ ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.
ކަން މިހެން އޮތްއިރު، ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށް ދިނުމަށް އުފައްދާފައި ވާ ބައިނަލްއަގުވާމީ ގުރޫޕް "ކޮވިޑް-19 ވެކްސީންސް ގްލޯބަލް އެކްސެސް ފެސިލިޓީ" (ކޮވެކްސް) މެދުވެރިކޮށް ލިބޭ ވެކްސިން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ދިނުމަށް ވަނީ ނިންމާފަ އެވެ.
ކޮވެކްސް އަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިސްވެ އޮވެ، އެޕިޑެމިކް ޕްރެޕެއާޑްނަސް އިނޮވޭޝަންސް (ސެޕީ) އާއި ވެކްސިން އެލަޔަންސް، ގާވީގެ އިއްތިހާދީ މަޝްރޫ އެކެވެ. މި މަޝްރޫގެ ބޭނުމަކީ، 2021 ވަނަ އަހަރު ނިމޭއި ރު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް، ކޮވިޑް-19ގެ ވެކްސިންގެ 2 ބިލިއަން ޑޯޒް ފޯރުކޮށްދިނުމެވެ. "ކޮވެކްސް" އިން އަމާޒު ހިފާފައި ވަނީ، ރައްކާތެރި އަދި ކާމިޔާބު 3 ވެކްސިނެއް ތަރައްގީ ކޮށް، މަޝްރޫއުގެ ބައިވެރިނަށް ފޯރުކޮށް ދިނުމަށެވެ.
މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ބަލިމަޑިކަން ނިމުމަކާ ގާތަށް އައިސްފައި ވާ ކަމަށް ދުނިޔޭގެ ސިއްހީ މާހިރުން ވިދާޅުވެފައި ވަނީ ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށް ދިނުމަށް ގާއިމު ކޮށްފައި ވާ ކޮވެކްސް ފެސިލިޓީ އަށް 2 ބިލިއަން ޑޯޒްގެ ވެކްސިން ކަށަވަރު ކުރެވިފައި ވާކަން އިއުލާން ކުރަމުންނެވެ.
ދިވެހިރާއްޖެ އަކީ ކޮވެކްސް ފެސިލިޓީގެ ތެރެއިން، އާބާދީގެ 20 އިންސައްތައަށް ވެކްސިން ލިބޭ ގައުމު ތަކުގެ ތެރޭގައި އޮތް ގައުމަކަށް ވާ އިރު، ކޮވިޑް-19ގެ ވެކްސިން ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ހިލޭ ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ވަނީ ވެކްސިން ދިނުމުގައި އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ރާއްޖެއިން ކޮވެކްސް ވެކްސިންގެ ފުރަތަމަ 3 ޕަސެންޓް ދިނުމަށް ހަމަޖެހިފައި ވަނީ:
ކޮވިޑް ވެކްސިން: ފުރަތަމަ ކެޓަގަރީ
- ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުން
- ސިއްހީ ހިދުމަތް ދޭ ތަންތަން ސާފުކުރާ މީހުން
- އާރްއާރްޓީގައި މަސައްކަތް ކުރާ މީހުން
- ކަށުކަމާކެމީގެ ކަންކަން ކުރުމުގައި އުޅޭ މީހުން
- ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންގެ ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުން
ކޮވިޑް ވެކްސިން: ދެވަނަ ކެޓަގަރީ
- 50 އަހަރާއި 50 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް
- ކެންސަރު ބަލި ތަހައްމަލު ކުރާ މީހުންނާއި މިދިޔަ އެއް އަހަރު ތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާފައި ތިބި މީހުން
- ހަކުރު ބަލި ހުންނަ މީހުން
- އިސްކޮޅާ އެކަށީގެން ނުވާ ވަރަށް ބަރުދަން ހުންނަ މީހުން
- ކިޑްނީ ބަލީގެ 3 ވަނަ ސްޓޭޖްގައި ފަރުވާ ހޯދަމުންދާ މީހުން
- ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތަކާއި، ލިވާގެ ބަލިތަކަށް ބޭސް ކުރާ މީހުން
- ސްޓްރޯކް ޑިމެންޝިއާ ހުންނަ މީހުން
- ތެލެސީމިއާ ކެރިއަރުން
- ބަލިހާލު ބޮޑުވެ އެނދުމަތިކޮށްފައި ތިބޭ މީހުން
ކޮވިޑް ވެކްސިން: ތިންވަނަ ކެޓަގަރީ
- ޓީޗަރުންނާއި ފުލުހުންނާއި ސިފައިން
- އެއާޕޯޓުތަކާއި އެއާލައިންތަކާއި ޓްރެވަލް އެޖެންސީގެ މުވައްޒަފުން
- ޓޫރިޒަމް ދާއިރާގެ މުވައްޒަފުން
- ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރުގެ ކްރޫއިން
- ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްދޭ ފަރާތްތައް
- ޕަބްލިކް ސާވިސް ހިދުމަތްދޭ މީހުން
- ބޭރު ގައުމުތަކަށް ދަތުރުފަތުރު ކުރަންޖެހޭ ފަރާތްތައް
ވެކްސިން ދިނުމަށް ހަމަޖެހިފައި ވާ ތިން ވަނަ ބުރުގައި އާބާދީގެ 20 ޕަސެންޓް ގައި ނުހިމެނޭ މީހުން ހިމެނޭނެ އެވެ. އެ މީހުންނަށް ވެކްސިން ހޯދުމަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުން ދާ އިރު މިހާރު ވެކްސިން ގެނެސް ރައްކާ ކުރުމުގެ ނިޒާމް ހަރުދަނާ ކުރުމާއި ވެކްސިން ދިނުމަށް ތައްޔާރު ވަމުން ދާ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ. އެގޮތުން އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި އާންމުންނަށް ކޮވިޑް ވެކްސިން ދޭން ފެށޭނެ ކަމަށް ވެސް އެޗްޕީއޭން ބުނެފައި ވީ ނަމަވެސް ރާއްޖެ އަށް ގެންނަން ނިންމާފައި ވަނީ ކޮން ވައްތަރެއްގެ ވެކްސިނެއްކަ ން އަދި ހާމަ ކޮށްފައެއް ނުވެ އެވެ.
ރާއްޖޭގައި އުޅޭ ކޮންމެ މީހަކަށް ވެސް ވެކްސިން ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައި ވާ އިރު، ވެކްސިން ފުރަތަމަ ޖެހުމާ ދެކޮޅަށް ވެސް ބައެއް މީހުން ވަނީ ހިޔާލު ފާޅުކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން "ދަ ޕްރެސް" އާ ވާހަކަ ދެއްކި މީހަކު ބުނީ ވެކްސިން އަލަށް ޖެހުމާ ދެކޮޅު ކަމަށެވެ. ސަބަބަކީ އެއީ ދުނިޔޭގައިވެސް އަލަށް ކުރަން ފަށާފައި ވާ ކަމަކަށް ވާތީ ކަމަށް އޭނާ ބުނެ އެވެ.
އިތުރު މީހަކު ބުނި ގޮތުގައި ވެކްސިން ޖެހުމަކީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް ޖެހުމަށް ފަހު ދިމާވެދާނެ ކަންކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް އޭނާ ބުނެ އެވެ.
އެއީ މަދު މީހެއްގެ ވާހަކަ ނަމަވެސް އާންމު ގިނަ ބަޔަކު އުންމީދު ކުރަމުން ދަނީ ވެކްސިނެއް ލިބި ރާއްޖެ ވެސް ކުރީގެ ހާލަތަށް އެނބުރި ރުޖޫއަ ވެވޭނެ ދުވަހަކަށެވެ.
މިއަދާ ހަމައަށް ރާއްޖޭގެ 13،691 މީހަކަށް ކޮވިޑް ޖެހިފައި ވާ އިރު، 13،109 މީހަކު ބަލިން ރަނގަޅުވެފައި ވާ ކަމަށް އެޗްޕީއޭން ބުނެއެވެ. އަދި ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު 48 އަށް ވަނީ އަރާފައެވެ. ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހެދި ދިރާސާއަކުން ދައްކާފައި ވަނީ މާލޭގެ އާބާދީގެ ގޮތުގައި ގާތްގަނޑަކަށް ބެލޭ 208،000 މީހުންގެ ތެރެއިން 38،000 ވަރަކަށް މީހުންނަށް ކޮވިޑް-19 ޖެހި މިހާރު ރަނގަޅުވެފައި ވާ ކަމަށެވެ.
އެ ދިރާސާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ޑިރެކްޓާ އޮފް ރިސާޗު، ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވެފައި ވަނީ މާލޭގެ ސާވޭއަށް ބަލައި އެންޓިބޮޑީ ހުރި މީހުންގެ އަދަދުން ލިބިފައި ވަނީ އާބާދީގެ 13.4 ޕަސެންޓް މީހުންގެ އެންޓި ބޮޑީސް ހުރި ކަމަށް ކަމަށެވެ. އޭގެ މާނަ އަކީ ކޮވިޑް-19 ޖެހި ރަނގަޅު ވުމުގެ ސަބަބުން އެ ބަލިން ދިފާއު ވުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމުން އުފައްދާ މާއްދާ ހަށިގަނޑުގައި ހުރުމެވެ.