ރޮވޭލީ ޒަބާލާ އިނީ ވިހަން ތައްޔާރުވެފައެވެ. މިއަދު ނޫނީ މާދަންވެސް ވިހާފާނެއެވެ. މިއީ އޭނާގެ 10 ވަނަ ދަރިފުޅެވެ.
އާއިލާ ރޭވުމަކީ ކޮބައިކަން ރޮވޭލިއާއަށް އެނގުނުއިރު 7 ދަރިން ލިބިއްޖެއެވެ. ނަމަވެސް 10 ވަނަ މެމްބަރަކީ، އެ އާއިލާއަށް ލިބުނު "ސަޕްރައިޒް" އެކެވެ. މުޅި ދުނިޔެ ފުރަބަންދުކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ލޮކްޑައުންގެ ނިޝާނެވެ.
ރޮވޭލީ ދިރިއުޅެމުން އަންނަނީ ފިލިޕީނީންސްގައެވެ. ލޮކްޑައުންގެ ހަރުކަށި އަމުރުތަކާއެކު، ގޭބަންދުވުމުގެ ނަތީޖާއެއްގެ ގޮތުން، ދޭތެރެ ދުރުކުރާ ބޭސް ހޯދުމަށް އެތައް އަންހެނުންނަކަށް ހުރަސްތައް ކުރިމަތިވިއެވެ. ރޮވޭލީއަކީވެސް އެފަދަ މީހެކެވެ. އާއިލާ ރޭވުމުގެ އުސޫލުން ބޭރުން މިއަދު އޭނާ އިނީ ބަލިވެއެވެ. ވިހަން ތައްޔާރަށެވެ. އޭނާ ފަދަ އެތައް މައެއް މިއަދު މުޅި ފިލިޕީންސްގައި އެބަ ތިއްބެވެ.
2 ލައްކަ ކުދިންގެ ވާހަކަ
އާބާދީއާއި ބެހޭ އދގެ މަޝްރޫއާއި ޔުނިވާސިޓީ އޮފް ފިލިޕީންސް ޕޮޕިއުލޭޝަން އިންސްޓިޓިއުޓްއިން ލަފާ ކުރާ ގޮތުގައި، 2021 ވަނަ އަހަރަކީ، އާއިލާ ރޭވުމުގެ އުސޫލުތަކުން ބޭރުން، 214000 ކުއްޖަކު އެ ގައުމަށް އުފަންވާނެ އަހަރެކެވެ. ފިލިޕީންސްގެ ހޮސްޕިޓަލުތަކަކީ މިހާރުވެސް ފުރިފައިވާ ތަންތަނެވެ. އަހަރު 1.7 މިލިއަން ކުދިން އެ ގައުމަށް އުފަންވެއެވެ.
މިއީ އަދި ފެށުމެކެވެ. ހުރިހާ އިލްޒާމެއް، ލޮކްޑައުންއަށް އަމާޒު ކުރެވޭކަށް ނެތެވެ.
ފިލިޕީންސްގެ ވެރިރަށް މެނީލާ އޮތީ ތޮއްޖެހި، ފިތި ބާރުވެފައެވެ. ކޮންމެ އަކަ ކިލޯމީޓަރެއްގައި 70000 މީހުން އުޅެއެވެ. މަގުމަތީގެ ކާރޫބާރު ބޮޑުވެފައިވާ މަންޒަރުތަކާއި ޖަލުގެ ހާލަތަށް ބަލާލުމުން މިކަން ސާފުވެއެވެ. ޖަލުތައް އޮޕަރޭޓް ކުރަނީ ކެޕޭސިޓީއަށް ވުރެ 300 ޕަސެންޓް އިތުރަށް ގައިދީން ބައިތިއްބައިގެންނެވެ. މަސްއައިނެއް ފަދައިން އެކަކާ ޖެހި އަނެކަކު ފިއްތައިގެންވެ.
ދެން އޮތީ އިންތިހާ ފަގީރު ކަމުގެ ވާހަކައެވެ. ބައެއް މީހުންނަށް ލިބޭ ހަމައެކަނި ކާ އެތިކޮޅަކީ ކުނިވަށިގަނޑުން ލިބޭ އެއްޗެކެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ފިލިޕީންސްގައި ވިހާ މިންވަރު އިތުރުވުމުގެ އެންމެ ބޮޑު އަސްލަކީވެސް އިންތިހާ ފަގީރުކަމެވެ. ފިލިޕީންސްގެ ޕަވަޓީ ރޭޓް އޮތީ 17 ޕަސެންޓްގައެވެ.
ކޮންޓްރޯލެއް ނެތި އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބަކަށް، ދީނީ ފިކުރުވެސް ވަދެއެވެ. ދޭތެރެ ދުރުކުރުމުގެ ވަސީލަތްތަކާ ދެކޮޅު ހަދާ ފާދިރީންގެ "ފަތުވާ"ތަކުގެ ސަބަބުންނެވެ.
ތުއްތު ކުދިންގެ "ކާރުހާނާ"
ޑރ ހޯޒޭ ފަވެއްލާ މެމޯރިއަލް މެޑިކަލް ހޮސްޕިޓަލިގެ މުވައްޒަފުންނަކީ އިންތިހާއަށް ބުރަކޮށް އުޅުމަށް އާދެވެފައިވާ ބައެކެވެ. 2012 ވަނަ އަހަރަށް ބަލާއިރު، ދުވާލަކު 120 ކުދިން އެ ހޮސްޕިޓަލަށް އުފަންވެއެވެ.
އެ އަދަދު ހިސާބަކަށް ދަށްވާން ފެށި ނަމަވެސް، އެ ހޮސްޕިޓަލް އޮތީ އަލަށް އުފަންވާ ކުދިންގެ "އޮއެވަރަކަށް" ތައްޔާރުވެގެންނެވެ.
މެޓާނީ 1 ނަމްބަރު ވޯޑަކީ ފުޓުބޯޅަ ދަނޑެއްހާ ބޮޑު ވޯޑެކެވެ. މުޅި ތަނުން އިވެނީ، ދުނިޔެއަށް އަލަށް ލޯހުޅުވާލި ތުއްތު ކުދިންގެ ރުއިމުގެ އަޑެވެ. ހޮސްޕިޓަލު ގައުނުގައި މައިން ތިބީ މާސްކާއި ފޭސްޝީލްޑްވެސް އަޅައިގެންނެވެ.
އިހުގެ ހޮސްޕިޓަލުތަކުގައި ހުންނަ ޒާތުގެ ދަގަނޑު އެނދުތައް ސަފުސަފަށް ދަމާލާފައިވެއެވެ. އެނދަކާ ޖެހި އެނދެކެވެ. ކޮންމެ އެނދެއްގައި، ތިން-ހަތަރު ޕޭޝަންޓުންނާއި އެމީހުންގެ ދަރިންނެވެ. މިއީ އަދި ނިމުމެއް ނޫނެވެ. އިތުރު ޕޭޝަންޓުންނާއި ކުދިން އައުން އޮތީއެވެ. ދެ އެނދު ޖައްސައިގެން 6 ނޫނީ 7 ޕޭޝަންޓޫންނަށް އެ 2 އެނދުގައި ހިދުމަތް ދޭންޖެހިދާނެ ކަމަށް ލަފާކުރެވެއެވެ.
އަނެއްކާވެސް ކެތޮލިކް ފިކުރުގެ ވާހަކައެވެ. ދޭތެރެ ދުރުކުރުމުގެ ލިސްޓުގައި ހިމެނޭ "މޯނިންގް އާފްޓާ ޕިލް" އަކީ ފިލިޕީންސްގައި ޣައިރު ގާނޫނީ ބޭހެއް ކަމުގައި އޮންނަނީ ހަދާފައެވެ. އައިލާ ރޭވުމުގެ ފުރުސަތު ޅަ އުމުރުގެ މީހުންނަކަށް ނޯވެއެވެ. މައިންބަފައިންގެ ހުއްދައެއް ބޭނުންވެއެވެ. ނަމަވެސް، މިއީ ފިލިޕީންސްގެ އާދަކާދައަށް ބަލާއިރު ދެކޮޅު ޖެހޭ ކަމަކަށް ނުވެއެވެ. ފުރާވަރު އުމުރުގައި ބަލިވެ އިންނަ ޒުވާނުންގެ އަދަދު އިންތިހާއެވެ. ދެކުނު އިރުމަތީ އޭޝިއާގައިވެސް މި ރޭޓް އޮތީ އެންމެ ކުރީގައެވެ. ލޮކްޑައުންއާއެކު މި އަދަދު އިންތިހާއަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.
ރޮވޭލީގެ ދަރިންގެ ބައްޕައަކީވެސް އެފަދަ ފިކުރެއްގެ މީހެކެވެ. ރޮވޭލީގެ ކައިވެނި ރޫޅުނުތާ މިހާރު 3 މަސް ވަނީ ކަމަށް ކަރުހަނަ ފޮހެމުން މީޑިއާއަށް ކިޔައިދިނެވެ. ރޮވޭލީ އިންނީ އިންތިހާ މާޔޫސްކަމުގައެވެ. މަސްތުވާތަކެތީގެ ވަބާ އިންތިހާއަށް އޮތް ފިލިޕީންސްގައި އޭނާގެ ދަރިން ނުބައި ގޯޅިއެއް އަޅާފާނެ ކަމަށް ޖެހިލުންވެއެވެ. ދަރިންނަށް ތައުލީމު ނުދެވިދާނެ ތީ އޭނާ ކަންބޮޑުވެއެވެ. މުއްސަނދިވެސް އިންތިހާއަށް އޮތް ފިލިޕީންސްގެ މުއްސަނދި އާއިލާއަކަށް ދަރިންކޮޅު ދޭންވެސް ހިތަށް އަރާ ކަމަށާ، ނަމަވެސް، ދަރިންނާއެކު ދިރިއުޅުން ވޭތިކުރެވިދާނެ ކަމަށް ނަފުސު އޭނާއަށް އަންގައިދޭ ކަމަށްވެސް ރޮވޭލީ ބުންޏެވެ.