ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދާ ނުދެވޭ ކަމަށް ވަނީ ނަމަ، މަގާމުން އިސްތިއުފާ ދެއްވުމަށް ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ ޗެއާމަން، ބިލަވާން ބުއްޓޫ، އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ހާންއަށް ގޮވާލައްވައިފިއެވެ.

ލާހޯރްގައި ހުންނަވާ، މީޑިއާއާ ވާހަކަދައްވަމުން ބުއްޓޫ ވިދާޅުވީ، އާންމުންގެ ހަގީގީ ހާލަތު ސަރުކާރަށް އޭނގޭކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައްޔިތުންނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ މައްސަލަތައް ސަރުކާރަށް ނޭނގޭ ކަމަށާ، ކާބޯތަކެތި ލިބުމުގެ ހައްގުން ރައްޔިތުން މަހްރޫމުވެ، ސަރުކާރުގެ ނިޒާމާ މެދު ރައްޔިތުން ނަފުރަތު ކުރާ މިންވަރުވެސް އަދުގެ ސަރުކާރަށް ފަހުމް ވާހެން ހީނުވާ ކަމަށް ބުއްޓޫ ވިދާޅުވިއެވެ.

ބަހުގެ ހަމަލާތައް ވަރުގަދަ ކުރައްވަމުން ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ވިދާޅުވީ އިމްރާނަކީ "ޕަޕެޓެއް" ކަމަށެވެ. އަދި ރައްޔިތުންނަށް ކޮށްދެއްވުނު ކަމަކީ ކޮބައިތޯ ދެންނެވޭ ސުވާލަށް، އިމްރާނަށް ޖަވާބު ނުދެއްވޭނެ ކަމަށްވެސް ބުއްޓޫ ވަނީ ވިދާޅުވެފައެވެ. މިއީވެސް އިމްރާން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ސަބަބެއް ކަމަށް ބުއްޓޫ ވިދާޅުވިއެވެ.

ކޮރަޕްޝަން ހައްލު ކުރެވިފައި ނުވާކަމަށް ވިދާޅުވެ ބުއްޓޫ ވަނީ، އިމްރާންގެ ސަރުކާރުން ބަޔަކު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި، ފާއިތުވީ ދެ އަހަރާއި ބައިގެ މުއްދަތުގައި ގައުމީ މުއައްސަސާތައް މެދުވެރި ކުރައްވާ، ސިޔާސީ ބަދަލު ހިއްޕެވި ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

މި ރޫހުގައި ވާހަކަ ކުރިއަށް ގެންދަވަމުން ބުއްޓޫ ވިދާޅުވީ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯއްދަވާ ނުދެއްވެނީ ނަމަ، މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާ، މިކަމުގެ ހައްލު ޕީޕީޕީގައި އެބައޮތް ކަމަށެވެ.

ދިގުދެމިގެންދާ މުޒާހަރާއެއް ކުރުމަށް ޕާކިސްތާނުގެ އިދިކޮޅު ސިޔާސީ ފިކުރުގެ 11 ޕާޓީއަކުން އިއްތިހާދު ހަދާފައި ވާއިރު، އަންނަ އަހަރު އޮންނަ މި މުޒާހަރާއިން އިމްރާނަށް "ސަލާމަތެއް" ނެތް ކަމަށްވެސް ބުއްޓޫ ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވުމަށް އިމްރާނަށް މުހުލަތެއް އަރުވާފައެވެ. އެކަން އެގޮތަށް ނުކުރައްވައިފިނަމަ، ދިގުދެމިގެންދާ މުޒާހަރާ ފަށޏެ ކަމަށްވެސް އިދިކޮޅު އިއްތިހާދުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގައި އާންމު އިންތިހާބެއްގެ ވޯޓުލުން އެންމެ އަވަހަށްވެސް ދެން އޮންނާނީ، ތާވަލުގައި ވާ ގޮތުން ނަމަ 2023 ވަނަ އަހަރުއެވެ.